ތިމަރަފުށީ ގެއެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ތިމަރަފުށީ ރޯޒްމީޑް ގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކުރަނީ --- ފޮޓޯ: ތިމަރަފުށީ ކައުންސިލް

ތ. ތިމަރަފުށީ ގެއެއްގައި އަލިފާންރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހީމް "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 12:30 އެހައިކަންހާއިރު އެރަށު ރޯޒްމީޑް ގޭގައި އަލިފާން ރޯވި އިރު އެގޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށު އެއާޕޯޓުގެ ފަޔާ ފައިޓަރުންނާއި ފުލުހުންގެ އެހީތެރިކަމާއެކު އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އެކަމަކު މިގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި،" އިސްމާއިލް އިބްރާހިމް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެގޭގައި ދިރިއުޅެނީ އުމުރުން ދެ އަހަރާއި އަށް އަހަރާއި ދިހަ އަހަރުގެ ތިން ކުޑަކުދިންނާއި އެ ކުދިންގެ މަންމަ ކަމަށެވެ. އަދި އެކުދިންގެ ބައްޕަ އުޅެނީ މާލޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިމަރަފުށީ ކައުންސިލުން އެބޭފުޅުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން. އަދި އެ ބޭފުޅުންނަށް ކެއިންް ބުއިމުގެ އިންތިޒާމްތައް ވެސް ހަމަޖައްސައިދޭނަން،" އިސްމާއިލް އިބްރާހިމް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް