ނޭނގި ހިތާ ކުޅޭލީ - 03

"ލޫކް. އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ " ލިވިއާ ލުކުމާންގެ އިސްތަށިގަނޑާއި އެހިމަ ހޯލި އިނގިލިތަކުން ކުޅެމުން ދިޔައެވެ.

"ކިޔާބަލަ...." ލުކުމާން ހިނިތުންވެލިއެވެ.

"ހިތަށް އަރާފާނެ އަހަރެން މިއީ ކޮންކަހަލަ މީހެއްހެއްޔޭ. ބަޓް ދެމީހުންގެ ދިރިއުޅުމަށް އެންމެ ރަގަޅުގޮތް ވިސްނާފައި ލިބުނު އައިޑިއާއެއް މީ. ޕްރޮމިސް މީ މިވާހަކަ ބުނުމުން ރުޅި ނާންނާނެކަމަށް....."ލިވިއާ ހިންދިރުވައިލިއެވެ. ލުކުމާން އިނީ އެކިޔާ އެއްޗެއް ކަނުލާ އަހާށެވެ.

"ލޫކްވެސް ބޮޑު ދަރަންޏެއް ކޮނޑުއަޅައިގެން ހުރެގެން އަހަރެމެންނަށް ދިރިއުޅުމެއް ހޯދޭނެ ގޮތެއް އަހަންނަކަށް ނުވިސްނޭ. ލޫކްއަށް އިނގޭނެ ރާއްޖެތެރޭ މީހުން މާލޭ ގެދޮރުހުރި މީހެއް ވެއްޖެއްޔާ އަމިއްލަ ނަފުސްވެސް ގުރުބާންކޮށްފައި އެމީހަކާއި އިންނަން ތެޅޭކަން. އަމިއްލަ ނަފުސާއި އާއިލާއަށްވެސް ގިނަގުނަ ފައިދާތަކެއް ކުރާނެތީ. ލޫކް ކައިރީ އަހަރެން ނުބުނާނަން މުސްކުޅިއަކާއި އިންނާށޭ. އަހަރެން މިދެނީ އެހެން ކަހަލަ ޚިޔާލެއް. އަހަރެން ލޫކްއާއި އިންނާނަން. އެކަމަކު ދެއަންބަށް................." ލިވިއާ ބުނެލީ އިސްޖަހައިލަމުންނެވެ.

"ތިބުނި އެއްޗެއް ނޭގުނު..."

"ލޫކް. މިބުނާ އެއްޗަކީ ލޫކް އަހަރެންގެ ބެސްޓްފްރެންޑާއި ފުރަތަމަ މެރީކުރާށޭ....."

"ވަޓް ދަ ހެލް. ކުރިން ލިވީ ބުނެލާ އެންމެ ސްޓްރޭންޖް ބަސްވެސް އެޓްލީސްޓް މޭކް ސެންސް އެކަމަކު މިހާރު ތިބުނި އެއްޗެއްގެ އެއްވެސް ވަރަކަށް ޑަޒްންޓް މޭކް ސެންސް...... " ލުކުމާންގެ އަތްތިލަ ޖިންސުގެ ޖީބަށް ޖެހުމުގެ ކުރިން އަތް މުށްކެވުނުތަން ފެނުނެވެ. އެކަހަލަ ވާހަކައެއް ސަމާސާއަކަށް އަޑުއަހާކަށްވެސް ލުކުމާން ނޭދެއެވެ. އެ މޫނުގެ ކޮންމެ ކުލައަކުން ލިވިއާއަށް އެކަން އެނގުނެވެ. އެހެންވެ ހާސްވިއެވެ. ލިވިއާ ތަކުރާރުކޮށް އެހެން ބުނެލީ ތަންކޮޅެއް އަވަސް އަރައިގެންފައެވެ.

"ތަންކޮޅެއް ސްލޯކޮށް ތިހެން ކިޔާބަލަ އަދި އެއްފަހަރު...........މީ؟ މެރީ ޔޫ އެންޑް ޔޯ ބެސްޓް ފްރެންޑް؟ ކައިވެންޏަކީ ކުޅިވަރެއްތަ؟"

"ކާމް ޑައުން ލޫކް. އަހަރެން އެހެން ބުނީ ދެމީހުންގެ ފިއުޗާއަށްވެސް ވިސްނާފައޭ. އޭރުން ލޫކްއަށް ލޯނު ދައްކާ ދަރަނި އަދާކޮށް ހުރިހާކަމެއް ކުރެވޭނެ. ކޮންމެހެން އަބަދަށްޓަކާއެއް ނޫން. އެކަންތައް ހަމަޖެހުނީމަ އަހަރެން ސަވާނާގެ ބޮލަށް ވަދެގެން ލޫކްއާއި އަހަރެންވެސް އިންނަން އެއްބަސްކުރުވާނަން. ދެމީހުންނާއި މެރީކޮށްގެން އުޅުމަކީ މިހާރު އާއްމުކަމެއްނު. އެކަމަކު ލޫކް ސަވާނާއާއި ކައިވެނި ކުރިޔަސް ޕްރިޓެންޑް ކުރާނީ ލޫކްގެ ކޮންމެވެސް މައްސަލައެއް ހުންނަކަމަށް. ޑޮކްޓަރަށް ދައްކާކަމަށްވެސް ހެދިދާނެ. ސޯ އޭނައާއި އެއްކޮށް ސްލީޕް ނުކޮށް ހުރެވިދާނެ. ސަވާނާ އެކަހަލަ ކަންތައްތަކުގައި ވަރަށް މޮޔަވާނެ. އަދި ބުނަންތަ؟ ޝީ ލުކްސް ލައިކް އެ ޗައިލްޑް. އަދި އުޅުންވެސް އެހާ ކިޑީވާނެ. އެންޑް އެއްވެސް ގޮތަކަށް ފިރިހެންކުދިންނަށް އިންޓެރެސްޓެއް ނުހުރޭ. މިކަހަލަ ކަމަކަށް އެންމެ ޕަފެކްޓް ކެންޑިޑޭޓް ................" ލިވިއާ ދުލުން ބުނެލިލެއް ކިތަންމެހާވެސް ފަސޭހައެވެ. އޭނަ ބޭނުންވާހާ ގޮތަކަށް ކޮންމެ ޕްލޭނެއްވެސް ރޭވިދާނެހެން ލިވިއާއަށް ހީވާކަހަލައެވެ. ނަމަވެސް ހަގީގަތަކީ އެއްވެސް އިންސާނަކަށް އެހެން މީހެއްގެ މުސްތަގުބަލް އެމީހަކު ބޭނުންވާގޮތަށް އަނބުރާލުމުގެ ބާރެއް ލިބިފައިނުވާކަމެވެ. އިންސާނުން ޚަލްގުކުރެއްވި ފަރާތުންވަނީ އެމީހާގެ ހަޔާތުގެ ހުރިހާ ސަފުހާތަކެއް ލިޔުއްވާފައެވެ.

"ކްރޭޒީ. އެކުއްޖާ އިންޓެރެސްޓެއް ނެތިއްޔާ ކިހިނެއް އޭނަ އަހަންނާއި އިންނަން އެއްބަސްވާނީ. ލިވީކަހަލަ އަންހެންކުއްޖަކު ތިހާ މޮޔަ ޚިޔާލެއްކުރީތީ އަދިވެސް މިހިރީ ގަބޫލުނުކުރެވިފައި. ލިވީ ބޭނުންހާ ގޮތަކަށް އުޅެން ޕްރޮގްރާމްކޮށްފައި ހުރި ރޮބޮޓެކޭ އަހަންނެކޭ ތަފާތެއްނެތް. އަހަރެންގެ ޚިޔާލެއް ލިވީއަކަށް މުހިމެއްނުވޭ. ކިޔަވަންވީ ދާއިރާ ވެސް ލިވީ ބޭނުންވާ އެއްޗެއް. އެންމެ ކުޑަވެގެން ލާ ހެދުންވެސް ލިވީ ޗޫޒްކުރަންޖެހޭނީ. އަހަންނަށް ލިވީގެ އެއްވެސް ކަމެއްގައި ގޮތް ކިޔައިގެނެއް ނުވޭ. މިއީ ކިހާ ދެރަކަމެއް. ލިވީ ޑޯންބީ ސޯ ފުލް އޮފް ޔޯ ސެލްފް........ " ލުކުމާން ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ލިވިއާއަށް އެއްޗެއް ވިސްނޭތޯއެވެ.

"ލޫކް. ދެއަންބަށް މީހުނާއި އިނުމަކީ ދީން ހުއްދަކުރާކަމެއް..."

"އެހެނެއްނޫނޭ ނުބުނަމެއްނު."

"އެހެންވެއޭ. ސަވާނާއަށް ދެރައެއްދޭކަށް ނޫން. އަހަރެމެން ދެމީހުންގެ ހަޒްބެންޑްގެ ގޮތުގައި ލޫކް ހުންނާނީ. ކިހާ ސަޅިވާނެ ދެ ބެސްޓްފްރެންޑުން އެއް ހަޒްބެންޑް ޝެއަކުރާއިރު. އެކުވެރިކޮށް އުޅޭއިރު. މީހުން ކިހާ ޖޭވާނެ. އަހަރެމެންގެ ވާހަކަ ދައްކަންވެސް ދައްކާނެ. މިސާލު ޖަހާނެ. އެހެން މީހުންވެސް އެގޮތަށް އުޅެން ބޭނުންވާނެ އެކަމަކު ނޫޅެވޭނެ އެގޮތަކަށް. އޭރުން ހަނީމޫންގައި ޕެރިހަށް ދާނީވެސް އެކީގައި. ޝޮޕިންކުރާނީ އެކީ. އަދި އަހަރެމެން ތިންމީހުނަށް ވަކި އެޕާޓްމެންޓެއްގައިވެސް އުޅެވޭނެއްނު. ސަވާނާ ބޭބީކަމުން އެކުއްޖާއާއި ރައްޓެހިވާކަށް ދުވަހަކު ފިރިހެންކުއްޖަކު ނާހާ. އެހެންވެ ޑިޕްރެސްވެފައި ހުންނަނީ. ސޯ އައި ވޯނަ ހެލްޕް ހާ. އެކަހަލަ ޑިޕްރެސްޑް ކުއްޖަކަށް އެވަރުގެ ކަމެއްކޮށްދިނީމަ ލޫކްއަށްވެސް ސަވާބު އެއްނު ލިބޭނީ. އަހަރެމެން ނޫޅެމެއްނު ސަވާނާ މަރާލާކަށް. ނޫނީ މުދާގަނޑަށް ވެރިވެގަންނާކަށް....."

ލުކުމާން ހުރީ ލިވިއާއާއި ދިމާލަށް ބެލިގޮތަށް ހިމޭންވެފައެވެ. އަނގައިންވެސް ނުބުނެއެވެ.

"ލޫކް ސަވާނާއާއި މީޓްކުރީމަ އެނގޭނެ އެކުއްޖާގެ އުޅުން ހުންނަގޮތް. މިބުނީ ކީކޭކަން....."

ލުކުމާން ޖަވާބެއް ނުދީ ހުންނަން ފެށުމުން ލިވިއާ ލަދުގަތެވެ.

"ޕްލީޒް ވާހަކަދައްކަބަލަ..." ލިވިއާ ލުކުމާން އަތުގައި ހިފާފައި ކުޑަކޮށް ތަޅުވާލައިފިއެވެ.

"މީހަކަށް އެހީވެވޭނީ ދެން ތިހާވަރަށް. ވެލް މިއީ ވަގުތުން އެއްބަސްވެވޭ ކަހަލަ ކަމެއްނޫން. ލިވީހިތުން ވަރަށް ފަސޭހަކަމެއް ދޯ. ގިވް މީ ސަމްޓައިމް ތިކަމާ ވިސްނާނަން........" ލުކުމާން އެހެންބުނެފައި ދާން ހިނގައިގަތުމުން ލިވިއާ ފަހަތުން ދިޔައީ ލުކުމާން ހިތްހަމަނުޖެހިފައިކަން އެނގިހުރެ އެކަމާއި މާޔޫސްވެފައި ހުރެއެވެ. ހުއްޓުވާށެވެ. އޭނަ ގޮވީމަވެސް ނުހުއްޓި އަނދިރީގެ ތެރެއަށް ހިޔަންޏެއްފަދައިން ގެއްލުމުން ލިވިއާ ހުރީ ބުދެއްހެން ގާވެފައެވެ. އޭނަ މިދެއްކި ވާހަކައަކީ އެއްވެސް ފަރާތަކަށް ގެއްލުމެއް އޮތްވާހަކައެއް ކަމަށް ލިވިއާއަކަށް ނުފެނެއެވެ. އެންމެނަށް ވިއްޔާ ވާނީ ފައިދާއެވެ. ތިންމީހުންނަށް އެކީ އެކުވެރިކޮށް އުޅެވިދާނެއެވެ. އޭނަ ލުކުމާން ކައިރީ ހިތުގައި ހުރި ބައެއް ވާހަކަތައް ފޮރުވިއެވެ. ސަވާނާ ގެންގުޅޭހާ ގަހަނާތަކާއި މޭކަޕްސާމާނެއްވެސް ހުންނަނީ ބޭނުންނުކޮށް ބަހައްޓާފައެވެ. ލުކުމާން ދެ އަނބިން ގެންގުޅެން ފެށީމަ ސަވާނާ އެހުރިހާ އެއްޗެއް އޭނައާއިއެކު ހިއްސާކުރާނެއެވެ. ސަވާނާއަށް އޭނަ މިހޯދަދެނީ ދުނިޔޭގައި ނެތްވަރުގެ ރީތި ފިރިހެނެވެ. ވީއިރު އެއީ އޭނަ ސަވާނާއަށްޓަކާ ވެދޭ އިހުސާންތެރިކަމެކެވެ. ސަވާނާއަށް ލިބޭ ގެއްލުމަކަށް ނުވާނެއެވެ. ސަވާނާވެސް ޝުކުރުވެރި ވާންޖެހޭނެއެވެ.

ލުކުމާން ވަރަށް ވިސްނުމަށްފަހު ނިންމީ ލިވިއާގެ ހުށަހެޅުމަށް އެއްބަސްވާށެވެ. ނަމަވެސް ޝަރުތެއްގެ މަތިންނެވެ. އޭނަ އެބުނާ އަންހެންކުއްޖަކާއި ކައިވެނިކުރާތާ ބަރާބަރު މައްސަރުފުރޭ ދުވަހު ލިވިއާ އޭނައާއި އިންނަން ޖެހޭނެއެވެ. އެކަމަށް ވައުދުވާން ޖެހޭނެއެވެ. ލިވިއާ ބުނާހާގޮތަކަށް އޭނަގެ ދިރިއުޅުމުގެ ލަގަން ދޫކޮށްލައިގެން ވަރަށް ގިނަ ދުވަހު ހުރެވިއްޖެއެވެ. ކެތްތެރިކަމުގެ މިސާލަކަށްވެގެން ހުރުމުން ހިތަށް ލިބެނީ އަނިޔާތަކެވެ. ލިވިއާ އޭނަގެ ދިރިއުޅުން ކުޅޭ ކުޅޭ އެއްޗަކަށް ހަދައިފިއެވެ. މިހިސާބަށް ކަންތައް ދިޔުމުން ދެން ފިޔަވަޅެއް އެޅެންޖެހޭނެއެވެ.

ލުކުމާނުގެ ޖަވާބު އިވިފާ ލިވިއާ އުފަލުން ހިތް ތެޅިލިއެވެ. ހުވަފެންތައް ފުރިހަމަވުމުގެ ނިޝާނެކެވެ. ދެން އޮތީ ސަވާނާ ރުއްސުމެވެ. އެއީ މާ އުދަގޫކަމަކަށް ނުވާނެއެވެ. ސަވާނާގެ ދެފައިގާ ހިފާ އާދޭސްކޮށްގެންވެސް އޭނަ ރުއްސާނެއެވެ. ސަވާނާގެ ހިތް މަޑުކަފަކޮޅެއްހާ ވަރުކަން އޭނަ ދަނެއެވެ. ވީއިރު މިހާވަރުގެ ކަމެއް ސަވާނާ ކޮށްދީފާނެ ނޫންހެއްޔެވެ؟

ލިވިއާ ސަވާނާއަށް ގުޅުމުން އޭނަ އެދުނީ އޮފީހަށް ބައްދަލުކުރަން އައިސް ދިނުމަށެވެ. ލިވިއާ ހައިރާންވެ އަންތަރީސްވިއެވެ. ސަވާނާ އޭނައަށް ނާންގާ ވަޒީފާއަކަށް ދާން ފެށީހެއްޔެވެ؟ ހިތުގައި ޝަކުވާތައް ފުނިޖެހުނެވެ. ސަވާނާގެ ބައްޕައަކީ ހޮޓަލުގެ ވިޔަފާރިކުރާ މީހެކެވެ. ވިޔަފާރި ފުޅާކުރަމުންގޮސް ޔޫކޭއިން އަމިއްލަ ގެއެއްގަނެ އެކޮޅުގައި ހޮޓަލެއް ހުޅުވިއެވެ. އެއީ ބޭރު ތަންތާ ވިޔަފާރި ފަށަންވެގެން އޭނަ ނެގި ފުރަތަމަ ފިޔަވަޅެވެ.

ސަވާނާ ބައްޕަގެ އޮފީހުގެ އެމްޑީއެއްގެ ހައިސިއްޔަތުން ވަޒީފާ އަދާކުރަންފެށި ދުވަހު އެންމެނަށް އޭނަގެ ހިތްހެޔޮކަމާއިމެދު ރުހެވުނެވެ. ހުރިހާ އެންމެން އެދިއެދި ތިބީ އެފަދަ ވެރިއަކަށެވެ. އެންމެންގެ އިހުސާސްތައް ދަންނަ ޒުވާން ވެރިއަކަށް ސަވާނާވިއެވެ. ސަވާނާގެ ކެބިންއަށް ލިވިއާ ވަނުމާއިއެކު ސަވަނާ ތެދުވެ ލިވިއާގެ ގައިގާ ބައްދައިލާފައި އިށީނީ މޭޒުމަތީގައެވެ. ފަންސުރުގައި ދަތްއަޅާލައިގެން އިންއިރު ތަނެއްގެ ވެރިއެކޭ ބުނާނީ ކާކުހެއްޔެވެ؟ ހެދުން އަޅާފައި ހުރީ އެހާ އާދައިގެ ކޮށެވެ. ކަޅު ފަޓުލޫނަކާއި އަތްދިގު ގަމީހެކެވެ. އިސްތަށިގަނޑު އޮތީ މައްޗަށް ކަހާލާ އައްސާލާފައެވެ. އެއްވެސް މޭކަޕެއްނެތެވެ. ނަމަވެސް އެއޮމާން މޫނުގައި މޮއިސްޗަރައިޒާއެއް ލާފައި ވުމުން ހަންގަނޑު ވިދާ ބަބުޅައެވެ.

"ލުކިން ސްމާޓް. އެކަމަކު އެނގޭތަ. އަހަރެން ނަންނިއާއި ރުޅި. ޖޮބަކަށްދާން ފެށިއިރުވެސް ނުބުނީމެއްނު. ވަރަށް ހާޓްވެއްޖެ..." ލިވިއާ އެކެބިންއަށް ބަލައިލީ ތައުރީފުގެ ނަޒަރަކުންނެވެ. ކެބިން ބޮޑުވެފައި އަރާމުކަމުގެ އިންތިހާއެވެ. ދުވާ ލުއި މީރުވަހުން ފުރާނަ ތާޒާކުރުވާ ވަރުވެއެވެ. ފާރުގައިވާ އަގު ބޮޑުކުރެހުންތަކުގެ އިތުރުން ފަރުނީޗަރާއި ފައިދަށުގައިވާ ރަގްތައްވެސް ހާމަކޮށްދެނީ ތަނުގެ ހައިބަތާއި މުއްސަދިކަމެވެ.

"އަދި ނުބުނެވި ނެތެއްނު ލިވީ. އިއްޔެ ބައްޕަ މީޓިންއަށް އަހަރެން ގެންގޮސް އެންމެނަށް އިންޓްރޮޑިއުސްކޮށްދިނީ. މިއަދަކީ ފަސްޓް ޑޭ. ލިވީއަށް ސަޕްރައިޒެއްދޭން މިހިރީ. މިރޭ ޑިނާއަކަށް ލިވީ ގޮވައިގެން ދާންކަމަށް މިހިރީ. އަހަރެން އެހާ ސިކްރެޓިވް މީހެއް ނޫންކަން އެންމެ ރަގަޅަށް އެނގޭނީ ލިވީއަށް. މިބުނީ ސިކްރެޓިވް ވިޔަސް އަދި ލިވީއަށް އެއްވެސް ކަމެއް ނުފޮރުވާކަން އެނގެއެއްނު...."

"އޮފީލިއާ މޯލަށް އިނގޭ..."

"އެއީ މާ ފެވެރިޓް ތަނަކީތަ؟ " ސަވާނާ އަހައިލިއެވެ.

"އެތާ ޗައިނީޒް ފުޑްވެސް ހާދަހާ މީރޭ. އަދި ސްމޫތީސް ހިތަށް އެރިޔަސް ކުޅުދިޔާވާވަރުވޭ. އޭ ނަންނި އަދި އެވާހަކައެއް ނޫނޭ. ލުކުމާންގެ ވާހަކަ މަދެއްކީމެއްނު. އޭނަ ހާދަހާ ވަރެކޭ އެވަނީ. ތިމަންނައަށް ނަންނި ނުލިބިއްޖެއްޔާ ހަމަ މަރުވެދާނަމޯ. ސުއިސައިޑް ޚިޔާލުވެސް ލޫކް އެބަގެންގުޅޭ. އަޅެ ނަންނި އެހެން ނަހަދާ. އަހަރެންގެ ބޭބެއެކޭ. އޭނައަށް ކަމެއްވެއްޖެއްޔާ އަހަރެންވެސް މަރުވެދާނެ........" ލިވިއާ ކުއްލިއަކަށް ފެށި ވާހަކައަކުން ސަވާނާގެ މޫޑު ގޯސްވިއެވެ. ލިވިއާ ލުކުމާންއާއި ބެހޭގޮތުން އެކި ކަހަލަ ވާހަކަދެއްކިއެވެ. ސަވާނާހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އެބުނާ ލުކުމާންއަށް އޭނަ ފެނިގެން އުޅެނީ ކޮންތާކުންހެއްޔެވެ؟ އެހާވަރަށް އަޅައިގަތީ ކޮންކަމަކާހެއްޔެވެ؟ އެހާވަރުން މީހަކު މަރުވާވަރުގެ ރީތި މީހަކީއެއްވެސް ނޫނެވެ.

"ވަރަށް ގިނަ އަންހެންކުދިން އޭނައާއިހެދި އުޅޭ. އެކަމަކު އެކަކާވެސް ރައްޓެހި ނުވޭ ނަންނި ފެނުނުފަހުން އަބަދު ނަންނިގެ ވާހަކަ ނޫން ވާހަކައެއް ނުދައްކާ..." ލިވިއާ އިތުރުކޮށްލިއެވެ. އޭރު ސަވާނާ ކޮންމެވެސް ކުއްޖެއްގެ ކައިރީ ބުނެގެން އެތަނަށް ކޮފީވެސް ގެނުވައިފިއެވެ.

"އެކަމަކު އަހަރެން ދުވަހަކުވެސް ލުކުމާން އެއް ނުދެކެން. އަނެއްކާ ސްޓޯކާއެއް ތަ؟ މިހާރުވެސް ޓެލެސްކޯޕަކުން މަގޭ ކެބިންތެރެއަށް ބަލަން ނޫންކަމެއްވެސް ނޭގޭ...." ސަވާނާ މަޖަލަކަށް ހަދާފައި ރިމޯޓުން އޮފީހުގެ ދޮރުފޮތިތައްވެސް ދަމާލުމުން ލިވިއާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. ލިވިއާ ބުނީ ސަވާނާ އެބުނީ ހަމަ ރަގަޅަށްކަމުގައެވެ. އޭނަގެ ފޯނުން ސަވާނާގެ ފޮޓޯއެއް ލުކުމާންއަށް ފެނިގެން އެހާ ނަލަވެގެން އުޅުނުކަމުގައެވެ. ސަވާނާ މަގުމަތިން ދާއިރުވެސް ފިރިހެންކުދިންނަށް ނުބަލާ އުޅެންޏާ މީހަކު ދަންޖެހުނަސް އެނގޭނީ ކިހިނެއްހެއްޔޭ ކިޔައިގެން ލިވިއާ ސުވާލުކުރިއެވެ. ލިވިއާ އެދުނީ އެންމެ ފަހަރަކު ލުކުމާންއާއި ބައްދަލުކުރުމަށެވެ. ލިވިއާގެ އެންމެ ގާތް އެކުވެރިޔާއަށްވީމަ ސަވާނާއަށް އެފަދަ ކަމަކަށް އެއްބަސްވުމަކީ އޭނައަށްޓަކާ ކޮށްދެވޭނެ އެންމެ ބޮޑު އިހުސާންތެރިކަން ކަމުގައެވެ. ލުކުމާންއަކީ އާއިލީ ކުއްޖަކަށްވުމުން އެފަދަ ކަމެއްކޮށްދޭން ލިވިއާ އެދުމުން ސަވާނާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

"ލިވީ އަންނަވީނު ލުކުމާން ގޮވައިގެން. މީޓްކުރެވިދާނެ....." ސަވާނާ އެއްބަސްވިއެވެ.

