މާފަރު ބަލިކޮށް، ކެނދިކުޅުދޫ އިން ފުރަތަމަ މޮޅު ހޯދައިފި

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާފަރާ ދެކޮޅަށް ނުކުތް ކެނދިކުޅުދޫ ޓީމު --

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާފަރު ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް ކެނދުކުޅުދޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އެކެއްގެ އެ މެޗު ކެނދިކުޅުދޫ އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗަކީ މާފަރު އަދި ކެނދިކުޅުދޫގެ ގްރޫޕް ސްޓޭޖު ފަހު މެޗެވެ.

ގްރޫޕުގެ އެކެއްގައި ލަންދޫ އާއި މިލަދޫ އިން ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައި ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. މިއަދު ކުޅުނު މެޗުން މޮޅުވުމާ އެކު ކެނދިކުޅުދުއަށް ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ އެންމެ ރަނގަޅު ދެ ޓީމުތަކުގެ ތެރޭ ހިމެނި ކުއާޓާގެ ޖާގައެއް ހޯދުމުގެ ކުޑަ ފުރުސަތެއް އޮންނާނެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކެނދުކުޅުދޫ އިންނެވެ. އެ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ އަހުމަދު އަޔާޒެވެ.

ދެ ވަނަ ހާފުގައި މާފަރުން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމުގެ އައްޒާމް އަބްދުﷲ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ނަތީޖާގައި މެޗު ނިމެން ދަނިކޮށް ކެނދިކުޅުދޫގެ މުހައްމަދު އިޝާން ވަނީ ލަނޑެއް ޖަހައި މެޗުން އެ ޓީމަށް މުހިންމު ތިން ޕޮއިންޓު ހޯދައިދީފަ އެވެ.

މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕު ދޭއްގެ މެޗުގައި ބައްދަލުކުރާނީ ކުޑަފަރީ އާއި މަގޫދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

  • ގްރޫޕް އެކެއް: ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.
  • ގްރޫޕް ދޭއް: މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
  • ގްރޫޕް ތިނެއް: ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް