އެޑިއުކޭޝަނުގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުދޭން ޖެހިއްޖެ

މަންދު ކޮލެޖު ކުރިން ހިންގި އިމާރާތް --- ސަން ފައިލް ފޮޓޯ

މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓައި ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އޭގެ ބަދަލު ދިނުމަށް އެޑިއުކޭޝަންގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ވަގުތީ ގޮތުން އަރައްބިއްޔާގެ ދަރިވަރުން މަންދުކޮލެޖު ހިންގި އިމާރާތަށް ބަދަލު ކުރި އިރު، މަންދުކޮލެޖުގެ މިލްކިއްޔާތުގައި ހިމެނޭ ފަރުނީޗަރުތައް އަނބުރާ ހަވާލު ކުރާ ގޮތަށް އެއްބަސްވެ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ނަމަވެސް އެ ފަރުނީޗަރުތަކަށް ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ މަންދު ކޮލެޖުން ވަނީ އެތަކެތީގެ އަގު ހޯދުމަށް އެދި 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެޑިއުކޭޝަނަށް އިންވޮއިސް އެއް ފޮނުވާފަ އެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަނުން ވަނީ މަންދު ކޮލެޖުން ފޮނުވި އިންވޮއިސްގައިވާ 519 ޑެސްކާއި 148 ގޮނޑި އާއި ހަތް މޭޒުގެ ބަދަލުގައި އެ އަދަދަށް ފަރުނީޗަރު ދިނުމަށެވެ.

ނަމަވެސް މިހާތަނަށް ވެސް އެ ފަރުނީޗަރުތައް މަންދުކޮލެޖާ ހަވާލުކޮށްފައި ނުވާތީ އެތަކެތީގެ އަގަށް އަރާ 451،189 ރުފިޔާ ހޯދުމަށް މަންދު ކޮލެޖު ހިންގާ މާލެހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.

މައްސަލަ ބެލުމަށްފަހު މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ފައިސާއަކީ މާލެހައި ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅާފަ އެވެ. އަދި އެ ފައިސާ ހުކުމް ކުރި ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

ނަމަވެސް މާލެހައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތް ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް