ފަތްޖަހާލެވޭ ފޯނުގެ ވާހަކަތައް ސެމްސަންގުން އޮޅުމަކުން ކަށަވަރު ކޮށްދީފި

ފަތް ޖަހާލެވޭ ގޮތަށް ސެމްސަން އިން އުފައްދާ ކަމަށް ބުނާ ފޯނުގެ ޑިޒައިނެއް ---

ސައުތު ކޮރެއާގެ ޓެކްނޮލޮޖީގެ ބޮޑު ކުންފުނި، ސެމްސަންގުން ފަތްޖަހައި ލެވޭ ގޮތަށް އުފައްދާ ފޯނަކާ ގުޅޭ އެތައް ވާހަކަ ތަކެއް މީޑިއާގައި ތިލަވާތާ މަސްތަކެއް ވެއްޖެއެވެ. އޭގެ ބައެއް ކުރެހުން ތަކާއި ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އަދި އެ ފޯނު މިއަހަރުގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށް ވެސް ވާހަކަތައް ދެކެވުނެވެ.

ނަމަވެސް އެކަން މިއަދު މިވަނީ ކަށަވަރު ވެފައެވެ. "ސެމްސަން ގެލެކްސީ އެކްސް"ގެ ނަން ދީފައިވާ އެ ފޯނަކީ ހަގީގަތެއް ކަމަށް ކަށަވަރު ކޮށްދިނީ ސީދާ ސެމްސަންގުންނެވެ.

ފަތް ޖަހާލެވޭ ގޮތަށް އެ ކުންފުނިން ހަދާ އެ ފޯނުގެ ބައެއް މައުލޫމާތުތަކެއް ލީކުވީ، ސެމްސަން ކުންފުނީގެ އަމިއްލަ ވެބްސައިޓުގައި އޮޅުމަކުން ޝާއިއު ކުރި ސަޕޯޓް ޕޭޖަކުންނެވެ. ނަމަވެސް އެ ޕޭޖު މިހާރު ވަނީ ވެބްސައިޓުން ނަގާފައެވެ.

އެ ޕޭޖުން މާގިނަ މައުލޫމާތުތަކެއް ނުލިބުނު ނަމަވެސް، މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި އެފަދަ ލީކެއް ވުމަކީ 'ގެލެކްސީ އެކްސް' ވަރަށް އަވަހަށް ލޯންޗު ކުރަން އުޅޭ ކަމުގެ ހެއްކެއް ކަމަށެވެ.

ފޯބްސް އިން ބުނާ ގޮތުގައި، ވެބްސައިޓުގައި ޝާއިއުވި ޕޭޖުގައި ކޯޑެއް ހިމެނޭއިރު، އެ ފޯން ލޯންޗު ކުރާނީ ހަމައެކަނި ސައުތު ކޮރެއާގައި ކަމަށް ބެލެވެއެވެ. އަދި އެ ފޯން ރިލީޒް ކުރާނީ ވަކި އަދަދަކަށް ކަމަށް އެ ނޫހުން ބުނެއެވެ.

ބެލެވޭ ގޮތުގައި ސެމްސަން ގެލެކްސީ އެކްސް އަކީ ޓެބްލެޓެއްގެ ސައިޒަށް ބޮޑު ކޮށްލެވޭ އަދި ފޯނެއްގެ ސައިޒަށް ކުޑަ ކޮށްލެވޭ ފޯނެކެވެ. ނަމަވެސް އެ ފޯނުގެ ޑިޒައިނެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.

ސެމްސަންގުން މިހާރު ވެސް މާކެޓަށް ވަނީ ދެ ފޯނެއް ނެރެފައެވެ. އެއީ 'ގެލެކްސީ އެސް8" އަދި "ގެލެކްސީ ނޯޓް 8" އެވެ.

comment ކޮމެންޓް