މޮރޮކޯގައި އެހީ ބަހަނިކޮށް ތޮއްޖެހިގެން 15 މީހަކު މަރުވެއްޖެ

މޮރޮކޯގައި ފަގީރުކަމާ ހަނގުރާމަ ކުރުމަށް ހާއްސަ ޕްލޭނެއް ވަނީ އެކުލަވާލާފައި -- ފޮޓޯ: އޭޕީ

ރަބަތު (ނޮވެމްބަރު 20): މޮރޮކޯގައި އެހީގެ ގޮތުގައި ކާނާ ބަހަމުން ދަނިކޮށް ތޮއްޖެހިގެން 15 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެއެވެ.

މޮރޮކޯގެ ސިދީ ބޫލާލަމްގައި ހިނގި އެހާދިސާގައި އެހީ ފޯރުކޮށްދެމުން ދިޔައީ އެގައުމުގެ އަމިއްލަ ޖަމިއްޔާއަކުންނެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާގައި 40 މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި 8،000 މީހުންގެ އާބާދީއެއް އޮންނަ ކުޑަ ޓައުނެއްގައި ކޮންމެ އަހަރަކު ބަހާ އެ އެހީ ހޯދުމަށް މިއަހަރު ގިނަ އަދަދެއްގެ މީހުން އެއްވެފައިވެއެވެ. އަދި ކާނާ ބަހަން ފެށުމާއެކު ބައެއް މީހުން ވަނީ ކޮށްޕައި، ބެރިކޭޑުތައް ނަގާފައި ކަމަށް ބުނެފައެވެ.

މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ ރަސްގެފާނު މުހައްމަދު ވަނީ، އަނިޔާވެފައިވާ ފަރާތްތަކަށް އެހީވުމަށާއި އެމީހުންގެ ސިއްހީ އަދި ޖަނާޒާގެ ހަރަދުތައް ބަލައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

މޮރޮކޯގައި ފަގީރުކަމާ ހަނގުރާމަ ކުރުމަށް އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭނެއް ތަސްދީގު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން މިދިޔަ މަހު ރަސްގެފާނު ވަނީ އެޑިއުކޭޝަން، ހައުސިން އަދި ހެލްތް މިނިސްޓަރު މަގާމުން ދުރުކުރައްވާފައެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް