ރަޝީދު ކާޕެންޓްރީއަށް 2.1 މިލިއަން ރުފިޔާ ދައްކަން މައުމޫންގެ ބޭފުޅުންނަށް ހުކުމް ކޮށްފި

ޖަސްޓިސް ބިލްޑިގް --- ސަން ފޮޓޯ// މުހައްމަދު އަފްރާހް

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނަށް 2.1 މިލިއަން ރުފިޔާ ދެއްކުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ޗާންދަނީމަގު 1/29 ނަންބަރު ފިހާރަ ހަތް ބުރިއަށް އިމާރާތްކޮށްދިނުމުން އެކަމުގެ އަގުގެ ގޮތުގައި އެ ހަތަރު ބޭފުޅުން އެ ކުންފުންޏަށް ދޭންޖެހޭ 2.1 މިލިއަން ރުފިޔާ ދިނުމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ދައުވާ ލިބޭ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން އަދި މުހައްމަދު ޣައްސާން މައުމޫން އެ ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ.

ދައުވާއަށް އިންކާރުކުރަމުން އެ ހަތަރު ބޭފުޅުންގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އެ އިމާރާތްކޮށްފައި ވަނީ ހުއްދަ ނަގާފައިވާ ކުރެހުމާ އެއްގޮތަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތް އިތުރަށް ފުރިހަމަ ކުރުމަށް ޚަރަދުތަކެއް ކުރަންޖެހުނު ކަމަށެވެ.

އެ ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެ ހަތަރު ބޭފުޅުންނަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނުން ލިޔުމެއް ފޮނުވާފައިވާ ކަމަށެވެ. އެ ލިޔުމަކީ މަސައްކަތް ނިންމައި އިމާރާތް ހަވާލުކުރުމުން އެ ހަތަރު ބޭފުޅުން އިމާރާތް ބަލައިގަނެފައިވާކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދީފައިވާ ލިޔުމެއް ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެ ލިޔުމުގައިވާ ގޮތުން ބޭންކު އޮފް ސިލޯނަށް އެ ހަތަރު ބޭފުޅުން ހުށަހަޅާފައިވާ ލޯނު ހަމަޖެހުމުން އެ ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރެވޭނެ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެހެންކަމުން އެ ފައިސާ އަކީ އެ ހަތަރު ބޭފުޅުން އެ ކުންފުންޏަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ ފައިސާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހަތަރު ބޭފުޅުންނަށް އެ ހުކުމްގައި ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް