އިހުވީ ލޯބި ފަހުން ވޭންދެނިވި އަދަބަކަށް!

--

ލޯބިން ގުޅޭ ދެހިތެއްގެ އާހިރު ނިމުނަކީ އަނިޔާ ކަމަށް ވެގެންނުވާނެތާއެވެ. ލޯބިން އުޅޭ ދެމެފިރިއެއްގެ ދެމެދަށް އަނިޔާ ވަނުމަކީ އެކަކުވެސް އެދޭނެ ގޮތެއް ނޫނެވެ. އަހުރަވެތި ގުޅުމަކުން ދެމީހުން ގުޅޭ އިރު އެ ގުޅުމަކީ އަންހެން މީހާއަށް އަދަބަކަށް ވެގެން ނުވޭނެއެވެ. ދިރިއުޅުމުގެ ރާސްތާ އެކުގައި ކަޑަތުކުރާއިރު އިނދެގެން އުޅޭ އަނބިމީހާއަކީ އަޅަކަށް ހެދުން އެއީ ތިމާގެ ގަދަކަމާއި ކެރޭކަން ދައްކުވައިދޭ ކަމެއް ނޫނެވެ. އެއީ ތިމާގެ ފިނޑި ކަމެވެ.

ތިން ލައްކަ މީހުންގެ އާބާދީއެއް އޮތް އަމާންކަމުގެ ސުވަރުގެ ކަމަށް އަޅުގަނޑުމެން ބުނާ މި ދިވެހިރާއްޖޭގެ ގޭގެ ކޮޓަރިތަކަކީ އަނިޔާގެ 'ނަރަކަ'އަކަށް ވެދީގެން ނުވާނެ އެވެ. ގައުމެއް އާމާންވަނީ އެ ގައުމުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް، ހަމަ ކޮންމެ ރައްޔިތަކަށް ވެސް އަމާން ތަނަކަށް ވެގެންނެވެ. އެއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އެހެން ކަމަށްވާ ނަމަ ފާޅުކަން ބޮޑު ގޮތެއްގައި އަނިޔާގެ ވާހަކަ މިހާ އާންމުވެފައިވާ އިރު އެއީ ވިސްނާލަން ޖެހޭ ވަރުގެ ވާހަކައެކެވެ.

ކޮންމެ ތިން އަންހެނަކުން އެކަކަށް އަނިޔާ ލިބޭ

ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން 2014 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީގައި އަންހެނުންގެ ނިސްބަތަކީ 166،472 އެވެ.

ޖެންޑާ އެންޑް ފެމިލީ މިނިސްޓްރީ އިން އެންމެ ފަހުން ހާމަ ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނަކީ، މަދުވެގެން އެއް ފަހަރު އަނިޔާއެއް ތަހައްމުލުކޮށްފައިވާ މީހެއްކެވެ. މިއީ އާބާދީ އަށް ބަލާއިރު ކަންބޮޑުވާންވީ ބޮޑު މައްސަލައެކެވެ. ހަމަ އެކަނި ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކޮށްގެން ހައްލެއް ލިބޭނެ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ.

ޖެންޑާ މިނިސްޓްރީން ބުނާ ގޮތުން ކަންބޮޑޫވާންވީ ވަރަށް އެ އިދާރާއަށް އަނިޔާއާ ގުޅޭ މައްސަލަތައް ހުށައެޅެމުންދާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާ ނުވަތަ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

ރިޕޯޓް ކުރުން މަދު!

ކަމާ ގުޅުން ހުރި އިދާރާތަކުގެ ކަންބޮޑުވުން މިފަދަ މައްސަލަތަކުގައި އިތުރުވަނީ އެފަދަ ކަންކަން ރިޕޯޓް ކުރުން ލަސްވުމެވެ. ނުވަތަ އެއްގޮތަކަށް ވެސް ރިޕޯޓް ނުކުރުމެވެ. އެންމެ ކުޑަ އިރުންސުރެ ފުރާ ފުރިހަމަވެ މުސްކުޅިވެގެންދާއިރު ވެސް ލިބޭ އަނިޔާގެ ވާހަކަ ނުދައްކާ މީހުން އެބަތިއްބެވެ.

