އަހަރެން ފިކުރާވި އިސްލާމްދީން

ތާޖުމަހަލް ހުރި ސަރަހައްދުގައި މުސްލިމުން ހުކުރު ނަމާދު ކުރަނީ--

ނޯޓް :" އަހަރެން ފިކުރާވި އިސްލާމްދީން " މިމައިގަނޑު ނަމުގައި އަޅުގަނޑު މިލިޔާ ސިލްސިލާ އަކީ އައުމުސްލިމެއް ކަމުގައިވާ އަބްދުﷲ އަޑްޔާރު އޭނާގެ ހިތްޕުޅުގައި އިސްލާމްދީނާމެދު އިޝްޤުގެ ދަރަޖަޔަށް އުފެދުނު ލޯބިފުޅުގެ ސަބަބުތަކުގެ މައްޗަށް ލިޔުއްވައިފައިވާ ކުރު މަޒުމޫނުތަކެއް ނުވަތަ ކޮލަމްތަކެއްގެ ތަރުޖަމާއެވެ. އޭނާ މިކޮލަމްތައް ލިޔުއްވައިފައިވަނީ އޭނާގެ އެޑިޓަރުކަމުގެ ދަށުގައި ނެރުއްވި ތަމަޅަ ނޫހެއްކަމުގައިވާ "ނީރޯޓަމް" ގައެވެ.

އަބްދުﷲ އަޑްޔާރު (1996-1935) އަކީ ތަމަޅަ ނަސްލުގެ ބޭފުޅެކެވެ. ކުޅަދާނަފުޅު ނޫސްވެރިޔެކެވެ. މުފައްކިރެކެވެ. ކަނިބުރައިގެންދާފަދަ ބާރުގަދަ ބަސްފުޅުތަކުން ތަޤްރީރުކުރެއްވި މޮޅު ވާހަކަ ދެއްކެވުންތެރިޔެކެވެ. އިންސާނީ ހަޔާތުގައި ކުރިމަތިވާ ތަފާތު މައްސަލަތަކާ މެދު ވިސްނައިވަޑައިގަތުމާއި އެކަންކަން ޙައްލުކުރެވޭނެ ތަދުބީރުތަކާމެދު ޚިޔާލުކުރެއްވުމާއި އެކަންކަމާމެދު ވަކިފަރާތަކަށް ޖެހިވަޑައިނުގެން ސާފު ސަރީހު އިބާރާތުން ވާހަކަ ދެއްކެވުމަކީ އޭނާގެ މިޒާޖްފުޅެވެ.

އަބްދުﷲ އަޑްޔާރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޓެމިލްނާޑުގެ ރަށްތަކުގެ ތެރެއިން ދިވެހީންގެ މެދުގައިވެސް މަޝްހޫރު ރަށެއްކަމުގައިވާ ކޮއިންބަތޫރުގެ ތަރީޕޫރާގައެވެ. ސުކޫލު ދައުރުގައިވެސް ކޮލެޖުގެ ދުވަސްވަރުވެސް އޭނާއަކީ އަދަބިއްޔާތަށް ޝައުޤުވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. ކޮލެޖުގެ ދުވަސްވަރު އޭނާވަނީ ކޮލެޖުގެ ތަމަޅަ އަދަބިއްޔާތުގެ ޑިޕާރޓްމަންޓުގެ ސެކްރެޓަރީކަން ކުރައްވައިފައެވެ.

އަބްދުﷲ އަޑްޔާރު އަމަލީ ހަޔާތަށް ނިކުމެވަޑައިގެންނެވީ ނޫސްވެރިޔެއްގެ ޙައިޘިއްޔަތުންނެވެ. ތެމިލްނާޑުގެ ސިޔާސީ ޕާޓީއެއްކަމުގައިވާ ޑީ.އެމް.ކޭ (ޑްރެވިޑިޔަން މޫމެންޓް ކަޒަގަމަ) ގެ ދުވަހުނޫހެއް ކަމުގައިވާ މުރާސޮލީގެ ކޮލަމިސްޓެއްގެ ގޮތުންނާއި، ސަބްއެޑިޓަރެއްގެ ޙައިޘިއްޔަތުން އޭނާ މަސައްކަތްކުރެއްވިއެވެ. ތެމިލްނާޑޫގެ ވިނޯބަހާ ތަހްރީކާވެސް ގުޅިވަޑައިގެންނެވިއެވެ. އެތަހްރީކުގެ ތަރުޖަމާނެއްކަމުގައިވާ ދުވަހުނޫސް "ގަރާމްދާން" އާއި ނީރޯޓަމްގެ އެޑިޓަރުކަންވެސް ކުރެއްވިއެވެ.

1975 ވަނަ އަހަރު އިންޑިޔާގައި ހިންގި އިމަޖަންސީގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އަބްދުﷲ އަޑްޔާރުވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމުގައި ވަރަށް ގިނަ އުނދަގޫތައް ބަރުދާސްކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އޭރު އޭނާއަކީ ނީރޯޓަމްގެ އެޑިޓަރެވެ. ތެމިލްނާޑޫގެ ވެރިކަންކުރާ ޖަމާއަތުގެ މަޖްލިސެ ޢަމަލާގެ ހަރަކާތްތެރި މެމްބަރެވެ.

އަބްދުﷲ އަޑްޔާރު ސުކޫލު ދައުރުގައިވެސް މުސްލިމު ކިޔަވާ ކުދިންނާ ވަރަށް ރައްޓެހިފުޅެވެ. އޭނާގެ އުސްތާޛުންގެ ތެރޭގައިވެސް މުސްލިމުންގެ ވަރަށް ގިނަ ޢިލްމުވެރީން ތިއްބެވިއެވެ. އެންމެ ޚާއްޞަގޮތެއްގައި އިސްލާމްދީން މުޠާލިޢާކުރައްވަން އޭނާއަށް ފުރުސަތު ލިބިވަޑައިގެންނެވީ އިމަޖަންސީގެ ދުވަސްވަރު ޖަލުގައި ހޭދަކުރެއްވި ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައެވެ. އޭނާ އިސްލާމްވެވަޑައިގެންނެވީ 1988 ވަނަ އަހަރުއެވެ.

އަބްދުﷲ އަޑްޔާރުވަނީ އިސްލާމީ މައިގަނޑު ނަންތަކުގައި ތަމަޅަބަހުން ވަރަށް ގިނަ ފޮތް ލިޔުއްވައިފައެވެ. އޭގެތެރޭގައި ޖަލުން މިސްކިތާ ހަމަޔަށް، އެއްކައުވަންތަކަލެއް ހެއްޔެވެ؟ ހާސްކަލާނގެތައް ހެއްޔެވެ؟ ޤުރުއާން މަޖީދަކީ ކޮބާ؟ އިސްލާމް ދަރާވަޅު ލީޑަރުންގެ ނަޒަރުގައި، ދުނިޔޭގެ ގާއިދުންގެ ނަޒަރުގައި އިސްލާމްދީން، އިސްލާމްދީން އެބަ ގޮވައިލައެވެ. ޝަރީއަތުގެ ޤާނޫނު ތެރެޔަށް ނުވަންނާށެވެ. ކަޅުއާދީއްތަ މިފަދަ ފޮތްތަތައް ހިމެނެއެވެ.

އަޅުގަނޑު މިއަދު މިފަށާ ސިލްސިލާ " އަހަރެން ފިކުރާވި އިސްލާމްދީން" އަކީ އަބްދުﷲ އަޑްޔާރު ނީރޯޓަމްގައި "ކާދިލްކަމް އިސްލާމް" ގެނަމުގައި ލިޔުއްވި ކޮލަމްތަކުގެ ފޮތުގެ ތަރުޖަމާއެވެ. މިފޮތް މިހާރުވަނީ އުރުދޫ، ސިންދީ، ހިންދީ، އިނގިރޭސި، ތަލްގޫ، މަލިޔާޅަމް، މިބަސްބަހަށް ތަރުޖަމާ ކުރެވިފައެވެ.

