ރާއްޖެ ޕްލަސްގެ ލައިސަންސް ބާތިލްކުރުމުން ކޯޓަށް މައްސަލަ ހުށަހަޅައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު -- ފޮޓޯ/ރައީސް އޮފީސް

އާރު ޕްރޮޑަކްޝަންސް ކުންފުނިން ރަޖިސްޓްރީ ކޮށްފައިވާ ޗެނަލެއް ކަމަށްވާ ރާއްޖެ ޕްލަސް ޗެނަލްގެ ލައިސަންސް ބާތިލުކުރީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

ރާއްޖެ ޕްލަސްގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ދައުވާކޮށް ހުށަހެޅި އެ މައްސަލަ އިއްޔެ ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

ރާއްޖެ ޕްލަސްގެ އޮފިޝަލް ވިދާޅުވީ އެ ޗެނަލްގެ ޚިދުމަތްދޭން މިއަހަރުގެ ސެޕްޓެމްބަރު މަހު އަށް ވަނަ ދުވަހު ފަށާފައިވަނިކޮށް، އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ރާއްޖެ ޕްލަސް އަކީ މުނިފޫހިފިލުވުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި ފިލްމާއި ޑްރާމާ އަދި ލަވަތައް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޗެނަލެކެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އައިޕީ ޓީވީ މެދުވެރިކޮށް ޚިދުމަތް ދިނުމަކީ، ބްރޯޑްކާސްޓް ކުރުމަށް އާރް ޕްރޮޑަކްޝަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާން ކޮށްފައިވާ "ސެޓެލައިޓް" މެދުވެރިކޮށް ޚިދުމަތް ފެށުނު ކަމަށް ގަބޫލު ނުކުރާތީ ކަމަށް ބުނެއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ބްރޯޑްކާސްޓް ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަސް ތެރޭ ޚިދުމަތް ފެށުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ލާޒިމް ކުރާ ކަމެއް ކަމަށެވެ.

ނަަމަވެސް އެ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް އާރު ޕްރޮޑަކްޝަނުން ބްރޮޑްކާސްޓް ކުރުމުގެ ޚިދުމަތް ފަށާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އާރު ޕްރޮޑަކްޝަންސް އަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް