100 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ޔޫތު ފޯރަމް ފަށައިފި

ޔޫތު ފޯރަމް ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ

ގައުމީ ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ ޔޫތު ފޯރަމް 100 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ފަށައިފި އެވެ.

އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ފޯރަމް މިއަދު ހެނދުނު ދަރުބާރުގޭގައި ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ފޯރަމް ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ އެ ފޯރަމަކީ ރާއްޖޭގައި މުޅިން އަލަށް ބައްވާ ފޯރަމެއް ކަމަށާއި މަގުސަދަކީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުމާއި އެ ފަރާތްތަކުގެ ހިޔާލު ހޯދުން ކަމަށެވެ.

ޔޫތު ފޯރަމް ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

"މި ފޯރަމްގައި ޒުވާނުންނަށް ހުރި ފުރުސަތުތަކާއި ޒުވާނުންނަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނެސްދެއްވާ ތަރައްގީ އާއި ކުރިއެރުން އަދި ފުރުސަތުތަކުގެ ސަބަބުން އަޅުގަނޑުމެނަށް ލިބިފައިވާ ކުރިއެރުން އަދި ޒުވާނުންގެ އެޖެންޑާގައި މި އަންނަ ގޯލްޑަން އީރާ ތިޔަ ބޭފުޅުންނާ ހިއްސާކޮށް ތިޔަ ބޭފުޅުންގެ ހިޔާލަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ބޭނުންވޭ ބަލައިލަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު ފޯރަމްގައި ޑިސްކަޝަން ކުރިއަށް ގެންދާނީ މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝީއާރު ކަމުގައިވާ 'ޒުވާނުންގެ ހިއްސާ ގައުމުގެ ކުރިމަގު' ތީމަށް ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

ޔޫތު ފޯރަމްގެ ތެރެއިން --- ފޮޓޯ: ޔޫތު މިނިސްޓްރީ

ފޯރަމްގައި ބައިވެރިން އެކުލަވާލާ ކަރުދާސް ރައީސް ޔާމީންއާ ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ. އަދި އެކަޑަމިކް ލެވަލްގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާ އެކު ކަރުދާސް ތައްޔާރުކޮށް އަންނަ އަހަރު އިތުރު ޑިސްކަޝަނެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އިރުތިޝާމް ވިދާޅުވި އެވެ.

"މިފަދަ ފޯރަމެއްގެ އެކްސްޕީރިއަންސާ އެކު ކުރިއަށް އޮތް ތާންގައި ބައިނަލްގުވާމީ ފެންވަރެއްގައި ޔޫތު ފޯރަމެއް ބޭއްވުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބަ އިންތިޒާމް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު ފޯރަމްގެ މޮޑަރޭޓަރަކީ ފޮރިން މިނިސްޓްރީގެ އަންޑަ ސެކެޓްރީ އަދި ބައިކް މޯލްޑިވްސްގެ ސީއީއޯ އަހްމަދު ހަސަން ދީދީ އެވެ.

comment ކޮމެންޓް