ބޮޑު ޢީދުގެ ކުލަމަޖާގަނޑުގެ ތެރޭގައި އަހަރެމެން އުޅެމުންދިޔައީ ވަރަށް އުފާވެރިކަމާއެކުގައެވެ. މާލެއިންނާއި އެކި ރަށްރަށުން ބޮޑު އީދަށް އައިސްއުޅޭމީހުންތަކުން، ރަށުތެރެ ވަނީ ތަރަތަރަ ޖަހާފައެވެ. އީދުގެ ފުރިހަމަ އުފާ ލިބެނީވެސް މިގޮތަށް ރަށުތެރެ ހަލަބޮލި ވެލީމައެވެ. ދަންނަ މޫނުތަކާއި ނުދަންނަ މޫނުތައް އެކުވެ ގުޅި ލާމެހުނީމައެވެ.

ރައްޓެހި ކުދިންކޮޅަކާއެކު އަހަރެން ދިޔައީ ކޯޑިނެރޭ ތަނަށެވެ. އިރާކޮޅުގެ ވަގުތުކަމުން ދުވާލެކޭ އެއްގޮތަށް މަގުތަކުގެ ހަލަބޮލިކަން އޭގެ އެންމެ ތާޒާކަމާއެކު އޮތެވެ. އަހަރެމެން ދިޔައީ ތުނޑިއާވީ ކޮޅަށެވެ. ކޯޑި ނެރުމުގެ އެންމެ ފޯރިގަދަ ބައި އޮންނާނީ އެހިސާބުގައި ކަމަށް ވާތީއެވެ.

އަހަރެމެންނަށް ތަންކޮޅަކަށް ދެވުނުތަނާ ކުރިމަތިން ފިރިހެން ގުރޫޕެއް އަންނަތަން ފެނުނެވެ. އެތަނުގައި ތިބީ ރަށު ތިން ކުއްޖަކާއި ބީރައްޓެހި ސޮރެކެވެ. އަހަރެމެންނާ އަރާ ހަމަވެފައި، ބީރައްޓެހި ކުއްޖާ އަހަރެންގެ ނަމުން ގޮވައިލިއެވެ. އެއީ އަހަރެން ދަންނަ ކުއްޖަކަށް ނުވާތީ އަޅައެއްނުލަމެވެ. އެކަމަކު އެހާހިސާބުން އެ ގުރޫޕު އަހަރެމެން ފަހަތު އަޅުވާލައިފި އެވެ.

އެރޭ އޭނާ އަހަންނަށް ވަރަށް ޖެއްސުން ކުރިއެވެ. އަތުގައިވެސް އެއްފަހަރު ހިފެހެއްޓިއެވެ. އައި ރުޅީގައި އޭނާގެ ކަންކަށި މަތީގައި އަހަންނަށް އެތިފަހަރެއް ޖެހުނެވެ. ގައިގައި އަތްލައިގެން ނުވާނޭކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. އެހާތަނުން އޭނާގެ އުނދަގުލުން އެރޭ ސަލާމަތްވެއްޖެއެވެ.

އެއީ ކާކުކަން އެރޭ އަހަންނަށް އެނގުނެވެ. އެއީ މާލޭން އައިސް އުޅޭ ކުއްޖެކެވެ. ނަމަކީ ވިދާދެވެ. އޭނާ އަހަރެންދެކެ މާބޮޑަށް ލޯބިވަނީޔޯލަ އެވެ. އަޖައިބެކެވެ. އަހަރެން މިއުޅެނީ މީހަކާ ހިތާނުވެވިގެން ހެއްޔެވެ؟ އޯލެވެލް ނިންމުނެއްކަމަކު އިތުރަށް ކިޔެވުމަށް ކުރާ އުންމީދު އަހަރެން ދުލެއް ނުކުރަމެވެ. ވީއިރު އެހެން އަންނަ ވިދާދަކީ އަހަންނަށް ކާކުހެއްޔެވެ؟ އެހެންނޫނަސް ޒަވާޖީ ޙަޔަތަކީ އަހަރެން ދެކޭގޮތުގައި ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. އަހަރެން މާކުރިންސުރެ ކަނޑައަޅާފައި އޮންނަ ޢަޒުމެއް އޮވެއެވެ. ރާއްޖޭގައި ފުރެމުން އަންނަ ވަރީގެ ލިސްޓަށް އަހަރެންގެ ސަބަބުން އެންމެ ނަންބަރެއްވެސް އިތުރުވިޔަ ނުދިނުމެވެ. އެއީ އެއްދުވަހަކު ނޫހަކުން ފެނުނު ޚަބަރަކާ ގުޅިގެން ކަނޑައެޅުނު ޢަޒުމެކެވެ.