މިފޮތް ސިންދީ ބަހަށާއި، އުރުދޫ ބަހަށް ތަރުޖަމާކުރެއްވީ އަލް އަޚް އެމް.ޖޭ ޖަމީލު އަޙްމަދުއެވެ. މިފޮތުގެ ސިންދީ ތަރުޖަމާ ޕާކިސްތާނުގައި ޝާއިއުކުރެވުނީ ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައެވެ. އެފޮތް ނެރެދެއްވީ ޕާކިސްތާނުގެ އޭރުގެ ރައީސް ޖަނަރަލް މުޙައްމަދު ޟިޔާއުލް ޙައްޤެވެ. އަބްދުﷲ އަޑްޔާރާއި، އެމް. އޭ ޖަމީލު އަހްމަދު އެރަސްމިއްޔާތުގައި ޚާއްސަ މެހްމާނުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް މިހުށަޅަނީ އެފޮތުގެ އުރުދޫ ތަރްޖަމާގެ ތަރުޖަމާއެވެ.

މިހާރުވެސް ހެޔޮވަރަށްވުރެ ތަންކޮޅެއް ދިގުވެފައިވާ ނޯޓު ނިންމައިލަމުން އުފާވެރި އިއްތިފާގެއްގެ ވާހަކަވެސް ދަންނަވައިލަމެވެ. "ސަން" ގައި އަޅުގަނޑު މިސިލްސިލާ މިފަށަނީ ކޮންމެ ހޯމަދުވަހަކު އަޅުގަނޑު ޝާއިއުކުރަމުން ގެންދިޔަ ސިލްސިލާ ނިމުމުންނެވެ. މިސިލްސިލާ ފެށޭ ދުވަހަކަށް އިއްތިފާޤުން ދިމާވަނީ ރަބީއުލްއައްވަލުމަހެއްގެ ނުވަވަނަޔަށް އަންނަ ހޯމަ ދުވަހެކެވެ. މިސިލްސިލާގެ އެންމެ ފުރަތަމަ މަޒްމޫނަކީ އެންމެ ރީތި ނަމޫނާއެވެ. މިއީ އަޅުގަނޑުގެ ހިތަށާއި ސިކުނޑިޔަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެވެ.

* * *

އެންމެ ރީތި ނަމޫނާ

އަޅުގަނޑު އިސްލާމްދީނާމެދު ބަލަނީ ވަރަށް ޚާއްޞަ އިއްޒަތަކާއި އިޙްތިރާމަކާ އެކުގައެވެ. މިކަމާ ގުޅޭގޮތުން އަޅުގަނޑުގެ ޚިޔާލުތައް ލިޔަމުންގެންދާނަމެވެ. އަޅުގަނޑު އުންމީދުކުރަނީ މިލިޔުންތައް ވިދާޅުވާ ބޭފުޅުން ވަރަށް ފަރުވާތެރިކަން ދެއްވައިގެން ވިސްނުންތެރިކަމާއެކު މިލިޔުންތައް ވިދާޅުވަމުންގެންދަވާނެކަމުގައެވެ.

ދީންތަކުގެ ބާނީންނަށް މިހާރަކަށް އައިސް މުޚާތަބުކުރެވެނީ ރިވިޝަނިސްޓުން (ރުޖޫއީން ނުވަތަ ފިކުރިއްޔާތަކެއްގެ ނުވަތަ ނިޒާމެއް ނުވަތަ ވަކި ޢިލްމީ ޘަޤާފަތެއް އޮންނަ ގޮތް ރަނގަނޫން ކަމަށްދެކެ އެގޮތް ބަދަލުކޮށް އާގޮތެއް ގެނަންވެސް މަސައްކަތްކުރާ މީހުން) ގެ ނަމުންނެވެ. ނަމަވެސް އަޅުގަނޑުގެ ހޯދުންތަކުން ފެނުނު ގޮތުގައި އެހުރިހާ ބޭކަލުންނަކީވެސް އެބޭކަލުންގެ ޒަމާނުގެ ޖާހިލީރަސްމުތަކާ ދެކޮޅުހައްދަވައި އިސްލާޙަށް އަޑުއުފުއްލެވި އިންޤިލާބީ ލީޑަރުންނެވެ.

ހިންދީދީން ނުވަތަ ވެދަކު މަޒްހަބު އިސްލާޙުކުރައްވަން މަސައްކަތްކުރެއްވި ޝަންކަރު އާޗާރިއްޔާ އަކީވެސް އިންޤިލާބީ ލީޑަރެކެވެ. ވެދުގެ އެއްމާނައަކީ ލޯތަކަށް ވަންހަނާކުރުމެވެ. ނުވަތަ ފޮރުވުމެވެ. މިޚިޔާލުގެންގުޅޭ ދުނިޔެއެއްގައި "ވެދު އެންމެނަށްޓަކައި" ގެ ނަޢުރާގެ އަޑުއުފުއްލެވި ރާމަންޖުމްއަކީ (RAMAN JUM) ވެސް އިންޤިލާބީ ޝަޚްޞިއްޔަތެކެވެ.

