އެރިކްސަންގެ ހެޓްރިކާ އެކު ޑެންމާކު ވޯލްޑް ކަޕަށް

ވޯލްޑް ކަޕް ކޮލިފައިން ޕްލޭ އޮފްގައި އަޔަލެންޑާއި ޑެންމާކު ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހެޓްރިކާ އެކު އަޔަލެންޑް ބަލިކޮށް ޑެންމާކް ވޯލްޑް ކަޕްގެ ޖާގައެއް ހޯދައިފި އެވެ.

ގައުމުން ބޭރުގައި ކުޅުނު މި މެޗު ޑެންމާކުން ކާމިޔާބު ކޮށްފައި ވަނީ ފަހަތުން އަރައި 1-5 ގެ ނަތީޖާއަކުންނެވެ. ޑެންމާކް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ލަނޑެއް ނުޖެހި މެޗު ވަނީ އެއްވަރު ވެފައެވެ.

މެޗުގެ ކުރީ ކޮޅު އަޔަލެންޑުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެެވެ. މެޗުގެ ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޝޭން ޑަފީ އެވެ. ޑެންމާކުން އެއްވަރުކުރީ މެޗުގެ 29 ވަނަ މިނިޓްގައި އަޔަލެންޑްގެ ސައިރަސް ކްރިސްޓީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން އެރިކްސަން ވަނީ ޑެންމާކަށް ލީޑުނަގައިދީފަ އެވެ.

ދެ ވަނަ ހާފްގައި އިތުރު ދެ ލަނޑު ޖަހައި އެރިކްސަން އޭނާގެ ހެޓްރިކް ފުރިހަމަކުރި އިރު، ޑެންމާކުގެ ފަހު ލަނޑު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ނިކްލަސް ބެންޓްނާ އެވެ.

އެރިކްސަން ވަނީ މި ފަހަރުގެ ކޮލިފައިންގައި ޖުމްލަ 11 ގޯލު ޖަހައިފަ އެވެ. މިއީ އެ ގައުމުގެ މިޑްފީލްޑަރަކު ކޮލިފައިންގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ.

ޑެންމާކު އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައި ވެފައި ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕަށެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ޑެންމާކް މި މުބާރާތުގައި ވާދަކުރާ ފަސް ވަނަ ފަހަރަށެވެ.

comment ކޮމެންޓް