އަހަރެން ހީކުރީ އެރެއަށްފަހު ވިދާދުގެ އުނދަގުލެއް ނުފޯރާނޭ ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ. އޭނާ ވަރަށް މޮޅެވެ. މަންމަގެ ބޯ ކައިލީއެވެ. ވިދާދު ބޭނުންވީ އަހަންނާ އިންނާށެވެ. މާލެގެންދާށެވެ. ކިޔަވައިވެސް ދޭށެވެ. އަހަރެން ކިޔަވަން ބޭނުންވާހާ ދުވަހަކު ދަރިއަކުވެސް ނުހޯދާނެއޭ މަންމަ ބުންޏެވެ. އަހަރެން އިންކާރު ކުރީމެވެ. ކަރުނައާއެކު މަންމަގާތު އާދެސް ކުރީމެވެ. މަންމަ ހުރީ ހަތިޔާރު ބަހައްޓާ ގޮތަކަށް ނޫނެވެ. މަންމަ އެދެނީ އަހަންނަށް ހެވާއި ލާބައެވެ.
އެންމެފަހުން އަހަރެން ކައިވެންޏާ އެއްބަސްވީމެވެ. އެހެންގޮތެއް ނެތުމުންނެވެ. ހިތުން ލޭ އޮހޮރެމުން ދިޔަނަމަވެސް މަންމަ އުފާކޮށްދެވޭތީ ހިތްމަޖެހުނު ކަންނޭނގެއެވެ. މާލޭގެ "ޢިއްޒަތްތެރި" އަކާ ކައިވެނި ކުރެވޭތީ ރޯންވީހެއްޔެވެ؟ ކުރަންވީ އުފަލެއްނޫންހެއްޔެވެ. އަހަރެމެންކަހަލަ ވަނދު ބަނބުކެޔޮ ކައިގެން ބޮޑެތިވާ ރާއްޖެތެރޭ ކުދިންނަށް، ހުވަފެނަކުން ވެސް މިކަހަލަ "ނަޞީބެއް" ލައްވަފާނޭ ހެއްޔެވެ؟

ކައިވެންޏަށްފަހު އަހަރެން ގޮވައިގެން ވިދާދު އައީ މާލެއަށެވެ. ރަށުން އަހަރެން ފުރިދުވަހު މަންމަ ރުޔެވެ. އެހެނަސް މަންމަގެ ހިތުގައި އުފާވެރިކަމުގެ ރާގެއްވެސް ކުޅެމުން ދާނޭކަން ޔަޤީނެވެ. އަހަރެން މާލެ ގޮސް ވޭތުކުރާނީ ކޮންފަދަ އުފާވެރި ދިރިއުޅުމެއްހެއްޔެވެ؟ ވިދާދުގެ ބޮޑުގޭގައި، އޭނާގެ ފުރިހަމަ ހިމާޔަތުގައި އުޅޭނެ އަރާމު ދިރިއުޅުން........

ކޮންމެ ގޮތެއްވިޔަސް މިހާރު ވިދާދަކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެން ކަނޑައެޅި އަޒުމެއް އޮތްކަން ހަނދާން ނައްތައެއް ނުލަމެވެ. އެހެންކަމުން އަހަރެން ޤަސްދުކުރީ ލޯބިނުވިޔަސް ވިދާދާއެކު ރަނގަޅަށް އުޅުމަށެވެ. އުފާވެރި ނޫނަސް ހަމަޖެހޭ ދިރިއުޅުމެއް ވޭތިކުރެވޭތޯއެވެ. ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީތާއެވެ.

ވިދާދުގެ ބައްޕަގެ ގެއަކީ އަހަރެން ހީކުރިވަރަށްވުރެވެސް މާ ބޮޑު ގެއެކެވެ. ފަސްބުރީގެ ބޮޑު ޢިމާރާތެކެވެ. ހަތަރުބުރި ހުންނަނީ ކުއްޔަށް ދީފައެވެ. ވިދާދުގެ ޢާއިލާ އުޅެނީ އެންމެ މަތީބުރީގައެވެ. ގެ ބޮޑެއްކަމަކު އަހަރެން އުފަލެއް ނުވެއެވެ. އަހަރެން ބޭނުންވަނީ ކިޔަވާށެވެ. އަހަރެން ވީދާދާ ކައިވެނި ކުރީ އަހަންނަށް ކިޔަވައިދޭނަމޭ ބުނުމުންނެވެ. މާލެ ގެނެސް ކޯހެއްގައި ބައިވެރި ކުރުވާނަމޭ ބުނުމުންނެވެ. އެކަމަކު ދެހަފުތާ ވެގެން ދިޔައިރުވެސް އެކަހަލަ އެއްވެސް ވާހަކައެއް ވިދާދެއް ނުދައްކައެވެ. ކޯސްތަކަށް އިޢުލާނު ނުކުރާތީ ކަންނޭނގެއެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި އަހަންނަށް ފާހަގަކުރެވުނު ކަމެއް އެބައޮތެވެ. ވިދާދު އަހަންނާ ހާދަ ދުރެވެ. އަނގައިން ނުބުނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާންމުކޮށް ވިދާދު އަހަންނަށް ފެންނާނީވެސް ރޭގަނޑުއެވެ. އެގާރަ ބާރަ ޖަހާފަހުންނެވެ. ބައެއް ރޭރޭ އެކެއް ދޭއް ޖަހާފަހުންވެސް އަތުވެދާނެއެވެ. އައިސް އިންނާނީ ފިލްމެއް އަޅުވައިގެން ފިލްމު ބަލާށެވެ. އަހަންނަށް ނިދޭއިރުވެސް އޭނާ އިންނާނީ ފިލްމު ބަލާށެވެ. ނިދަނީ ކިހާއިރަކުކަމެއް ވެސް ނޭނގެއެވެ. އަނެއްކޮޅުން ތެދުވާނީ މެންދުރުވާފަހުންނެވެ. ވަޒީފާއަކަށް ދިއުމެއް ނޯވެއެވެ.
ވިދާދުގެ އެއުޅުން އަހަންނަށް ކިތަންމެ ކަމުނުދިޔަސް އެއްޗެއް ނުބުނަމެވެ. ރުޅި އަތުވެދާނެތީ ބިރުގަނެއެވެ. އޭނާގެ ސިނގު ރުޅި އެއްދުވަހަކު އަހަންނަށް އޮތީ ފެނިފައެވެ. އޭނާގެ މަންމައާ ދިމާއަށް އެހެރަ ގޮވައިލި އެއްޗިއްސެވެ. ހިތަށް އެރިއެވެ. މިއީ ވާ މީހެކެވެ.

ކޯސްތަކަށް އިއުލާނު ކޮށްފިއެވެ. އަހަރެން އެ އިޢުލާނު އަޑުއެހީމެވެ. ވިދާދު އައުމާއެކު އަހަރެން އެވާހަކަ ބުނީމެވެ. ރުޅިއަރުވާކަށް ނޫނެވެ. ކޮށްދޭނަމޭ ބުނެފައި އޮތްކަމަކަށް ވާތީއެވެ. އެހެނަސް އޭނާގެ ވާހަކަ ހުރީ ހީކުރި ގޮތަކަށް ނޫނެވެ.

"އަހަރެން މި އުޅެނީ ކަލޭ ކޯހަށް ވައްދައިގެން ކިޔަވައިދީ، ވަޒީފާއަށް ފޮނުވަން ކަމަށްތަ ހީކުރީ؟ އެނގޭތަ؟ މަގޭ ކަންކަށިމަތީގައި ކަލޭ ޖެހިތަނުން އަދިވެސް ތަދުނުކެނޑެއޭ." މޫނުތީގައި އެއްއަތުން ފިރުމައިލަމުން ރުޅިވެރި ރާގަކަށް ވިދާދު ބުންޏެވެ.

ވިދާދުގެ އެ ޖުމުލަ އިވިފައި އަހަންނަށް ވީގޮތްވެސް ނޭނގުނެވެ. ހިތް ތެޅިގަތީ ބިރުވެރި ކަމާއެކުގައެވެ. ދެލޯ ބޮޑުވިއެވެ. އަނެއްކާ ވިދާދު އެވަރަކުން އަހަންނާ ކައިވެނިކުރީ އެކަމުގެ ބަދަލު ހިފަންބާވައެވެ؟

"އާނ، ތި ހީވީ ރަނގަޅަށް. މިއީ އެހެން އެއްވެސް ބޭނުމަކު އަހަރެން ކުރިކަމެއްނޫން!" ވިދާދުގެ އެ ޖުމުލައާއެކު އަހަންނަށް ރޮވުނެވެ. ހިތަށް ވީ ތަދެއްގެ ބޮޑުކަމުންނެވެ.

ވިދާދު ފިލްމު އަޅުވައިގެން ބަލަން އިންއިރު އަހަންނަށް ކުރެވުނުކަމަކީ އެނދުމަތތީގައި އޮވެ ރުއިމެވެ. އިރުއިރުކޮޅުން ރުޅިވެރިކަމާއެކު އަހަންނާދިމާއަށް ވިދާދު ބަލައިލާކަން އެނގެއެވެ. އެންމެފަހުން އޭނާ ރުޅިއައިސްގެން އައިސް އަހަރެންގެ ދެއަތުގައި ހިފާ ކޮޅަށް ނެގުމަށްފަހު މޫނުމަތީގައި އޭނާގެ އެ ވަރުގަދަ އަތްތިލަ ހުރިގޮތަށް ބަހައްޓާލައިފި އެވެ. ވީތަދާއެކު އަހަންނަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ޢުމުރުން މިހާދުވަސް ވީއިރު އަހަރެންގެ މަންމައެއްވެސް ބައްޕައެއްވެސް އަހަރެންގެ ގަޔަކު ޖަހާފައެއް ނޯނާނެއެވެ. އެހެންކަމުން މޫނުމަތިން ނެގި ދިލައަށްވުރެ، ހިތަށްލިބުނު އަނިޔާ މާ ބޮޑުވިއެވެ.

އެރެއަކީ، ވިދާދުގެ ފަރާތުން އަހަންނަށް ލިބުނު އަނިޔާގެ ދިގު ސިލްސިލާ ފެށުނު ރެއެވެ. ޙައްޤުން ކަމަކާ ނުލައި އަހަރެންގެ ގައިގައި އޭނާ ޖެހީ ކިތައްފަހަރުކަމެއް ބުނާކަށް ނޭނގެއެވެ. އެންމެ ބޮޑު ވޭނަކަށްވީ އެދުން ފުއްދުމުގައި ގެންގުޅޭ ކުކުޅު ހާލުގެ އުސޫލެވެ. އޭނާގެ ރައްޓެހިން ގޮވައިގެން ގެއަށް އައިސް އެމީހުންގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓައިލުމަކީ އޭނާގެ އުފަލެކެވެ. އޭނާ ގެއަށް އަންނައިރު، އަހަރެން ތަނެއްގައި އޮށޯވެ އޮވެއްޖިއްޔާ ތެދުވާކަށް ނުބުނާނެއެވެ. ވައްޓައިލުން ފިޔަވައި ދެވަނަ ދެގޮތެއް ނުހަދާނެއެވެ. އަހަންނަށް އަނިޔާއެއް ކޮށްލުމަކީ އޭނާގެ ހިތަށް ފިނިކަމެއް ލިބޭ ކަމަކަށް ވަނީކަންނޭނގެއެވެ.

