ޖަވާބުދާރީވާން ފުރުސަތު ނުދީ މައްސަލަ ނިންމުމުން ބޮޑު ދަރަނީގެ ހުކުމެއް ބާތިލްކޮށްފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދައުވާ ރައްދުވާ މީހާއަށް ޖަވާބުދާރީވާން ފުރުސަތު ނުދީ މައްސަލަ ނިންމުމުން ކ. ހުރާ ކޯޓުން ކުރި ބޮޑު ދަރަނީގެ މައްސަލައެއްގެ ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.

އެ މައްސަލަ އަކީ މ. ނައިންހައުސް ޒުންނަވާރު ސަލީމް ދޯންޏެއް ގަތުމަށް ކ. ހުރާ ޒަމާނީގެ އަހުމަދު ފަޒީލާއެކު ވި އެއްބަސްވުމުގެ ދަށުން ފައިސާދިން ނަމަވެސް އެ ދޯނި ދީފައިނުވާތީ އެ ފައިސާ ހޯދަން ދައުވާ ކުރި މައްސަލައިގެ ހުކުމެވެ.

ހުރާ ކޯޓުން ހުކުމް ކޮށްފައި ވަނީ ފަޒީލު ޒުންނަވާރަށް ދޭންޖެހޭ 1253،345 އެ ކޯޓު މެދުވެރިކޮށް ފަޒީލަށް ދިނުމަށެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ އަކީ ދައުވާ އަށް ޖަވަބުދަރީވާން އެކަށީގެންވާ ވަގުތު ބޭނުންވާ ވަރުގެ މައްސަލައެއްކަން ލިޔުންތަކުން އެނގޭ ކަމަށެވެ.

އެ ހުކުމްގައި ވަނީ ޝަރީއަތް ކުރުމުގެ އާންމު އުސޫލަކީވެސް ހުށަހެޅިފައިވާ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވާން ހަމަހަމަ ފުރުސަތެއް ދިނުން ކަމަށެވެ.

ހަމަ ހަމަ އުސޫލަކުން ހެކި ހުށަހެޅުމަށް ދެ ފަރާތަށް ފުރުސަތުދީފައިނުވާތީ ހުރާ ކޯޓުގެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އަދި މައްސަލަ ބެލުމުގެ އިހްތިސޯސް ލިބިގެންވާ ކޯޓަކަށް ހުށަހަޅައިފިނަމަ އެ މައްސަލަ އަލުން ބެލޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް