އަލިފުށި މުއައްސަސާތަކުގެ ފުޓްސަލް މުބާރާތް ފަށައިފި

އަލިފުށި މުއައްސަސާތަކުގެ ފުޓްސަލް މުބާރާތް ފެށުމުގެ ތެރެއިން-- ފޮޓޯ: އަލިފުށި ފުޓްބޯލް

ރ. އަލުފުށިގެ ސަރުކާރު މުއަސާތަކާއި ސަރުކާރު ކުންފުނިތަކުގައި މެދުގައި ކުޅެވޭ ތިން ވަނަ ފުޓްސަލް މުބާރާތް އިއްޔެ ފަށައިފި އެވެ.

އަލިފުށި ފުޓްސަލް ދަނޑުގައި ފެށި އެ މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު އެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތް ހުޅުވި މެޗުގައި ބައްދަލު ކޮށްފައި ވަނީ އަލިފުށި ކޯޓާއި ފެނަކަ އަލިފުށި ޓީމެވެ. އެ މެޗު 5-4 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އަލިފުށި ކޯޓެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ އަލިފުށި ހެލްތު ސެންޓަރާއި އަލިފުށީ އައިސް ޕްލާންޓެވެ. އެއީ މެޗު 3-7 އިން ކަމިޔާބު ކުރީ އަލިފުށި ހެލްތު ސެންޓަރެވެ. އަދި އިއްޔެ ކުޅެވުނު ތިން ވަނަ މެޗުގައި ޓީމް ކައުންސިލް އާއި އަލިފުށި ޕޮލިސް ސްޓޭޝަން ކުޅުނު މެޗު ނިމުނީ 6-6 އިން އެއްވަރު ވެގެންނެވެ.

އަލިފުށި ކަންސިލުން އިސްނަގައިގެން ބާއްވާ އެއީ މުބާރާތުގެ މަގްސަދަކީ އަލިފުށި ސަރުކާރު މުއަސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެޗުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާ ކުރުމެވެ.

މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓު ލިބޭ ހަތަރު ޓީމު ސެމީ ފައިނަލަށް ދާ ގޮތަށެވެ. އަދި އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ އިނާމެއް ދެވިގެންދާއިރު، ރަނަރަޕް ޓީމަށް 2500 ރުފިޔާގެ އިނާމެއް ދެވޭނެ އެވެ.

comment ކޮމެންޓް