މާޅޮހާއި ކުޑަހުވަދޫގެ ކުރިމަތިލުން އެއްވަރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫ އާއި އއ. މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދު ހަވީރު މާޅޮހާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު މާޅޮހާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އެ މެޗަކީ މާޅޮސް އަދި ކުޑަހުވަދޫގެ ފަހު މެޗެވެ.

އެ މެޗުގެ 12 ވަނަ މިނެޓުގައި މާޅޮހަށް އިބްރާހިމް ނާއިފް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 29 ވަނަ މިނެޓުގައި އަބްދުލް ހާލިގު ވަނީ ކުޑަހުވަދުއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މާޅޮހަށް އަލުން ލީޑު ހޯދައިދިނީ އަހްމަދު އާރިފެވެ.

އެ މެޗުގެ ދެ ވަނަ ހާފުގައި ކައިރި ކައިރީގައި ދެ ލަނޑު ޖަހައި ކުޑަހުވަދޫ އިން ވަނީ ފުރަތަމަ ފަހަރަށް ލީޑު ހޯދައިފަ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި ކުޑަހުވަދުއަށް ކްރިސްޓިއަން ޑޮޑްޒީ ޓޯސޫ ނަތީޖާ ހަމަހަމަކޮށްދިން އިރު، އޭގެ ދެ މިނެޓް ފަހުން އެ ޓީމަށް ލީޑު ހޯދައިދިނީ އާދަމް ޝަހީމެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް، މާޅޮހަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންޖެލް ކަރަސްކޯސާ މުނޯޒެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ކުޑަހުވަދޫ އިން ލީގު ތާވަލުގެ ފުލުގައި އޮވެ ނިންމާލި އިރު، މާޅޮސް ނިންމާލީ ހަތް ވަނައިގަ އެވެ. ލީގުގައި ކުޅުނު 14 މެޗުން ކުޑަހުވަދުއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އަދި މާޅޮހަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދުއާއި ށ. މިލަންދޫ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.

comment ކޮމެންޓް