ރޮހިންގާ މުސްލިމުން އެނބުރި މިއަންމާއަށް ގެންދަން އެއްބަސްވެއްޖެ

ބަންގުލަދޭޝްގައި ތިބި ރޮހިންގާ މުސްލިމުންގެ އަދަދު ވަނީ 600،000 އަށް ވުރެ އިތުރުވެފަ -- ފޮޓޯ: އޭއެފްޕީ

ދާކާ (ނޮވެމްބަރު 23): މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުން އަނބުރާ އެ ގައުމަށް ފޮނުވަން ދެ ގައުމުން އެއްބަސްވުމެއް ހަދައިފި އެވެ.

މިޔަންމާގެ ވެރިރަށް ނޭޕީޑޯގައި މިއަދު ސޮއި ކުރި އެއްބަސްވުމާ ބެހޭ ތަފްސީލު ދެ ގައުމުން ދީފައި ނުވެ އެވެ. ނަމަވެސް ބަންގުލަދޭޝް އިން ވަނީ އެއީ ރޮހިންގާ މުސްލިމުން ގައުމަށް ފޮނުވަން އަޅާ "ފުރަތަމަ ފިޔަވަޅު"ގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިޔަންމާގެ އޮފިޝަލުން ވަނީ ރޮހިންގާ މުސްލިމުން ވީހާވެސް އަވަހަށް އެގައުމަށް ގެންދަން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

މިދިޔަ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި އަނިޔާވެރި އޮޕަރޭޝަނެއް ފެށި ފަހުން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާއިންގެ އަދަދު ވަނީ 600،000 އަށް ވުރެ ގިނަ އެވެ. އަދި އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ވަނީ އެ މީހުންގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަކާ ނުލައި، ރޮހިންގާ މުސްލިމުން ގަދަކަމުން މިޔަންމާއަށް ފޮނުވާލަން އުޅުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރޮހިންގާ މުސްލިމުންގެ ހާލަތާ ބެހޭ ތަހުގީގެއްކޮށް، އެކަމާ ބެހޭ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ވަނީ އެގައުމުގެ ސިފައިން ރޮހިންގާ މުސްލިމުން މަރައި، އެމީހުންގެ ގެތަކުގައި ރޯކޮށް، އަންހެނުން ރޭޕް ކުރާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް އދ. އިން ވަނީ މިޔަންމާ އަސްކަރިއްޔާ އިން ދަނީ ރަހީން ސްޓޭޓުގައި ނަސްލެއް ނައްތާލުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް