މަކުނުދޫގައި މަސްމާރުކޭޓް އަޅަން ބީލަމަށް ހުޅުވާލައިފި

މަކުނުދޫ: އެ ރަށުގައި މަސް މާރުކޭޓެއް އަޅާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައި ---

ހދ. މަކުނުދޫގައި އަޅަން ނިންމާފައިވާ މަސްމާރުކޭޓުގެ މަސަތްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަށް ހުޅުވާލައިފި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް އަބްދުﷲ ޔާމީން އަބުލްގައްޔޫމް ވަނީ މަކުނުދޫގައި މަސްމާރުކޭޓެއް އަޅައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ޖުމްލަ އެއް މިލިއަނަށް ބެޖެޓްކޮށްފައިވާ މަކުނުދޫ މަސްމާރުކޭޓްގެ މަސަތްކަތަށް މި އަހަރުގެ ބަޖެޓުގައި ވަނީ އަށް ލައްކަ ރުފިޔާ ހިމަނައިފަ އެވެ.

މަކުނުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ މަސްމާރުކޭޓު އަޅަން ޖެހޭނީ އެ ކައުންސިލުން ހުށަހަޅާ ބީއޯކިޔުއާ އެއްގޮތަށް ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު ހަތް ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށް ފަހު 18 ވަނަ ދުވަހު ބީލަން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަކުނުދޫގައި މަސްމާރުކޭޓް އަޅަން ބީލަމަށް ލާފައިވާ އިރު ރައީސް ޔާމިން ވަނީ އެ ރަށުގައި، ސްޓޯރޭޖް ޓޭންކަކާ އެކު މީރުފެން އުފައްދާ އާރޯ ޕްލާންޓަކާއި ނަރުދަމާގެ ހިދުމަތް ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަކުނުދޫ ސްކޫލުގައި އާ 10 ކްލާސްރޫމް އާއި މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށް ދިނުމުގެ ގޮތުން އެ ރަށުގައި އައިސް ޕްލާންޓެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގަނެފަ އެވެ.

އަންނަ އަހަރަށް މަޖިލީހުން ފާސްކުރި 27.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ އެ ރަށުގައި 10 ކުލާސް ރޫމްގެ ދެ ބުރި އިމާރާތެއް އެޅުމަށާއި އައިސްޕްލާންޓެއް އެޅުމަށް ވެސް ބެޖެޓްގައި ހިމަނާފައިވެ އެވެ.

comment ކޮމެންޓް