މަސީޙު އަލައިހިއްސަލާމަކީވެސް އެކަލޭގެފާނުގެ ޒަމާނުގެ ޖާހިލީ ރަސްމުތަކާ ދެކޮޅަށް އަޑުއުފުއްލެވި އިންޤިލާބީ ޝަޚްޞިއްޔަތެކެވެ. އަޅުގަނޑުމެން ދީންތަކުގެ ތާރީޚު މުޠާލިއާކޮށްފިނަމަ ސާބިތުވާނީ އެމުހިންމު ޝަޚްޞިއްޔަތްތަކަކީ ރިވިޝަނިސްޓުންނެއް ނުވަތަ ރުޖޫއީންނެއް ނޫންކަމެވެ. އިންޤިލާބީންކަމެވެ.

މިދެންނެވިފަދަ ޝަޚްޞިއްޔަތްތަކުގެ ތެރެއިން އެންމެ މަތިވެރި އެންމެ މާތް ޝަޚްޞިއްޔަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ފާޅުގައި ހަރުއަޑުން އިއުލާނުކުރާކަށް އަޅުގަނޑު ކުޑަކޮށްވެސް ފަހެއްނުޖެހެއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ (އާއި އެހެންވެސް ނަބީބޭކަލުން) ފިޔަވައި އެހެނިހެން ބޭކަލުން ޙިކުމަތާއި ފިކުރިއްޔާތު ހާޞިލުކުރެއްވީ އެރޮނގުގެ ކޮންމެވެސް ޢާލިމެއްގެ އަރިހުންނެވެ. އެބޭކަލުންގެ ބެލެނިވެރީން ނުވަތަ އާއިލާވަނީ އެބޭކަލުންގެ ތަރްބިޔަތުގެ މުހިންމު ވަސީލަތަކަށްވެފައެވެ.

ނަމަވެސް އަޅުގަނޑުމެން ވިސްނައިބަލައިލާއިރު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެނިހެން ޝަޚްޞިއްޔަތްތަކާ ވަރަށް ތަފާތެވެ. އެމާތް ސާހިބާ ރައްކައުވުމުގެ ކުރީންވަނީ ބައްޕާކަލުން ޢަބްދުﷲގެފާނު އަވަހާރަވެފައެވެ. އެކަމުގެ ސަބަބުން ލިބިވަޑައިގަންނަވާނެ ހިތްޕުޅުދަތިކަމާއި ތުރާތައް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ ބައްޕަގެ މޫނުފެނުމުގެ ނަސީބުން މަހްރޫމްވެފައިވާ ޔަތީމުންނަށެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޙްރޫމްވެވަޑައިގެންނެވުމުގެ ސިލްސިލާ އެހައިތަނަކުންވެސް ނިމުނީކީނޫނެވެ. އެމާތްސާހިބާގެ އުމުރުފުޅުން ހައަހަރުފުޅުގައި މައިކަނބަލުންގެ ހިޔާވަހިކަމުންވެސް މަޙްރޫމްވެވަޑައިގެންފިއެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ މައިކަނބަލުން އާމިނަތުގެފާނާއި އާޔާ އުންމު އައިމަނުގެ އަރިހުގައި ޔަޘްރިބަށް ދަތުރުފުޅެއް ކުރެއްވިއެވެ. ބައްޕާފުޅުގެ މަހާނަފުޅަށް ޒިޔާރަތްކުރެއްވުމަށްޓަކައެވެ. އެނބުރިވަޑައިގެންނެވި މަގުމަތީގައި މައިކަނބަލުން އަވަހާރަވީއެވެ.