"ތެންކިއު ޑާލިން. އަހަންނަށް އެނގެޔޭ ނަންނި އަހަރެން ލަދުގަންނުވާ ނުލާނެކަން..." ލިވިއާ ސަވާނާގެ ކޮލުގައި ހިފިވަރުން ސަވާނާއަށް ތަދުވެސް ވިއެވެ.

ސަވާނާގެ އެލްމަންޑް ބައްޓަމަށްވާ ދެލޮލުގައި ހުންނަ މުށިކުލައިގެ ސަބަބުން އިތުރަށް މައުސޫމްކަމަށް ދައްކުވައެވެ. ނޭފަތް ކުޑަކަމުންގޮސް ނޭވާ ލެވޭގޮތަކާއިމެދުވެސް ލިވިއާގެ ހިތުގައި ސުވާލު އުފެދޭފަހަރު އާދެއެވެ. ދުވަހަކު އެ މޫނުމަތިން ޅަކަން ކެނޑި ހަރުދަނާ ބޮޑުމީހެކޭ ބުނެވޭވަރެއް ނުވާނެއެވެ. މިއީ ލުކުމާން ގެ ޓައިޕެއް ނޫނެވެ. ލުކުމާންއަށް މިކަހަލަ ޅަވައްތަރު ޖަހާ ކުދިން ކަމުނުދާކަން ލިވިއާ ދަނެއެވެ. އޭނައަށް ރީތީ ލިވިއާފަދަ އަންހެންވަންތަ ހަރު އަންހެންކުދިންނެވެ. ފުރަތަމަ ނަޒަރުންވެސް ލުކުމާން ސަވާނާދެކެ ފޫހިވާނެކަން ލިވިއާއަށް ޔަގީންވިއެވެ. އެކަމަކު ސަވާނާގެ މިހުރިހާ ސިފަތަކާއިއެކުގައިވެސް ކައިވެނިކޮށްފިއްޔާ ލިވިއާގެ ބޭނުން ފުދުނީއެވެ.

ސަވާނާގެ ހިތަށް ކޮންމެވެސް ކަހަލަ ނޭގޭ ބިރުވެރިކަމެއް ވަދެފައިވިއެވެ. ލިވިއާ ގަދަކަމުން އޭނަގެ ބޮލަށް އެރިގެން މިފަދަ ކަމެއް ކުރުވަން އުޅޭތީ ހިތުގައި ޝަކުވާ އުފެދިފައިވިއެވެ. އޭނަ މީހަކާއި ރައްޓެހިވާކަށް އަދި ތައްޔާރެއްނޫނެވެ. ނަމަވެސް ލިވިއާފަދަ ގާތް އެކުވެރިއަކު އެހާ އާދޭސްކުރަންޏާ އަދި އަމިއްލަ ގޭގައި މީހަކާއި ބައްދަލުކުރުން އޮތީ ކޮން ގޯހެއްހެއްޔެވެ؟ މަންމަ ރުޅިއަޔަސް އެންމެ ރަގަޅެވެ. ބައްޕަ އަހައިފިއްޔާ އޭނަ ބުނާނީ އޭނަގެ ޕީއޭ ކަމުގައެވެ.

ސަވާނާ ގެއަށް އައުމަށްފަހު ލިވިއާ ދެއްކި ވާހަކަތައް ހިތުން ނެރެ އެއްލާލާފައި އަމިއްލަ ކަންތައްތަކާއިގެން އުޅުނު އިރު އޭނަހުރީ ހިތްހަމަޖެހިފައެވެ. ކޮންމެވެސް ނޭގޭ ސަބަބަކާއިހުރެ ހިތަށް ފިނިވެއްޖެއެވެ.

ހޮނިހިރު ދުވަސްކަމުން އޭނަ އޮފީހަކަށް ނުނިކުމެއެވެ. ބައްޕަގެ ދައްތަމެންނާއި ކުދިންތަކެއް އެގެއަށް ޒިޔާރަތްކުރިއިރު ވާރޭވެހޭ ދުވަހެއްކަމުން ގޭގެ ފަހަތުގައި އޮންނަ ގަސްތަކުގެ ބައެއް ހިސާބުތަކުގައި ޗަކަހެދިފަ އޮތެވެ. ކުދިންތަކާއިއެކު ޗަކަގަނޑުގައި ކުޅެންހުއްޓާ ބޮޑުދައިތައެއް އެންގީ ސަވާނާއާއި ބައްދަލުކުރަން މީހެއް އައިސްފާ އެބަހުރިކަމުގައެވެ. ސަވާނާ އެއްގޮތަކަށްވެސް ލުކުމާންގެ މަތިން ހަދާނެއްނެތެވެ. ލައިގެން ހުރި ހެދުން ޗަކަވެ ހަޑިވެފައި އޮތްކަމާއިމެދު ނުވިސްނައެވެ. އެހުރިގޮތަށް ދުވަމުން ގޮސް ފެންޑާއަށް ނުކުމެވުނު ވަގުތު ލޯނުގައި ހުރި ޒުވާނާވެސް ފަތްތަރުމަތީގައި ފައިން އެޅީއެވެ. ފަންސަވީހަކަށް އަހަރުގެ ޒުވާނާ ފެނިފައި މުޅިކުއްޖާ ފިނިވެ ހާސްވީ ވަކިވަރަކަށް ނޫނެވެ. އަނގައިގާ އޮތް ބޮޑު ބަބްލްގަމުން ބޮއްކެއް އެރުވުނީވެސް ބޭ އިޚުތިޔާރުގައެވެ. އެވަގުތު ފެންކޮޅަކަށް އެރިފައި ފަތްތަރުމަތިން ކައްސާލުމާއިއެކު އެ ޒުވާނާގެ އަތުތެރެއަށް ކަހަލަ ގޮތަކަށް ވަދެވި އެބާރުގަދަ އަތުގެ ހިމާޔަތް ލިބުނެވެ. އެ ކުޑަ އެކްސިޑެންޓްވި ސިކުންތުކޮޅު ސަވާނާގެ މޫނު އެޒުވާނާގެ މޫނުގައި ޖެހުނީވެސް ހީނުކުރާފަދަ ގޮތަކަށެވެ. އެއާއިއެކު ބަބްލްގަމް ބޮކި ފަޅައިގެންގޮސް ތަތްވީ ޒުވާނާގެ ތުނިކޮށް ފަޅާފައި ހުރި ތުނބުޅިއާއިއެކު އަނގަމަތީގައެވެ. ހުރިހާކަމެއް ހިނގީ އެހާވެސް ހަލުވިކޮށެވެ. ދެމީހުންނަށް ވާނުވާ ރޭކާލީއިރު އެހުރިހާކަމެއްވެ ނިމިއްޖެއެވެ. ލުކުމާން އަނަގަޔަށް ހެދިގޮތުން ހީވީ ދެންމެ ދެންމެ ހޮޑުލައިފާނެހެންނެވެ.

"އަ...އައިމް ސޮރީ." ސަވާނާ ކަންބޮޑުވުމާއިއެކު އަދި އުޅެގަތީ ލުކުމާންގެ މޫނުން ބަބްލްގަމް ފިލުވާށެވެ. ލުކުމާން އެ ނާޒުކް ދެއަތުގައި ހިފަހައްޓާލާފައި ދުރުކޮށްލުވިއެވެ. ސަވާނާގެ ނަޒަރު ލުކުމާންގެ މޫނުން ތިރިވީގޮތަށް އެ ހުދު ޓީޝާޓާއި އަމާޒުވިއެވެ. އެޓީޝާޓުގައިވެސް އޮތީ ޗަކަ ހޭކި ހަޑިވެފައެވެ.

"ތީ...ތީ ކޮން ބޭފުޅެއް" ސަވާނާ ރަކިވާގޮތްވިއެވެ.

"ލުކްމާން..." ލުކުމާން އަމިއްލައަށް ތައާރަފުވުމުން ސަވާނާ އޭނަގެ ނަން ބުނެލީ ހިނިތުންވުމަކާއިއެކުގައި ކަމުގައިވިޔަސް ހިތަށް އޭރު ތޫފާނެއް އައިސްފައިވުމެކޭ އެއްފަދައެވެ. ފިރިހެނަކު އެގޮތަށް އޭނަގެ ގައިގާ އަތްލި ފުރަތަމަ ފަހަރެވެ. އެތައް މަސްހުނި އިހުސާސްތައް އެ ނާޒުކް އަންހެންކުއްޖާގެ ޖިސްމު ހޭލައްވައިލީ އާ ގޮތަކަށެވެ. ކުރިން އެނގިފައި ނުވިފަދަ އާ އަސަރުތައް ހަށިގަނޑުގައި ހިނގާލިއިރު ސަވާނާ ހުރީ ކޮންމެވެސް ވަރަކަށް ހުއްޓުން އަރާފައެވެ. އަބަދާ އަބަދު ޅަކޮށް އުޅެމުން އައި ސަވާނާގެ ހިތަށް ޒުވާން ލުކުމާން އެންމެ ބަލައިލުމަކުން ސިހުރު ހެދިއިރު ދެމީހުންވެސް ވަނީ ނޭގުމުގެ ތެރޭގައެވެ. ދެމީހުންނަކަށްވެސް އަދި ސަވާނާގެ ހިތުގައި ހިގައިގަތް ހައިޖާނުގަނޑެއްގެ ހިލަމެއްނުވިއެވެ.

