15 ބުރީގެ ހަތަރު ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން ކަސްޓަމުން ވެސް އިއުލާނު ކޮށްފި

80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، 15 ބުރީގެ ހަތަރު މިކްސްޑް ރެޒިޑެންޝަލް ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ އިން ވެސް އިއުލާނުކޮށްފި އެވެ.

ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ އިން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔުމުން ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީ މެއިލް ކުރުމަށް އެދޭ ކަމަށެވެ. ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ފޮނުވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00 އެވެ.

އީ މެއިލް ކުރަން ޖެހޭ މެލް އެޑްރެހަކީ [email protected] އެވެ. ސުންގަޑީގެ ފަހުން ފޮނުވާ މެއިލް ބަލައި ނުގަންނާނެ ކަމަށް ކަސްޓަމްސްގެ އިއުލާނުގައިވެ އެވެ.

ފަނަރަ ބުރީގެ ހަތަރު މިކްސްޑް ރެޒިޑެންޝަލް ޓަވަރު އަޅައިދޭނެ ބަޔަކު ހޯދުމަށް ކަސްޓަމްސް އިން އިއުލާނު ކޮށްފައިވާ އިރު ސްޓެލްކޯ އިންވެސް ވަނީ އެކުންފުންޏަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބިފައިވާ ބިމުގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފަ އެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ އެކުންފުންޏަށް 15 ބުރީގެ ތިން ޓަވަރު އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.

ސަރުކާރުން ވަނީ "ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް މިދިޔަ ހަފްތާ އިފްތިތާހުކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ.

comment ކޮމެންޓް