ހުޅަނގުގެ "މުޑުދާރު" ރޭވުންތަކެއްގެ ދަށުން އިސްލާމީ ދުނިޔެ ޖާހިލިއްޔަތުގެ ޒަމާނަށް ވައްޓާލަނީ: އުރުދުޣާން

އިސްތަންބޫލް (ނޮވެމްބަރު 23): އިސްލާމީ ގައުމުތައް އިނދަޖައްސާލައި އިސްލާމީ ގައުމުތައް އެއްގައުމު އަނެއްގައުމާ ޖައްސައި ފިތުނަ އުފައްދައި މަޒްހަބީ އަރާރުންތައް އުފެއްދުމަށް ނުރައްކާތެރި "މުޑުދާރު" ރޭވުންތަކެއް ރާވައި އެ ރޭވުންތައް ތަންފީޒުކުރަމުން ގެންދާކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިސްތަންބޫލްގައި ކުރިޔަށްދާ އޯއައިސީގެ އިގްތިސާދީ އަދި ވިޔަފާރީގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ދެއްވި ޚިތާބެއްގައި އުރުދުޣާން ވިދާޅުވީ މި ރޭވުންތައް ރާވަނީ ހުޅަނގުން ކަމަށާ ނަމަވެސް ތަންފީޒުކުރުމުގައި ހުޅަނގުގެ އެހީތެރިކަމާއެކު އިސްކޮށް ހަރަކާތްތެރިވަނީ މުސްލިމުންގެ ނަމުގައި އުޅޭ ހަރުކަށި ފަރާތްތަކާއި އިސްލާމީ ދުނިޔޭގެ ޚިޔާނާތްތެރިން ކަމުގައެވެ. ނަމަވެސް ޚިޔާނާތްތެރިންނަކީ ކޮންބައެއްކަން އުރުދުޣާން ހާމައެއް ނުކުރައްވައެވެ. މިރޭވުންތަކާއި ސިނާރިއޯގެ ދަށުން އިސްލާމީ ދުނިޔޭގެ އެތަށް ގައުމެއް މިހާރުވެސް ހަލާކުކޮށް ސުންނާފަތި ކޮށް ރައްޔިތުން ހާލުގައި ޖައްސާފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މިރޭވުންތަކުގެ ބޭނުމަކީ އިސްލާމީ ދުނިޔެއަށް ލިބިފައިވާ މުއްސަނދިކަން ފޭރިގަނެ ޖާހިލިއްޔަ ޒަމާނުގައި އޮތް ހާލަތަށް އިސްލާމީ ދުނިޔެ ވައްޓާލުން ކަމަށާ އިސްލާމީ ދުނިޔޭގެ އިސް ބައެއް ފަރާތްތަކަށްވެސް މި ރޭވުންތަކުގެ ހަގީގަތް ސާފުނުވާކަމީ ހިތާމަ ހުރިކަމެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ހުޅަނގުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކައި ދުނިޔެއަށް ދަޅަ ދައްކަމުން ގެންދާއިރު މިޔަންމާގެ ރޮހިންގްޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް އެގައުމުން ހިންގާ ލާއިންސާނީ ޖަރީމާތަކަށް ލޯމަރާލައިގެން ހުޅަނގު އޮންނަ އޮތުމަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ހުޅަނގުން ގެންގުޅޭ ދެފުށްދެގޮތްކަން ވަރަށްރަނގަނޅަށް ހާމަވެ ހުޅަނގުގެ ހުތުރު މޫނު ދުނިޔެއަށް ފެނިގެންދިޔަ ކަމެއްކަންވެސް އުރުދުޣާން ފާހަގަ ކުރެއްވިއެވެ.

އެފްރިކާގެ ގައުމުތައް ނިކަމެތިކޮށް ފަގީރުކޮށް އެގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމާއި އިސްލާމީ ދުނިޔޭގެ އެތަށް ގައުމެއްގައި ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމަތަކާއި ހަމަނުޖެހުންތަކަށް މަގުފަހިކުރީ ހުޅަނގުން ކަމަށާ އެކަމުގެ ޒިންމާ ހުޅަނގުން އުފުލަން ޖެހޭނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

މިދާގޮތަށް އިސްލާމީ ގައުމުތަކުގެ އެތެރޭގައި ފިތުނަތަކާއި މަޒްހަބީ ދެކޮޅުވެރިކަމާއި ހަނގުރާމަތަކާއި ތަޅާފޮޅުންތައް ކުރިޔަށްދާނަމަ ޖާހިއްޔަ ޒަމާނުގެ ހާލަތަށް އިސްލާމީ ދުނިޔެ ވެއްޓެން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. އަދި ދުނިޔޭގައި ރެފިއުޖީންނާއި ނިކަމެތިންނާއި ފަގީރުންނާއި ތައުލީމުނެތް މީހުން އެންމެ ގިނައީ އިސްލާމީ ދުނިޔޭގައި ކަމަށާ ކުރިއެރުމާއި އުފެއްދުންތެރިކަމާއި ސައެންސާއި ޓެކްނޮލޮޖީގައިވެސް އިސްލާމީ ގައުމުތަށްވަނީ ވަރަށް ދަށް ހާލަތެއްގައި ކަން އުރުދުޣާން ފާހަގަ ކުރެއްވިއެވެ. (އަނަތޯލިޔާ)

comment ކޮމެންޓް