ކުރީންވެސް ދެންނެވިފަދައިން ބައްޕާފުޅުގެ މޫނުފުޅުދެކެވަޑައެއް ނުގަންނަވައެވެ. އާއިލާއާ ވަކީންދުރު ދަތުރުފުޅެއްގައި އުޅުއްވަނިކޮށް މައިކަނބަލުން އަވަހާރަވުމުގެ ހިތާމަފުޅު އުފުއްލަވަން ޖެހިވަޑައިގެންނެވީއެވެ. އެތުއްޕުޅު ޔަތީމު ( ގޮވައިގެން އެކަލޭގެފާނުގެ އާޔާ މައްކާއަށް ވަޑައިގަތުމުން) އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުން ކުރިޔަށް ނިކުމެވަޑައިގެންނެވީ ލޮބުވެތި ކާފާފުޅެވެ. އެކަމަކު ދެއަހަރެއްހައި ދުވަހުގެ ތެރޭގައި ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ.

ބައްޕާފުޅާއި، މަންމާފުޅާއި ކާފާފުޅުގެ ލޯބިފުޅާއި އެހީތެރިކަމުން މަހްރޫމުވެވަޑައިގަތީ އަށެއްކަ އަހަރުގެ ކުރު މުއްދަތުގެ ތެރޭގައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަޔާތްޕުޅުގެ އަޑިގުޑަންކަމާ ކުރިމަތިލެއްވީ ގިނިކަންޏާއެވެ. މާތްﷲ ގެ ދީލަތިވަންތަކަމާއި ރަޙްމަތްވަންތަކަމުގެ އައްސޭރިޔަށް އިންސާނިއްޔަތު ގެނެސްދެއްވި މާތް ނަބިއްޔާ ފެންނަނީ ދިރިއުޅުއްވުމުގެ މައިދާނަށް ގިނިކަންޏާ ނުކުމެވަޑައިގެން ހުންނަވަނިކޮށެވެ. އެމާތް ސާހިބާގެ ބޮޑުބޭބޭފުޅު އަބޫޠާލިބު އެމަރްހަލާގައި އަތްބާރުއަޅުއްވައިދެއްވިއެވެ. ނަމަވެސް މައިންބަފައިންގެ ހިޔާވަހިކަމުން މަހްރޫމުވުމަކީ ކިހައި ހިތި ކިހައި ހިތްދަތިކަމެއްކަން ވަޒަންކުރެވޭނީ އެކަން ތަޖްރިބާކުރި ބަޔަކަށެވެ. މައިންބަފައިންގެ އެހީއިން މަޙްރޫމުވެފައިވާ މީހުންނަށެވެ.

އިސްލާމްދީންފަދަ އަގުބޮޑު މަތިވެރި ނިޢުމަތެއް ދުނިޔެއަށް ލިބުނީ އިސްވެދެންނެވި މަޙްރޫމުވެވަޑައިގެންފައިވާ ޔަތީމު ޒުވާނާގެ އަތްޕުޅުމަތީންނެވެ. އެޔަތީމުގެ ދަޢުވަތު ސްޕޭނުން ފެށިގެން ޗައިނާއާ ހަމަޔަށް ފެތުރުނީ ކިހިނަކުން ބާވައެވެ؟ ދުނިޔޭގެ އެއްބިތުން އަނެއްބިތަށް ފުޅާވެގެން ދިޔައީ ކޮން ގޮތަކަށް ބާވައެވެ. މިއީ ބުއްދިތައް ޙައިރާންވެ އަންތަރީސްވާފަދަ ޙަޤީޤަތެކެވެ. ޝައްކެއްނެތެވެ. އިސްލާމްދީން ފެތުރި ފުޅާވެފައިވަނީ އެދީނުގެ މަޢުސޫމު ނަބިއްޔާގެ ރިވެތި ސުލޫކުގެ ސަބަބުންނެވެ. އެއްވެސް ކަހަލަ އައިބެއްނެތް ދިރިއުޅުއްވުމުގެ ސަބަބުންނެވެ. ދިލައެއް މިލައެއްނެތް ރީތި ޚުލުޤުފުޅުގެ ބާރުގައެވެ. އެހެންކަމުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒާތުފުޅަކީ އިންސާނިއްޔަތުގެ ކުރިމަތީގައިވާ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާކަމީއެއްވެސް ބަޙުޘެއް އޮތްކަމެއްނޫނެވެ. ޝައްކަކަށް ވަސްވާހަކަށްތަންދޭކަމެއް ނޫނެވެ.

comment ކޮމެންޓް