35 އަހަރު ތެރޭގައި 18 ބިލިއަން ރުފިޔާއަށް ވަނީ ހިޔާނަތްތެރިވެފައި: ރައީސް

ޕީޕީއެމްގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ވޭތުވެ ދިޔަ 35 އަހަރުގެ ތެރޭގައި ދައުލަތުގެ ފައިސާ އިން 18 ބިލިއަން ރުފިޔާ ހިޔާނާތްތެރިވެފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 18 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަން ހާމަވެގެން ދަނީ އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެއްކޮށްފައިވާ މައުލޫމާތުތަކުން ކަމަށެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތައް ހޯދުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންތައްތަކެއް ކުރަން އުޅުނު ނަމަވެސް އެ މަސަތްކަތް ދިޔައީ 'ޗޮކުން' ކަމަށާއި އެންމެ މީހެއްގެ މައްޗަށް ވެސް ޝަރީއަތް ހިންގަން އެމަނިކުފާނަށް ކެރިވަޑައިގެން ނުގަތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"މިއަދު އަޅުގަނޑުމެން ހެދި ރިޔާސީ ކޮމިޝަނުން އަޅުގަނޑުމެނަށް ކަށަވަރުކޮށްދޭ މިދިޔަ 35 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 18،000 މިލިއަން ރުފިޔާ ދައުލަތުން އެކި ދުވަސްމަތިން އެބަހުރި އެކި ދުވަސްވަރު މަތިން އެކި ފެންވަރުގެ މީހުން ހިޔާނާތްތެރިވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވެފައިވާ އިރު، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެމަނިކުފާނު އެކުލަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ އެ ކޮމިޝަނުން މިހާތަނަށް ބަލައި ނިމިފައިވާ މައްސަލަތަކުން ޖުމްލަ 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަން ސާބިތުވާ ކަމަށެވެ. އަދި މިހާރު ބަލަމުންދާ އަދި ނުނިމި ހުރި މައްސަލަތަކުން 12.6 ބިލިއަން ރުފިޔާ ލިބެންޖެހޭނެ ކަމަށެވެ.

އެހެންކަމުން 1999 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދައުލަތަށް ލިބެން ޖެހޭ ރުފިޔާގެ އަދަދު 25.6 ބިލިއަނަށް އަރާނެ އެވެ.

comment ކޮމެންޓް