ހަފުތާއަކު އެއްފަހަރުހެން މަންމަ އަހަންނަށް ގުޅައެވެ. ހާލު ބަލާށެވެ. މިކަހަލަ އެއްވެސް ވާހަކައެއް އަހަރެން މަންމައަކަށް ކިޔައެއް ނުދެމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ވިދާދާއެކު އުޅެން ބޭނުންވާތީއެވެ. ލޯބިވާތީއެއް ނޫނެވެ. ކައިވެނި ރޫޅެން ބޭނުން ނުވާތީއެވެ. އެހެން ނޫނަސް އަހަރެންގެ ހިތާމައިގެ އެއްކޮޅު މަންމަ ލައްވާ އުފުލާކަށް ބޭނުމެއް ނޫނެވެ.

އާދުވަހެކެވެ. މެންދުރު ފަހުގެ ވަގުތެވެ. ވިދާދު ނިދާ ހޭލައިގެން ސައިބޮއިގެން ނައްޓާލައިފިއެވެ. އަހަރެން ކޮޓަރިއަށް ވަދެ ޖައްސައިލީ ބޮލުގައި ރިހޭލެއް ބޮޑުކަމުންނެވެ. ކުރީރެއަކު ވިދާދު ރުޅިއައިސްގެން އެނދުން ވައްޓާލިވަގުތު ފާރުގައި ބޯޖެހިގެން އުފެދުނު ތަދު، ދާޢިމީ ވޭނަކަށް ވަނީ ކަންނޭނގެއެވެ.

ދިރިއުޅުމަށް ކުރިމަތިވި އަނދިރި ދުވަސްތަކާމެދު ފިކުރުކުރަން، ނިތްމަތީގައި އަތް ބާއްވާލައިގެން އަހަރެން އޮއްވާ، ކޮންމެވެސް މީހަކު ކޮޓަރީ ދޮރު ހުޅުވާލައިފިއެވެ. ސިހިފައި ބަލައިލެވުނެވެ. އެއީ ވިދާދެވެ. އަހަރެން އުޅުނީ ފުންމައިގެން ތެދުވެވޭތޯއެވެ. އެކަމަކު ނުތެދުވެވުނެވެ. އޭނާ އެއައިގޮތަށް އައިސް ހިފީ އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައެވެ. ލުއްކިއެއް ޖަހައިފިއެވެ. ވީތަދެއްގެ ބޮޑުކަމުން އަހަންނަށް ރޮއިގަނެވުނެވެ.

"ކަންނެތްކަމުގެ ހައްދެއް ނެތެއްނު. ކޮންމެހެން އަހަރެން އައިމަ ތެދުވަން ޖެހޭތަ؟ ޖެއްސުންކުރަން ނޫޅެއްޗޭ!" ވިދާދު ހަޅޭއްލަވައިގަތްއިރު އޭނާގެ އަތް އަހަރެންގެ އަނގަމައްޗަށް އަރައިފިއެވެ. ލޭތައް އޮހިގަތެވެ. މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ކައިރީގައި އިނީ ބައްޕައެވެ. އަހަންނަށް ރޮވުނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ބައްޕަ އަހަންނަށް ދިނީ އުއްމީދުކުރި ޚަބަރެއް ނޫނެވެ. ވިދާދު އަހަރެން ވަރިކުރީއެވެ. ކުރަންވީ އުފާ ހެއްޔެވެ؟ ނޫނީ ހިތާމަ ހެއްޔެވެ؟ ނޭނގުނެވެ.

އޭގެ ދެވަނައަށް ވީދުވަހު އަހަރެން ހުރީ ރަށުގައެވެ. ކަނޑައެޅި އަޒުމުވަނީ އޮޔަށް ވަޔަށް ބުރައިގެން ގޮސްފައެވެ. ޢުމުރުދުވަހު ރައްކާކޮށްގެން އުޅުނު އަގުބޮޑު މުދާ ރަޙުމެއް ޙަމްދަރުދީއެއް ނެތް މީހަކަށް ދެވިއްޖެއެވެ. ކުށްވެރިއަކީ ކާކުހެއްޔެވެ؟ އަހަރެން ހެއްޔެވެ؟ ނޫނީ........؟ ދެން ނޭނގެއެވެ. )ނިމުނީ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު