ފިންގާޕްރިންޓް ހުރިތޯ ބަލާފައި ނުވާތީ، 15 އަހަރުގެ ޖަލު ހުކުމެއް ބާތިލުކޮށްފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފިންގާޕްރިންޓް ހުރިތޯ ބަލާފައިނުވާތީ، މަސްތުވާތަކެތީގެ މައްސަލައެއްގައި 15 އަހަރަށް ޖަލަށްލާފައިހުރި މީހަކު ސަލާމަތްވެއްޖެއެވެ.

ށ. ފޭދޫ، މޫރިތި، އަލީ އިބްރާހިމްގެ މައްޗަށް އެ ރަށު ކޯޓުން ކުރި 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކުރީ މިއަދުއެވެ.

ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ އަލީ އިބްރާހިމްގެ މައްޗަށް އުފުލީ 2014 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުގެ އިރުއޮއްސި 6:20 އެހައިކަންހާއިރު، އަލީ އިބްރާހިމްގެ ގޭގެ ފެންޑާގެ ތެރޭގައި ހުރި އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ފެނުމުންނެވެ.

ސައިކަލުގެ މަޑިދަށުގައި އޮތް ސިނގިރެޓް ފޮއްޓެއްގެ ތެރެއިން ފެނުނު ތިން ރަބަރު ޕެކެޓުގައި 0.0244 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކައެވެ.

ފޭދޫ ކޯޓުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ސައިކަލްގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ އަށް ލަނޑެއް ދިނުމުގެ ގޮތުން ބަޔަކު އޭގެތެރެއަށް ލާފައިވާ ތަކެތި ކަމަށް އަލީ އިބްރާހިމް ބުނާ ކަމަށެވެ.

އެ ސައިކަލު ބަހައްޓާފައި ހުރިތަނުގެ ގޮތުން މަޑިދަށަށް އެއްޗެއް ލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ. އަދި އެ މަސްތުވާތަކެތި އަޅާފައި ހުރި ޕެެކެޓުތަކުގައި ފިންގާޕްރިންޓް ހުރިތޯ ފުލުހުން ބަލާފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެހެންކަމުން ފޭދޫ ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.

comment ކޮމެންޓް