ވާރޭ ނުވެހި ގިނަ ދުވަސް ވުމުން މޮރޮކޯގައި އިސްތިސްގާ ނަމާދު ކޮށްފި

ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން މޮރޮކޯގެ ދަނޑުވެރިކަމަށް ގެއްލުން ލިބެމުންދާތީވެ، އެ ގައުމުގައި އިއްޔެ އިސްތިސްގާ ނަމާދުކޮށްފި އެވެ.

މޮރޮކޯގެ ރަސްކަލުން ކިންގު މުހައްމަދު އިއްޔެ ނެރުއްވި ރަސްމީ އަމުރަކާ ގުޅިގެން މޮރޮކޯގެ ހުރިހާ މިސްކިތެއްގައި އިސްތިސްގާ ނަމާދުކޮށް ވަނީ ވާރޭ ވެހުމަށް އެދި ދުއާ ކޮށްފަ އެވެ.

މޮރޮކޯގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، އިއްޔެގެ ހުކުރު ނަމާދާ އެކު ކުރި އިސްތިސްގާ ނަމާދު އިސްވެ ކޮށްފައި ވަނީ، މޮރޮކޯގެ ވަލީއަހުދު މައުލީ އަލް ހަސަން އެވެ.

މޮރޮކޯއަށް ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން އެގައުމުގެ ކުރާ ސީޒަންއަށް ބޮޑެތި އަސަރުތަކެއް ދަނީ ކުރަމުން ނެވެ. އަދި އެކަމުގެ ސަބަބުން ކާބޯތަކެތީގެ އަގު އުފުލި، އެގައުމުގެ ރައްޔިތުން ދަނީ ކާނާ އަށް ޖެހެމުން ނެވެ.

މޮރޮކޯގެ އާބާދީގެ 40 ޕަސެންޓް ރައްޔިތުން ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާއިރު، މިދިޔަ އަހަރު އެގައުމަށް ދިމާވި ހަނަފަސް ކަމުގައި އެތައް ހާއްސަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.

ފެނަށް އެދި ދުއާކޮށް ކުރާ އިސްތިސްގާ ނަމާދަކީ ސަބަބެއް މެދުވެރިވެގެން ކުރާ ސުންނަތް ނަމާދެ ކެވެ. އަދި އެ ނަމާދު ކުރުމަށް ފަހު ހާއްސަ ޙުތުބާއެއް ކިޔައި ނަސޭހަތް ދޭއިރު ވާރޭ ވެއްސެވުމަށް އެދި ދުއާ ކުރާނެ އެވެ.

ވާރޭ ވެއްސެވުމަށް އެދި ދުއާކޮށް މޮރޮކޯގެ ރައްޔިތުން އިސްތިސްގާ ނަމާދު ކޮށްފައިވާ އިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި މިމަހުގެ ތެރޭގައި ވަނީ އިސްތިސްގާ ނަމާދުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް