ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސަމާ މާދަމާ ހުޅުމާލޭގައި

ހުޅުމާލެ ސެންޓްރަލް ޕާކްގައި ޒުވާނުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވާ ޒުވާނުންގެ މަހާސަމާ "ޔޫފެސްޓް" މާދަމާ ހުޅުމާލޭގައި އޮންނާނެއެވެ.

މި މަހާސަމާ އަކީ ޒުވާނުންނަށް ހާއްސަކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތަށް ވާނެއެވެ. ޔޫ ފެސްޓްގެ އިވެންޓް އޯގަނައިޒާ އަކީ ބްލެކް ޕްރައިވެޓް ލިމިޓެޑްއެވެ.

މާދަމާގެ ހަރަކާތްތައް ފަށާނީ ހެނދުނު 5:30ގައެވެ. މި ހަރަކާތްތައް މާދަމާރޭ މެންދަމު 00:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. ޔޫފެސްޓް ކުރިއަށްދާނީ މާދަމާ ބާއްވާ ދިރާގު ރޯޑްރޭހާ އާއެކުއެވެ. މީގެ އިތުރުން ބައިކް މޯލްޑިވްސްގެ ނޭޝަނަލް ބައިކް ޗެމްޕިއަންޝިޕްވެސް ޔޫ ފެސްޓްގެ ބައެއްގެ ގޮތުގައި ކުރިއަށްދާނެއެވެ.

ޔޫފެސްޓް އަކީ ޒުވާނުންނާ އާއިލާތަކަށް އުފާވެރި މާހައުލެއްގައު ކުޅިވަރު ކުޅެ ގުޅުން ބަދަހިކޮށްލުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. ގިނަ ކުޅިވަރުތައް ޔޫފެސްޓްގައި ހިމެނެއެވެ.

އެގޮތުން ޔޯގާ ސެޝަންތަކާ، ފުޓްސަލް މުބާރާތްތައް، ސްކެވެންޖާ ހަންޓް، ކުޑަކުދިންނަށް ހާއްސަ ފެންކުޅި، ވޯޓާ ސްޕޯޓްސް، މާޗުއަލް ރިއަލިޓީ ގޭމިން، ބާބަކިއު އެންޑް ކޭމާޓް ރޭސް، އަދި އޮބްސްޓެކްލް ކޯސް ހިމެނެއެވެ.

މީގެ ތެރޭ ހިމެނޭ އޮބްސްޓެކްލް ކޯސް، ފުޓްސަލް މުބާރާތް އަދި ސްކެވެންޖާ ހަންޓަށް ޕްރީ ރަޖިސްޓްރީ ކުރުން މިއަދު އިރުއޮއްސި ހަޔަކަށް ހަމަވާނެއެވެ.

މީގެއިތުރުން މާދަމާ ރޭ ހާއްސަ މިއުޒިކް ފެސްޓިވަލެއްވެސް ޔޫފެސްޓްގެ ތެރެއިން ކުރިއަށް ދާނެއެވެ. މިއުޒިކް ފެސްޓިވަލް ކުރިއަށްދާއިރު ރާއްޖޭގެ އާޓިސްޓުންނާ ބޭރުގެ އާޓިސްޓުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭ ޝަލަބީ، މީރާ، އީކުއޭޓިކް ވައިބް، ދި ޓިއުން ފަދަ ބޭންޑްތައް ފެނިގެންދާނެއެވެ. ބޭރުގެ އާޓިސްޓެއްގެ ގޮތުގައި ފެނިގެންދާނީ ފިލިޕީންސްގެ އާޓިސްޓެކެވެ.

ޔޫ ފެސްޓްގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު އެކި ވައްތަރުގެ ކާބޯތަކެތި ލިބޭނެ ފުޑް ކޯޓުތައް ވެސް ހުންނާނެއެވެ.

މިއީ ހަމައެކަނި ޒުވާނުންނަށް ހާޢްސަ ފެސްޓެއް ނޫނެވެ. އާއިލާތަކަށްވެސް މި ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރި ވެވޭނެ އެވެ. ޒުވާނުންގެދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރު ފުރާއަކަށް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް