ގްރީން އަތުން މާޒިޔާއަށް ފަސޭހަ މޮޅެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ކްލަބު ގްރީންް ސްޓްރީޓްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގްރީންގެ މައްޗަށް މާޒިޔާ އިން ކުރި ހޯދާފައި ވަނީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލީގު ތާވަލުގައި މާޒިޔާ އޮތީ ކުޅުނު 13 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 13 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ގްރީން އޮތީ ކުޅުނު 13 މެޗުން ލިބުނު 16 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.

މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް މާޒިޔާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ އިރު، މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި އިސްމާއީލް އީސާ (މެސީ) ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެ އެވެ. އެ ދެ ހަމަލާގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު އަހްމަދު ފައިރޫޒެވެ.

މާޒިޔާ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. ޔާމީން މޫސާ (ޔާމްބެ) ނަގައިދިން ހިލޭ ޖެހުމަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިހަލޮވިޗް ބޯޖާން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީންގެ ޕެނަލްޓީ އޭރިޔާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާ އަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެ ވަނަ ހާފު ވެސް މާޒިޔާ އިން ފެށީ ވަރުގަދަ ކުޅުމަކާ އެކު އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ޕެނަލްޓީ އަކުން ލީޑު ފުޅާކުރި އެވެ. މާޒިޔާއަށް ލިބުނު އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެސީ އެވެ.

މެޗުގައި މާޒިޔާ އިން ތިން ލަނޑުގެ ލީޑެއް ނެގީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަޝްއަދު އަލީ (އަޑުބަރޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މުހައްމަދު އިރުފާން (އިރޭ) ފޮނުވާލި ހަމަލާއެއް ގްރީންގެ ޑިފެންޑަރުން ދިފާއުކުރުމާ އެކު ލިބުނު ރީބައުންސް ބޯޅަ އަކުންނެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ގައުމީ ޓީމަށް އަލަށް ނެގި ޒުވާން ކީޕަރު ހުސައިން ޝަރީފް ފެނިގެންދިޔަ އެވެ. މި މެޗަކީ މިސީޒަނުގައި މާޒިޔާގެ ގޯލުން އޭނާ ފެނުނު ފުރަތަމަ މެޗެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ގދ. ތިނަދުއާއި އއ. މާޅޮސް ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ. މިލަންދުއާއި ދ. ކުޑަހުވަދޫ އެވެ.

comment ކޮމެންޓް