"އައިލް ....ބްރިންގް ސަމް......އޮއިލް؟"

"ނޯ ތޭންކްސް. އައިމް ފައިން............" ލުކުމާން ފަހަތަށް ފިޔަވަޅެއް އެޅިއެވެ. އަދި ތުންފަތުގައި ހަރުލާފައި ހުރި ކިރުގަނޑު ނައްޓަން މަސައްކަތްކުރިއެވެ. ސަވާނާ އަދި އިތުރަށް ލަދުގަތުމުން ހަދާނެ ނަހަދާނެ ގޮތެއްނޭގި ކުރެވުނުކަމަކީ އަނެއްކާ ބަބްލް ބޮތްކެއް އެޅުނީއެވެ. އެއާއިއެކު ދެލޯ ބޮޑުކޮށްލަމުން އަނެއް ފަރާތަށް އެނބުރުނުގޮތް ފެނިފާ ލުކުމާން ހުރީ ބޯ ހަލާކުވާވަރުވެފައެވެ. ކުރީ ދުވަހަކުވެސް މިގޭ މަގުން ލާފައި އަންނަނިކޮށް ފާރުމަތިން އައި ބޯޅައަކުން މޭމަތީގައި ޖެހިގެން އޭނަގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ. އެދުވަހުވެސް ބޯޅަ ނަގަން މަގަށް ނުކުތީ ހަމަ މިކުއްޖާކަން ހަދާންވެ އަދި ވަކިން ބޮޑަށް ލުކުމާންގެ ހިތުގައި ފޫހިކަން ހިގާލައިފިއެވެ. އަދި އެދުވަހު ހުރީ އިސްތަށިގަނޑު މުޅިން ހާވާލައިގެންނެވެ. މަގުގެ ދެކޮޅު ބަލައިވެސް ނުލާ ރާސްލާފައި ނުކުތްގޮތަށް ބޯޅަ އަތުލައިގެން ދުއްވައިގަތްއިރު މީހެއްގެ ގައިގާ ޖެހުނުތޯ ބަލާކަށްވެސް ނޫޅުނެވެ. ކުޑަކުއްޖަކާއި ތަފާތެއްނެތެވެ. ވީއިރު މިއީ ދެވަނަ ބައްދަލުވުންތާއެވެ.

ލުކުމާން ރީއްޗޭ ކިޔައިގެން ލިވިއާ އެހާ ތައުރީފުކުރިޔަސް މިހާވަރުގެ މީހަކަށް ވެދާނެކަމަކަށް ސަވާނާ ހީކޮށްފައެއްނެތެވެ. އެދެލޮލުން ބަލަން ހުރިގޮތުންވެސް ހިތާއި ކުޅެލައިފިއެވެ. ތޫނު ދެލޮލޭ ކިޔަނީ މިފަދަ އަސަރުން ފުރިފައިވާ ޖާޒުބީ ލޮލެއް ހެއްޔެވެ؟ އެ ބަލައިލުމުން އަންހެންކުއްޖަކު ވިރުވައިލަފާނެއެވެ. އެލޮލުގެ ފުރިހަމަކަން ކިޔައދީ ކޮޅަކުން ނުލާނެއެވެ. އަޑުވެސް ފިރިހެންކަމުން ސަވާނާ ހައިރާންކުރުވައިފިއެވެ. ސަވާނާ ކަންބޮޑުވުމާއިއެކު ތިމާ އަށް ހުރެވުނުގޮތް ފެނި އެކަމާއި ވިސްނުނެވެ. ވަރަށް އަވަހަށް ހެދުން ބަދަލުކޮށްގެން އަންނާނެކަމަށް ބުނެފައި އެނބުރުނުތަނާ ބޮޑުދައިތައެއްގެ ސުވާލު އަމާޒުވިއެވެ. ސަވާނާ ޕީއޭ އެކޭ ބުނެލާފައި ބާރުބާރަށް ދުވެފައި ސިޑިން އެރިއިރު ހިތްވަނީ އޭގެ މަގާމު ދޫކޮށްފައި ގޮސްފައެވެ. މިހާއަވަހަށް އެހިތަށް ހުސްކަމެއް ވެރިވެއްޖެއެވެ. ހިތް އެދެނީ ލުކުމާން ދެކެން ދިޔުމަށެވެ. އަބަދުހެން ލޮލުގެ ކުރިމަތީގައި ރީތި ތަސްވީރަކަށްވެގެން ހުރުމަށެވެ.

ސަވާނާ ފުމެމުން ދުވެގޮސް ލޯމަތިން ގެއްލުމާއިއެކު ލުކުމާން ލިވިއާއަށް ގުޅައިގެން ވާހަކަ ދެއްކިއެވެ.

"އަހަރެންގެ އުނަގަނޑާއި ހަމަޔަށް ފޯރަނީއެއްވެސް ނޫން. އަހަރެން ވީ އެ ކުޑަކުއްޖާއާއި އިންނަންތަ؟ ވިލް ދެޓް އިވެން ބީ ލީގަލް؟"

(ނުނިމޭ)

comment ކޮމެންޓް