އޮސްޓްރޭލިއާ ޖެހި ޖެހިގެން ހަތަރު ވަނަ ވޯލްޑް ކަޕަށް

ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ގައި އޮސްޓްރޭލިއާ އާއި ހޮންޑިއުރަސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ހޮންޑިއުރަސް ބަލިކޮށް އޮސްޓްރޭލިއާ އިން ޖެހި ޖެހިގެން ހަތަރު ވަނަ ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެއެވެ.

އޮސްޓްރޭލިއާ އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައި ވަނީ 1-3 ގެ އެގްރިގޭޓް ނަތީޖާ އަކުން ހޮންޑިއުރަސް ބަލި ކުރުމަށް ފަހުއެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ފްލޭ އޮފް މެޗުގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ވާދަކޮށް ނިމުނީ 0-0 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ގައި އޮސްޓްރޭލިއާ އާއި ހޮންޑިއުރަސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އޮސްޓްރޭލިއާ އޭއެންޒެޑް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އޮސްޓްރޭލިއާގެ ކެޕްޓަން މިލެ ޔެޑިނަކް ވަނީ އޮސްޓްރޭލިއާ އަށް ލީޑު ނަގާދީފައެވެ. ޖެޑިނަކްގެ މި ގޯލަކީ އޮސްޓްރޭލިއާ އަށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ.

އަދި މެޗުގެ 72 ވަނަ މިނެޓްގައި އޮސްޓްރޭލިއާ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޔެޑިނެކްއެވެ. އޮސްޓްރޭލިއާ އިން މި މެޗުގައި ކާމިޔާބުކުރި ފަހު ގޯލަކީ ވެސް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޖެޑިނަކް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ގައި އޮސްޓްރޭލިއާ އާއި ހޮންޑިއުރަސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ހޮންޑިއުރާސްގެ ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްބާތް އެލިސްއެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ގައި ވާދަކުރާ 32 ޓީމުގެ ތެރެއިން 31 ޓީމް ޔަގީން ވެފައިވާއިރު، މުބާރާތުގެ ފަހު ޖާގަ ލިބޭނީ ނިއުޒިލޭންޑާއި ޕެރޫ ބައްދަލު ކުރާ މެޗުން މޮޅު ޓީމަކަށެވެ.

comment ކޮމެންޓް