ޑިމޮކްރަސީގައި އެހާވަރަކަށް އަނގަ ކަސްރަތެއް ނުކުރާނެ: މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު -- ފޮޓޯ/ މަޖިލިސް

ޑިމޮކްރަސީގައި ކަންކަން ކާމިޔާބުކުރަންވާނީ "އާގިއުމަންޓުން" ކަމަށާއި ކަންކަން ހާސިލް ކުރުމަށް އެހާވަރަކަށް "އަނގަ ކަސްރަތު" ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަށާރަވަނަ ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ ނިންމާލަމުން މަސީހު ވިދާޅުވީ ޑިމޮކްރަސީގައި ކަންކަން ނިންމާނީ ވޯޓުން ކަމަށާއި އަތްފައި އިސްނުކުރާނެ ކަމަށެވެ. އަދި ބައެއްގެ ސްމާޓް ކަމުން ކަމެއް ހިތް ނޭދޭ ގޮތަށް ނިމުނު ކަމުގައި ވިޔަސް މާޔޫސްވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިމޮކްރަސީގައި ކަންކަން ކާމިޔާބުކުރަންވާނީ އާގިއުމަންޓުން. އަތް ފައި އަޅުގަނޑުމެން އިސް ނުކުރާނެ. އަނގަ ކަސްރަތު ނުކުރާނެ އެހާވަރަަކަށް އެގޮތަކަށެއް." މަސީހު ވިދާޅުވިއެވެ.

މަސީހު ވިދާޅުވީ މިއީ އެންމެންގެ ގައުމު ކަމަށާއި އަބަދުވެސް ކަން ކުރަންވާނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. މަޖިލީހުން ކުރި ހުރިހާ މަސައްކަތަކީވެސް ރައްޔިތުންނަށް ފައިދާ ހުރި ރައްޔިތުންނަށްޓަކައި މެމްބަރުން ކުރި މަސައްކަތްތަކެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދައުރު މަޖިލިސް ނިންމާލުމަށް ފަހު މެމްބަރުން ޗުއްޓީއަށްދާއިރު މި ދައުރުގައިވެސް މަޖިލީހުގެ ތެރެއިން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގައިވަނީ ޖުމުލަ 45 މައްސަލަ ނިންމާފައި ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު އެއީ 95.7 ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.

މަސީހު ވިދާޅުވީ 18 ވަނަ ރައްޔިތުން މަޖިލިސް މިހާ ހިސާބަށް އައި އިރު ޖުމުލަ 421 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 141 ބިލު ހިމެނޭ ކަމަށެވެ. 18 ވަނަ ރައްޔިތުން މަޖިލީހުގެ އުފެއްދުންތެރިކަމަކީ 98.6 ޕަސެންޓް ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލީހުގެ އަންނަ ދައުރުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

comment ކޮމެންޓް