މާޅޮސް ބަލިކޮށް ތިނަދޫ ގަދަ ހަތަރަކަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދުއާއި އއ. މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން: 1-2 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ތިނަދޫ އިން ވަނީ ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު އއ. މާޅޮސް ބަލިކޮށް ގދ. ތިނަދޫ އިން ތަވާލުގެ ހަތަރު ވަނަ މާގަމަށް ޖެހިލައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު މި ދެ ޓީމު ބައްދަލުކުރި މެޗު ތިނަދޫ އިން ކާމިޔާބު ކޮށްފައި ވަނީ 1-2 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު ތިނަދޫ ލީގުގެ ހަތަރު ވަނަ މަގާމަށްް ޖެހިލީ 18 ޕޮއިންޓާ އެކު އެވެ. ކުރިން ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ގްރީން ވަނީ ރޭ މާޒިޔާ އަތުން 0-3 އިން ބަލިވެފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދުއާއި އއ. މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން: 1-2 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ތިނަދޫ އިން ވަނީ ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ތިނަދޫ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު ރިޒުވާން(ރިޒޭ) އެވެ.

ދެ ވަނަ ހާފު ފެށިގެން މާޅޮހުން ވަނީ ކުޅުން ރަނގަޅުކޮށް މެޗަށް އެނބުރި އައުމަށް މަސައްކަތް ކޮށްފަ އެވެ. ނަތީޖާއަކަށްވީ މެޗުގެ 62 ވަނަ މިނެޓުގައި ކަރަސްކޯސާ މުނޯޒް ލަނޑެއް ޖަހައި މާޅޮހަށް ނަތީޖާ އެއްވަރު ކޮށްދިނުމެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދުއާއި އއ. މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން: 1-2 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ތިނަދޫ އިން ވަނީ ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާޅޮހުގެ ލަނޑަށް ފަހު ދެ ޓީމުން ވެސް މެޗުން މޮޅުވާން މަސައްކަތް ކުރި އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ތިން ވަނަ މިނެޓުގައި ތިނަދޫ އިން ވަނީ ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓު ޔަގީން ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ހައިސަމް އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ތިނަދޫގެ ކޯޗުކަމާ ހަވާލުވި އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން އެ ޓީމު ދަނީ ޑިފެންސް ރަނގަޅުކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދުއާއި އއ. މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން: 1-2 ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށް ތިނަދޫ އިން ވަނީ ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދ. ކުޑަހުވަދުއާއި ށ. މިލަންދޫ އެވެ.

comment ކޮމެންޓް