އަނިޔާގެ ވާހަކަ އެ މީހުން ނުދައްކަނީ ދަރިންނަށް ޓަކަ އެވެ. އެ ވާހަކަ ނުބުނެ ތިބެނީ އަނިޔާ ކުރިއަސް ފިރިމީހާއަށް ކިޔަމަންތެރިވުމުގެ ގޮތުންނެވެ. އަދި ބައެއް ފަހަރު އެއަށް ވުރެ ބޮޑު އަނިޔާއެއް ލިބެމުންދާނެ ކަމަށްޓަކާ އެވެ.

މީގެ ކުރިން ފިރިމާހާގެ ކިބައިން އަނިޔާ ލިބި ފަހުން އެކަމުން ސަލާމަތްވި ޒުވާން އަންހެނަކު ބުނީ އޭނާއަށް އެންމެ ފުރަތަމަ ރިޕޯޓް ނުކުރެވުނީ ފިރިމީހާ ފަހުން ރަނގަޅުވާނެ ކަމުގެ އުންމީދުގައި ކަމަށެވެ. އަދި އަނިޔާ ކުރުމަކީ އޭރު މާބޮޑު މައްސަލައަކަށް ނުވީމަ އެވެ.

އަންހެނަކު ފަން ބޮޑިއަކާއި އިލޮށިފައްޗެއް ހިފައިން ހިނގާފަ ދަނީ-އަންހެނުންނަށް ކުރާ އަނިޔާ ރާއްޖޭަގއި ދަނީ އިތުރުވަމުން--ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

"އޭރު ނުވޭ މާބޮޑު މައްސަލައަކަށް. އައިސް ތަޅައިގަނެފައި ދިޔާމަ ފަހުން ރަނގަޅުވާނޭ ހިތަށް އެރީ. އެކަމު އެއް ދުވަހު އިހްސާސްވި އަހަންނަކީ ވެސް ހުރުމަތްތެރިވެފައިވާ އިންސާނެކޭ. އަހަންނަށް އަނިޔާ ކުރުމުގެ ހައްގެއް އެކަކަށް ވެސް ލިބިގެންނުވޭ. އެކަމު އަސްލު އޭރު ވަރަށް ލަސްވެއްޖެ. މީހާ އެއްކޮށް ހުރީ ނަފްސާނީ ބައްޔަށް ގޮސް ހުސްވެފައި،" އެ އަންހެން މީހާ ބުންނެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކަށް އަލިއަޅުވާލައި އެ ކޮމިޝަނުން ބުނެފައި ވަނީ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާ، ބިރުދެއްކުމާއި، މާލީ ގޮތުން ދަތިކުރުމާއި އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ އިހުމާލުގެ މައްސަލަތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރިމަތިލާންޖެހިފައިވާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލަތައް ރާއްޖޭގައި ގިނަ އަދަދަކަށް ފެންމަތިވަމުންދާ ކަމަށެވެ. ނަމަވެސް މުޖުތަމައުގައި ބަދުނާމުވެދާނެ ކަމުގެ ބިރާއި އެފަދަ ވާހަކަތައް އިތުރު މީހަކާ ޙިއްސާކޮށްފި ނަމަ އަނިޔާކުރާ ފަރާތުގެ ފުށުން ކުރިމަތިވެދާނެ އިތުރު އަނިޔާތަކަށް ވިސްނައި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އަނިޔާ ލިބޭ ފަރާތްތަކުން ފަސްޖެހޭކަން ފާހަގަކުރެވޭ ކަމަށެވެ.

އަންހެނުންނަށް އަނިޔާގެ މައްސަލަަތަކަށް ދީނީ ނަޒަރެއް

އިސްލާމީ އުސޫލުތަކަށް ބަލާއިރު އަންހެނާގެ މަގާމު ދީނުގައި އޮންނަ މިންވަރާއި ގޮތް ވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށްދީފަ އެވެ. ދީނުގައި އަންހެނެއްގެ މަގާމަކީ ހުރުމަތްތެރިވެގެންވާ މަގާމެކެވެ. އިސްލާމް ދީނަކީ އަނިޔާވެރިކަމާ ދެކޮޅު ދީނެވެ. އިސްލާމް ދީނުގެ އުސޫލުތައް ސީދާ އަނިޔާވެރިކަމާ ދެކޮޅެވެ.

ކުޑަކުދިންތަކެއް ފުނަދޫ އަތިރިމަތީގައި ކުޅެން އުޅެނީ،އަންހެނުންނަށް ކުރާ އަނިޔާ ރާއްޖޭަގއި ދަނީ އިތުރުވަމުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިއްވި ހުތުބާގައި ބުނެފައި ވަނީ ކަނބަލުންނަކީ ފިރިހެނުންނާ ހަވާލު ކުރެވިފައިވާ އަމާނާތެއް ކަމަށާއި އެ ކަނބަލުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާކަމަށް އަޅާ ކަމަށެވެ. އަދި ކައިވެންޏަށް ފަހު އަންހެން މީހާއަކީ ފިރިމީހާގެ އަމާނާތެއް ކަމަށާއި އެ އަމާނަތަށް ރައްކާތެރިވާން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން އެ ކަނބަލުން ވަރިކޮށްލައި ނިކަމަތެކޮށްލުން ދީން ނަހީ ކުރައްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އިނދެ ވަރިކުރުމަކީ ކުޅިވަރެއްގެ ގޮތުގައި ނުހެދުމަށް ދީނުގައި އަންގަވާފައިވާ ކަމަށެވެ. މީގެ އިތުރުން އަންހެނުންނަށް އަނިޔާވެރި ނުވުމަށާއި އެކަނބަލުންގެ އެންމެހާ ހައްގުތަކަށް ފިރިމީހާ ރައްކާތެރިވުމަށް ވެސް ހުތުބާގައިވަނީ ބުނެފަ އެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ގޮންޖެހުންތަކެއް

އަންހެނުންނަށް އަނިޔާ ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައި ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ކުށުގެ ޤާނޫނާއި ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނާއި ވަޒީފާޔާބެހޭ ގާނޫނު އަދި ޖެންޑާ އީކުއާލިޓީ ގާނޫނުތައް ފަދަ ގާނުނުތައް ރާއްޖޭގައި ހެދިފައިވީ ނަމަވެސް ގާނޫނުތައް ތަންފީޛުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ. އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަކުގެ ދަތިކަން ފާހަގަކުރެވޭ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އޭގެ އިތުރުން އަނިޔާ ލިބޭ މީހުންގެ ފަރާތުން ރިޕޯޓް ކުރުން މަދުވުމަކީ ވެސް އެކަން ހުއްޓުވުމަށް އޮތް ގޮންޖެހުމެއް ކަމަށް ވަނީ ބުނެފަ އެވެ.

އަތޮޅު ތެރޭ ރަށެއްގައި އަންހެނުން ތަކެއް މަގުމަތިން ހިނގާފައި ދަނީ، އަންހެނުންނަށް ކުރާ އަނިޔާ ރާއްޖޭަގއި ދަނީ އިތުރުވަމުން--ފޮޓޯ/ މުހައްމަދު އަފުރާހް

އަނިޔާ އަކީ ލޯތްބެއް ނޫން، ރިޕޯޓް ކުރޭ!

ގިނަ ފަހަރު އަނިޔާލިބޭ އަންހެން މީހާ ހިތަށް އަރަނީ އަނިޔާ ލިބޭ މީހާއަކީ ތިމާ ލޯބިވާ މީހާ ކަމަށްވާތީ އޭނާއާ ދެކޮޅަށް ފިޔަވަޅެއް އެޅުމަކީ އަމިއްލަ އަށް ބޮޑު ގެއްލުމެއް ލިބިގަތުން ކަމަށެވެ. ނަމަވެސް ލޯބިވާ މީހަކު އަނިޔާއެއް ނުކުރާނެ އެވެ. އަނިޔާ އަކީ ލޯބީގެ އިދިކޮޅު ސިފަ އެވެ.

އަނިޔާ ލިބޭ ކަމަށްވާ ނަމަ ފަސް ނުޖެހޭށެވެ. ރިޕޯޓް ކުރާށެވެ. ވިސްނަންވީ މިއަދު އަނިޔާ ލިބުނީ ތިބާއަށް ކަމަށެވެ. ނަމަވެސް މާދަމާ އެ އަނިޔާގެ ޝިކާރަށް ވެގެންދާނީ ތިބޭގެ ދަރިން ކަމެވެ. އަނިޔާވެރިއަކަށް ކިތަންމެ ފުރުޞަތެއް ދިނަސް އެމީހާގެ އުޅުން ބަދަލު ނުކުރާ ނަމަ އެކުގައި އުޅުމުގެ ބޭނުމެއް ނެތެވެ.

އަތޮޅު ތެރޭ ރަށެއްގައި އަންހެނަކު މަގުމަތިން ހިނގާފައި ދަނީ، އަންހެނުންނަށް ކުރާ އަނިޔާ ރާއްޖޭަގައި ދަނީ އިތުރުވަމުން--ފޮޓޯ/ މުހައްމަދު އަފުރާހް

ދަރިންގެ ހައްގުގައި ވިޔަސް ޖިސްމުގެ އެތައް ގުނަވަނެއް އަދި މުޅި ދިރިއުޅުން ދީލާލުމުގެ ބޭނުމެއްނެތެވެ. އަބަދުވެސް ވިސްނަންވީ ދަރިންނަށް ވެސް އަދި އެހެން މީހުންނަށް ވެސް އަޅާ ލެވޭނީ ތިމާގެ ސިއްހަތާއި ގާބިލުކަން ހުރި މިންވަރަކުންނެވެ. ނަފްސާނީ ގޮތުން އަސަރުކޮށް ބަލިވެފައިވާ ހަށިގަނޑަކަށް ދަރިންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ އެވެ. ފިރިމީހާ އަނިޔާ ކުރާނަމަ ދަރިންގެ ހައްގުގައި ނެގޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އަވަހަށް އެމީހަކާއި ދުރަށް ދިޔުމެވެ.

އަނިޔާ ހުއްޓުވާނީ އަހަރެން!

މީހަކަށް އަނިޔާ ލިބޭކަން އެނގޭ ނަމަ ރިޕޯޓް ކުރުނަ ލަސް ނުކުރާށެވެ. މައްސަލަ ފުލުހަށް ވެސް ހުށައެޅިދާނެއެވެ. އެޗްއާރްސީއެމްއާ ޖެންޑާ މިނިސްޓްރީއަށް ވެސް ރިޕޯޓް ކުރެވިދާނެ އެވެ. ކަނޑައެޅިގެން މީހަކަށް އަނިޔާ ލިބޭކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމަކީ ގާނޫނީ ގޮތުން އެމީހަކާއި މެދު ފިޔަވަޅު އެޅޭނެ ކަމެކެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް-- ފޮޓޯ: ޔޫއެންޑީޕީ

އަނިޔާ ލިބޭ މީހާ ގިނަ ފަހަރަށް ފަސްޖެހެނީ މުޖްތަމައު ދެކޭނެ ގޮތަކާ މެދު ވިސްނައިފަ އެވެ. އެހެން ކަމުން އަނިޔާ ލިބޭ މީހުންނަށް އެންމެ ގާތުން އެހީތެރިވެވޭނީ އަޅުގަނޑުމެންނަށެވެ. އަނިޔާ ލިބޭ މީހާއަށް ހެޔޮގޮތް ވިސްނައިދީ އޭނާ ހިމާޔަތްކޮށްދެން ޖެހޭނެ އެވެ. ހިމާޔަތް ކުރުމަކީ ޝޯސިއަލް މީޑީއާގައި ސްޓޭޓަސް އެއްޖަހާލުމެއް ނޫނެވެ. އަމަލީގޮތުން ތިބާއަށް ކުރެވެން އޮންނަ ކަމެއް ކުރަންވާނެ އެވެ. އަނިޔާގެ ޝިކާރައަކަށްވެ ދުނިޔެއަޅާދާ އެތައް ބައިވަރު އަންހެނުން އެބަތިއްބެވެ. އެމީހުންނަށް އެވާޙަކަ ދައްކަން ނުކެރެނީ އަނިޔާއާ ދެކޮޅަށް ނުކުންނަށް ނުކެރޭ "ފިނޑ" ރައްޓެހިންތަކަކާ ހެދީ އެވެ. ނޫނީ އާއިލާގެ މަޖުބޫރު ކުރުވުމާއި ހެދީ އެވެ. އެހެން ކަމުން އަޅުގަނޑު މެންގެ ރައްޓެއްސެއް އެވޭނުގައި ނިމމުގެ ކުރިން އެ މީހުންނަށް ލިބެމުންދާ އަނިޔާ ހުއްޓުވާށެވެ.

މިއަދު ކޮންމެ ތިން އަންހެނަކުން އެކަކަށް އަނިޔާ ލިބެމުންދާ ވާޙަކަ ބަދަލު ކުރެވިދާނެ އެވެ. ލޯބި، އަނިޔާއަކަށް ބަދަލު ވެގެންދާއިރު އެކަން ހުއްޓުވަން އަނިޔާ ކުރާ މީހުންނަށް ދެން އެފަދަ ކަމެއް ނުކުރާވަރުގެ "ވޭންދެނިވި" އަދަބެއް ދޭން ޖެހޭނެ އެވެ.

comment ކޮމެންޓް