ނަތީޖާތައް ގޯސްވެގެން ޒިންމާ ނަގަންވީ ބައްސާމް އެކަންޏެއް ނޫން!

ގައުމީ ފުޓްބޯޅަ ޓީމު --- ސަން ފޮޓޯ

ތިމާ ސަޕޯޓުކުރާ ޓީމެއް ނުވަތަ ގައުމެއް މޮޅުވުމަކީ ތިމާ އެދޭނެ ކަމެއްކަން ކަށަވަރެވެ. ނަމަވެސް ބަލިވެއްޖެ ނަމަ، މާޔޫސްކަން ލިބޭނެ އެވެ. މާޔޫސްކަން ލިބުމުން 'ހިނދުކޮޅުގައި' ގިނަ މީހުންނަށް ފާޑުކިޔޭނެ އެވެ. ޝަކުވާ ކުރާނެއެވެ. ހެދުނު ގޯސްތައް ބަލައި ކްލަބެއް ނަމަ، މެނޭޖްމަންޓާއި ކޯޗުގެ އިސްތިއުފާއަށް ގޮވާނެ އެވެ. ގައުމީ ޓީމެއް ނަމަ، އެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ކޯޗުގެ އިސްތިއުފާއަށް ގޮވާނެ އެވެ.

މިއަހަރަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ އެދެވޭ ނަތީޖާތައް ނެރެވޭ އަހަރަކަށް ނުވިއެވެ. އޭގެ ސަބަބުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ގައުމީ ކޯޗު ޑެރަން ސްޓެވާޓްގެ އިތުރުން ބައެއް ކުޅުންތެރީންނަށް ވެސް ފާޑުކިޔުންތައް އަމާޒުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ސަން ފޮޓޯ

އެފްއޭއެމްގެ ކުރީގެ ދައުރުތަކުން ޒުވާން ޓީމުތައް ބިނާކުރުމަށް މަސައްކަތް ކޮށްފައެއް ނެތް!

އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ކުރިމަތިލެއްވީ ވައުދުތަކަކާ އެކު އެވެ. އެ ވައުދުތަކުގެ ތެރެއިން އެއް ވައުދަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމެވެ. ޒުވާން ޓީމުތަކުގެ ނަތީޖާތައް ގޯސްވެގެން ދިޔަ ނަމަވެސް، ބައްސާމް ވަނީ ޒުވާން ޓީމުތަކަށް ފުރުސަތު ދީފައެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

ޒުވާން ޓީމުތަކުގެ ނަތީޖާ ގޯސްވެގެން ދިޔައީ ކޮންމެހެން ބައްސާމްގެ މައްސަލައަކުން ނޫނެވެ. އެކަމުން ދައްކުވައިދެނީ އެފްއޭއެމްގެ ކުރީގެ ދައުރުތަކުން ޒުވާން ކުޅުންތެރިންނާއި ޓީމުތަކަށް އިސްކަން ދީފައި ނުވާ ކަމެވެ. ކުރިމަގުގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ފަދަ ކުޅުންތެރިން އުފެއްދުމަށް މަސައްކަތެއް ކުރެވިފައި ނުވާކަން ދައްކައިދޭ ހެއްކަކަށެވެ.

މިއަހަރު ޔޫތު ޓީމުތަކުން ވެސް ވަނީ ގިނަ މުބާރާތްތަކުގައި ވާދަކޮށްފައެވެ. ޒުވާން ޓީމުތަކުން މުބާރާތްތަކުގައި ވާދަކުރަން ފޮނުވީ ރިސްކަކާ އެކު އެވެ. އެންމެ ގިނައިން ޒުވާން ޓީމުތައް މުބާރާތްތަކުގައި ވާދަކުރި އަހަރަށް މިއަހަރު ވެގެންދާނެ އެވެ. ނަތީޖާތައް ގޯސްވާނެ ކަން އެނގޭތީ އެފްއޭއެމްގެ ކުރީގެ ދައުރުތަކުން މުބާރާތްތަކުގައި ބައިވެރިކުރުވަން ފަސް ޖެހުނީ ކަމަށް ވެދާނެ އެވެ.

ބައްސާމް ވިދާޅުވި ގޮތުގައި، މުބާރާތްތަކުގައި ވާދަކޮށް ނަތީޖާ އެހާ ރަނގަޅު ނުވާނެކަން އެނގޭއިރު ވެސް މުބާރާތްތަކުގައި ބައިވެރި ކުރުވީ މުސްތަގުބަލަށް ވިސްނައިގެންނެވެ. ނަތީޖާ ގޯސްވެދާނެތީ އެގޮތަށް ބަލަން ތިބޭނަމަ، ދިވެހި ފުޓްބޯޅަ ދާނީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިހާބުކުރިތާ އަދި މިވީ އެންމެ އަހަރެކެވެ. އެފްއޭއެމުން މިހާރު މުސްތަގުބަލަށް ވިސްނައި، ޕްލޭންތަކެއް ހެދި ނަމަވެސް ކުރިން އެ މަސައްކަތެއް އެހާ ރަނގަޅަށް ކުރެވިފައެއް ނެތެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ މުބާރާތަކަށް ރާއްޖޭގެ ޒުވާން ޓީމެއް ފުރުމުގެ ކުރިން --- ފޮޓޯ/ އެފްއޭއެމް

ސީނިއާ ޓީމުގެ މައްސަލަ!

ގައުމީ ސީނިއާ ޓީމަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އެވެ. ދާދި ފަހުން އޭޝިއަން ކަޕްގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވެފައި ވަނީ 8-1 ލަނޑުގެ ނަތީޖާ އަކުންނެވެ.

އެހާ ބޮޑު ނަތީޖާ އަކުން ރާއްޖޭގެ ގައުމީ ޓީމުން ބަލިވުމަކީ ދިވެހިން މާޔޫސްވާން ޖެހޭނެ ކަމެކެވެ. އެއީ ފާޑު ވެސް ކިޔަން ޖެހޭނެ ކަމެކެވެ. އެއާ އެކު ކުޅުންތެރިން ކުރި މަސައްކަތް ވެސް ބަލައިގަންނަން ޖެހެ އެވެ. ފާޑުކިޔަމުންދާ އިރު، މެޗާ ކުރިމަތިލީ 34 ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ކަން ވެސް ހަނދާން ކުރަން ޖެހެ އެވެ. އެހާ ދިގު ދަތުރަކަށް ފަހު މެޗަކަށް ނުކުމެ، ގޯސްތަކެއް ވެސް ހެދޭނެ ކަން އެނގެން ޖެހެ އެވެ.

ފައިސަލްގެ މައްސަލައެއް ނެތް!

ފަލަސްތީނު މެޗަށް ފަހު، ވަކިވަކި ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ސަބަބުން އެ ކުޅުންތެރިންނަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ގޯލްކީޕަރު މުހައްމަދު ފައިސަލް އަށެވެ. އިމްރާން މުހައްމަދާއި މުހައްމަދު އިމްރާން (ކުޑަ އިންމަ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން މިހާރު ގައުމީ ޓީމުގައި ހުރި ހަމައެކަނި ތަޖުރިބާކާރު ކީޕަރަކީ ފައިސަލް އެވެ.

ތަޖުރިބާކާރު ކީޕަރު އިމްރާން ކުޅުން ހުއްޓާލުމާ އެކު، އެފްއޭއެމުން ވަނީ ކީޕަރުން ތަމްރީން ކުރުމަށް ބޮޑު ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައެވެ. އޭގެ ތެރޭގައި ގޯލްކީޕަރުން ތަމްރީން ކުރުމަށް ހާއްސަ އެކަޑަމީއެއް އުފައްދައި، އެ އެކަޑަމީއަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ޓްރޭނަރެއް ގެނައުމަށް އެފްއޭއެމުން ވަނީ ދާދި ފަހުން ނިންމައިފައެވެ.

ދިވެހި ކީޕަރުން އުފެއްދިފައި ނެތީ ފައިސަލްގެ މައްސަލައަކުން ނޫނެވެ. އެފްއޭއެމްގެ މައްސަލައަކުން ވެސް ނޫނެވެ. ބައްސާމާ ހެދިއެއްވެސް ނޫނެވެ. މިއަހަރު ދިވެހި ކީޕަރުންނަށް ވުރެ، ކްލަބުތަކުން އިސްކަން ދިނީ ބިދޭސީ ކީޕަރުންނަށެވެ. ބެންޗުގައި ތިބޭ ކީޕަރުންނަށް ފުރުސަތުދޭން މަޖުބޫރުވީ ވެސް އެހެންވެގެންނެވެ.

މިހާރު ގައުމީ ޓީމުގައި ހުރި ހަމައެކަނި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ފައިސަލް --- ފޮޓޯ/ އެފްއޭއެމް

ކްލަބުތަކުން ވެސް ޒިންމާ ނަގަން ޖެހޭ!

މިއަހަރުގެ ފުޓްބޯޅަ ސީޒަން ދިގުލައިގެން ދިއުމުން ބައެއް ކްލަބުތަކުން ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ ސީޒަން ދިގުލައިގެން ދިއުމުން ކްލަބުތަކަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ނަމަވެސް ހަގީގަތަކީ ސީޒަން ދިގުލައިގެން ދިޔައީ ސްވައިން ފްލޫއާ ގުޅިގެން އެފްއޭއެމްގެ ހަރަކާތްތައް މެދުކަނޑާލަން ޖެހުނީ އެވެ.

ގައުމީ ސީނިއާ ޓީމުން މިއަހަރު ކުޅުނު ގިނަ މެޗުތަކުގައި ފާހަގަކޮށްލެވުނީ ކުޅުންތެރިންގެ ފިޓްނަސް ދަށް ކަމެވެ. ގައުމީ ޓީމުން އެންމެ ހަފްތާއަކުން ކޮށްލާ ޓްރޭނިން އަކުން ކުޅުންތެރިން ފިޓްނަސް ރަނގަޅެއް ނުވާނެ އެވެ.

ފުޓްބޯޅަ ސީޒަން ދިގުލައިގެން ދިއުމުން ގައުމީ ޓީމަށް ވެސް އެކަމުގެ އަސަރު ފެންނަކަން ވެސް ފާހަގަކޮށްލެވެއެވެ. ފަރިތަކުރަން ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ލިބިފައި ނުވަނީ ވެސް ސީޒަން ދިގުލައިގެން ދިއުމުންނެވެ. އެކަމުގެ އަސަރު ކުރަނީ ހަމައެކަނި ކްލަބުތަކަކަށް ނޫނެވެ. ކްލަބުތަކުން ވެސް ރަނގަޅު ޓްރޭނިންތަކެއް ކުރިއަށް ގެންދިޔަ ނަމަ، ކުޅުންތެރިންގެ ފިޓްނަސްއާ މެދު ސުވާލު އުފައްދާކަށް ނުޖެހޭނެއެވެ.

ގައުމީ ކޯޗަށް ދިން ދެ ޓާގެޓުގެ ތެރެއިން އެއް ޓާގެޓް ހާސިލެއް ނުވި!

ގައުމީ ކޯޗަށް ވެސް ގޯސްތަކެއް ހެދިފައިވާ ކަމަށް ބެލެވިދާނެއެވެ. ކޯޗު ސްޓެވާޓް އެކުލަވާލާ ސްކޮޑު އަދި މެޗުތަކުގައި ބޭނުންކުރާ ކުޅުންތެރިންނާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި މެޗުތަކުގެ ތެރެއިން އޭނާ ގެންނަ ބަދަލުތަކާއި ޓީމަށް ނަގާ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ބާކީ ކުރަމުންދާ ބުނެ ވެސް ފާޑުކިޔަމުންދެއެވެ.

ގައުމީ ކޯޗާ އެކު އެއްބަސްވުން ހަދާފައި ވަނީ ދެ ޓާގެޓު ހާސިލު ކުރުމަށެވެ. އެއް ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އަނެއް ޓާގެޓަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. އޭގެ ތެރެއިން ފުރަތަމަ ޓާގެޓް ހާސިލް ކުރެވިފައެއް ނުވެ އެވެ. ކުރިއަށް އޮތީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ.

ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސިޔާސީ ފަރާތްތައް އެއްފަރާތް ނުކުރާ މައްސަލަ!

މީގެ އެއް އަހަރު ކުރިން އިންތިޚާބާ ކުރިމަތިލީ އިރު، ބައްސާމް ވިދާޅުވެފައި ވަނީ ސިޔާސީ ފަރާތްތަކުގެ ގޮތުގައި ސިފަކުރާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޭނާގެ އެކްސްކޯ އިން "މަޑުމަޑުން" އިސްތިއުފާ ދެމުންދާނެކަމަށެވެ. އެ ފަރާތްތަކުގެ ބަދަލުގައި އަންނާނީ ފުޓްބޯޅައާ ގުޅުންހުރި ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އެކްސްކޯގައި ތިބި ހަ މަޖިލިސް މެމްބަރުންގެ ތެރެއިން މިހާރު ވަނީ ދެ މެމްބަރަކު އިސްތިއުފާ ދީފައެވެ. ބަދަލުގައި ގެނެސްފައި ވަނީ ފުޓްބޯޅައިގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދެވި އަހްމަދު ޝަކީބާއި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އުމަރެވެ. ސިޔާސީ ފަރާތްތައް ކަމަށް ލޭބަލްވި މެމްބަރުން ބައްސާމް ވިދާޅުވި ގޮތަށް، "މަޑުމަޑުން" އެއްފަރާތްވާ ތަން ފެނިގެން އެބަދެއެވެ.

"އިންތިހާބު ކާމިޔާބުކުރުމަށް ފަހު އޭގަ އޮންނަ ރީތި އުސޫލެއްގެ ތެރެއިން ސިޔާސީ ފަރާތްތަށް މަޑުމަޑުން އެއްފަރާތް ކުރުމަށް ފަހު ކުޅިވަރުގެ މީހުން އަޅުގަނޑުމެންގެ ޓީމުގެ ތެރެއަށް ޖޮއިންކުރަމުން ދާނެ،" އެފްއޭއެމް އިންތިހާބުގެ ތެރެއިން ބައްސާމް ވިދާޅުވި އެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމު --- ފޮޓޯ/ މޯލްޑިވްސޮކާ

ބައްސާމްގެ ވައުދުތަކާ އެއްގޮތަށް، ކްލަބުތަކާއި މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް އަންނަ ޓީމުތަކަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ. އަތޮޅުތެރޭގެ ފުޓްބޯޅައަށް އިސްކަމެއް ދޭ ތަން އެބަ ފެނެއެވެ. ޒުވާން ކުޅުންތެރިން އުފެއްދުމަށް މަސައްކަތްތަކެއް ކުރާ ތަން އެބަ ފެނެއެވެ.

ހުރިހާ ފާޑުކިޔުންތަކާ އެކު ބައްސާމްގެ ދައުރުގައި ގައުމީ ޓީމުން އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރާތަން ވެސް ފެނިދާނެއެވެ. ކޮންމެ ދިވެއްސެއް ވެސް މިހާރު އެންމެ ބޮޑަށް ބޭނުންވާނީ ސާފް ޗެމްޕިއަންޝިޕް 2008ގެ އުފާވެރި ކާމިޔާބީ ތަކުރާރުވެގެން ދިއުމެވެ.

comment ކޮމެންޓް