ނިއު ސްޓާ ކަޕް ފުޓްސަލް މުބާރާތް މާފުށީގައި ފަށައިފި

ނިއު ސްޓާ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ކ. މާފުށީގައި ބާއްވާ ނިއު ސްޓާ ކަޕް ފުޓްސަލް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި 19 ޓީމެއް ވާދަކުރޭ ---

ނިއު ސްޓާ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ކ. މާފުށީގައި ބާއްވާ ނިއު ސްޓާ ކަޕް ފުޓްސަލް މުބާރާތް ފަށައިފި އެވެ.

މާފުށީ ޓާފް ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ފެށި އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. އެ ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަލީ އުމަރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނިއު ސްޓާ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ކ. މާފުށީގައި ބާއްވާ ނިއު ސްޓާ ކަޕް ފުޓްސަލް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި 19 ޓީމެއް ވާދަކުރޭ ---

ނިއު ސްޓާ ކަޕް ފުޓްސަލް މުބާރާތަކީ މާފުށީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ސަރުކާރު މުއައްސަސާތަކާއި، އާންމު މުއައްސަސާތައް އަދި މާފުށީ ކައިރީގައިވާ ރިސޯޓުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، އެ ރަށު ރައްޔިތުން ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އަހައްމިއްޔަތުކަން ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އޭގެ އިތުރުން މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި އަމާން އޮމާން މުޖުތަމައެއް ބިނާކުރުން ވެސް ހިމެނެ އެވެ.

ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ، އެފަދަ މުބާރާތެއްގައި ހުރިހާ ކުޅުންތެރިން ވެސް ރަނގަޅު ޑިސިޕްލިންއެއްގައި ކުޅުމަކީ މުބާރާތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ބާރަކަށް ވާނެ ކަމަށާއި އެފަދައިން ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

"ސަރުކާރުން މިފަދަ ފުޓްސަލް ދަނޑުތައް ތަރައްގީ ކުރުމުގެ ބޭނުމަކީ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން ފަހި ފުރުސަތުތަކެއް ހޯއްދައި ދިނުން. މި ދަނޑުގެ މަސައްކަތް ނިންމާލެވުނީ މާފުށީ ނިއު ސްޓާ ސްޕޯޓްސް ކްލަބާއި ރަށު ކައުންސިލާއި ޕީޕީއެމް އަސުރުމާ ގޮފީގެ ފުރިހަމަ އެއްބާރުލުން ލިބިގެން،" ގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނިއުސްޓާ ސްޕޯޓްސް ކްލަބާއި ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްކުމާއި މުބާރާތުގައި ވާދަކުރާ ޓީމުތަކުން ބޭނުންކުރާނެ ކިޓްތައް ދައްކާލުމުގެ އިތުރުން މާފުށީ ރަސްރަނި ގްރޫޕްގެ ނެށުމުގެ ހަރަކާތެއް ވެސް ކުރިއަށްދިޔަ އެވެ.

ނިއު ސްޓާ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ކ. މާފުށީގައި ބާއްވާ ނިއު ސްޓާ ކަޕް ފުޓްސަލް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި 19 ޓީމެއް ވާދަކުރޭ ---

މިއީ ވިދިވިދިގެން ނިއުސްޓާ ސްޕޯޓްސް ކުލަބުން އެ މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. ފުރަތަމަ އަހަރު ނުވަ ޓީމު ވާދަކޮށްފައިވާ އިރު، އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްޓްރައިކާސް އެފްސީ އެވެ. ދެ ވަނަ އަހަރު 11 ޓީމު ވާދަކޮށްފައިވާ އިރު، އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނައިން އެފްސީ އެވެ. މިއަހަރުގެ މުބާރާތުގައި 19 ޓީމު ވާދަކުރެ އެވެ.

އެ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ކުއާޓާގައި ވާދަކޮށް މޮޅުވާ ޓީމުތަކަށް ސެމީ ފައިނަލުގެ ޖާގަތައް ލިބޭނެ އެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހު ކުޅޭ ފައިނަލަށް ދަތުރުކުރާނީ ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމެވެ.

އެ މުބާރާތް ނިއުސްޓާ ސްޕޯޓްސް ކުލަބުން މިއަހަރު ކުރިއަށްގެންދަނީ ޕްރިޒަން ކްލަބާއި މާފުށީ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާ އެކު އެވެ.

comment ކޮމެންޓް