އިންޑޮނޭޝިއާގެ އެންޓި ކޮރަޕްޝަން އޭޖެންސީން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހައްޔަރުކޮށްފި

އިންޑޮނޭޝިއާގެ އެންޓި ކޮރަޕްޝަން އޭޖެންސީން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސެތްޔާ ނޮވަންޓޯ ހައްޔަރުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (ނޮވެމްބަރު 20): އިންޑޮނޭޝިއާގެ އެންޓި ކޮރަޕްޝަން އޭޖެންސީން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސެތްޔާ ނޮވަންޓޯ ހިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އިންޑޮނޭޝިއާގެ މިނިވަން މުއައްސަސާއެއްކަމަށްވާ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ)ގެ ޑިޓެންޝަން ފެސިލިޓީއަކަށް ނޮވަންޓޯ ގެންދިޔައީ އޭނާއަށް ކާރު އެކްސިޑެންޓެއްގައި އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދިން ފަހުންނެވެ.

ނޮވަންޓޯ ހައްޔަރު ކުރަން ކޭޕީކޭއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. ނަމަވެސް އޭރު އޭނާ ގޭގައި ނެތުމުންނާއި، އޭގެ ފަހުން 24 ގަޑި އިރުވީ ފަހުން ވެސް ނޮވަންޓޯގެ ހަބަރެއް ނުވުމުން ބައެއް ފަރާތްތަކުން ވަނީ އޭނާ ފިއްލެވީ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެރޭ ނޮވަންޓޯގެ ވަކީލު ވަނީ އޭނާއަށް ކާރު އެކްސިޑެންޓެއްގައި އަނިޔާތަކެއް ލިބިފައިވާ ކަން ހާމަކޮށްފަ އެވެ.

އިންޑޮނޭޝިއާގައި އިލެކްޓްރޯނިކް އައިޑީ ކާޑު ތައާރަފް ކުރަން ހަމަޖެއްސި ފަންޑަށް ހިޔާނަތްތެރިވި މައްސަލާގައި ނޮވަންޓޯގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ފެންމަތިވީ މި މަހުގެ 10 ވަނަ ދުވަހުގަ އެވެ. ނޮވަންޓޯގެ އިތުރުން އެހެން މަޖިލިސް މެމްބަރުން ވެސް އެހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިފައިވާ އިރު، އޭގެ ސަބަބުން ގައުމަށް 170 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ. (ރޮއިޓާސް)

comment ކޮމެންޓް