ޖަނަވަރީ އުމްރާ އަދި ވީއައިޕީ އުމްރާއަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ފުރަނީ --- ފައިލް ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މޯލްޑިވްސްް ހައްޖު ކޯޕަރޭޝަނުން އަންނަ އަހަރުގެ ޖަނަވަރީ އުމްރާ ދަތުރާއި މާޗް މަހު ގެންދަން ހަމަޖެހިފައިވާ ވީއައިޕީ އުމްރާ ދަތުރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ، ޖަނަވަރީ މަހު އޮންނަ އުމްރާ އަކީ 15 ދުވަހުގެ ދަތުރެއް ކަމަށާއި ދަތުރުގެ އަގަކީ 21،965 ދިވެހި ރުފިޔާ ކަމަށެވެ. އަދި އެ ދަތުރުގައި ދާން ބޭނުންވާ މީހުން އަންނަ ޑިސެމްބަރު 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވެ ފައިސާ ދައްކަންޖެހޭ ކަމަށެވެ.

ޕެކޭޖުގައި ފޯރުކޮށްދޭ ހިދުމަތްތައް:

  • އުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް
  • އުމްރާ ވިސާ
  • އުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ހިދުމަތް
  • ދެ އުމްރާ ކުރުމުގެ ފުރުސަތު
  • 15 ދުވަހުގެ ހުރުމާއި ކެއުން (ދިވެހި ކެއުން)
  • މަދީނާއަށް ޒިޔާރަތް ކުރުން
  • މައްކާ އަދި މަދީނާގެ ބަސްދަތުރުތައް
  • މައްކާ އަދި މަދީނާ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން
  • ފަސް ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް

ހައްޖު ކޯޕަރޭޝަނުން ބުނީ، ޖަނަވަރީ އުމްރާ ދަތުރުގައި ހަތަރު މީހުންގެ ގްރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރާ ނަމަ ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އެގޮތުން ހަތަރު މީހުންގެ ގްރޫޕެއް ނަމަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ޑިސްކައުންޓެއް އަދި 10 މީހުންގެ ގްރޫޕެއް ރަޖިސްޓްރީ ކުރާ މީހުންނަށް އުމްރާ އަގުގެ 50 ޕަސެންޓް ޑިސްކައުންޓެއް ލިބެ އެވެ.

އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭއިރު ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ އުމްރާ ކިޓް ބޭނުން ނުވާނަމަ 1000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

އެ ކޯޕަރޭޝަނުން މާޗް މަހު ގެންދަން ހަމަޖެހިފައިވާ ވީއައިޕީ އުމްރާ އަކީ 10 ދުވަހުގެ ދަތުރެކެވެ. އަންނަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ދަތުރުތަކަށް ތިން އަގެއް ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން ހެނދުނުގެ ސައި އެކަނި ލިބޭ ގޮތަށް ބެޑް އެންޑް ބްރެކްފަސްޓް ހިމެނޭ އުމްރާ ދަތުރުގެ އަގަކީ 41،965 ރުފިޔާ އެވެ. އަދި ހެނދުނުގެ ސަޔާއި ރޭގަނޑުގެ ކެއުން ހިމެނޭ ހާފް ބޯޑް އުމްރާ ދަތުރުގެ އަގު އުޅެނީ 46،965 ރުފިޔާ އެވެ.

ހުރިހާ ގަޑިއެއްގެ ކެއުން ހިމެނޭ ގޮތަށް ހަދާފައިވާ ވީއައިޕީ އުމްރާ ދަތުރުގެ އަގަކީ 51،965 ރުފިޔާ އެވެ.

ވީއައިޕީ ޕެކޭޖުގައި ހިމެނޭ ހިދުމަތްތައް

  • 10 ދުވަހުގެ ހުރުން ފަސް ތަރީގެ ހޮޓެއް ކަމަށްވާ ގަޑި ޓަވަރުގައި
  • 10 ދުވަހުގެ ކެއުން (ހޮޓަލުގެ އިންޓަނޭޝަނަލް ބުފޭ)
  • މައްކާ އަދި މަދީނާގެ ބަސް ދަތުރުތައް (ފެންވަރު ރަނގަޅު ބަސްތަކުގައި)
  • އުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް
  • އުމްރާ ވިސާ
  • އުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ހިދުމަތް
  • ދެ އުމްރާ ކުރުމުގެ ފުރުސަތު
  • މަދީނާއަށް ޒިޔާރަތް ކުރުން
  • މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން
  • ފަސް ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް

ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ފަރާތުގެ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީ ކުރުމަށް ފުރަން ޖެހޭ ފޯމް ފުރުމަށް ފަހު އެ ކޯޕަރޭޝަންގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބުރާންޗުތަކުން އަދި އެ ކޯޕަރޭޝަންގެ "ފަހެލި" އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރައްވައި ފައިސާ ދެއްކޭނެ ކަމަށެވެ.

އުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ހައްޖު ކޯޕަރޭޝަންގެ އޮފީސް، ވެބްސައިޓް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބުރާންޗުތަކުގެ އިތުރުން އަތޮޅު ކައުންސިލް ތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ރަޖިސްޓްރީ ކުރާ ފޯމާ އެކު މަދުވެގެން 5000 ރުފިޔާ ދެއްކުމުން އުމްރާއަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ބާކީ ފައިސާ ކޮންމެ ދަތުރެއްގެ ވެސް ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހުގެ ކުރިން ދައްކައި ހަލާސް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް