ދަރިވަރުންނަށް ފަސޭހަ ކުރުމަށް ފޮތްތަކުގެ ބަދަލުގައި ޓެބްލެޓް ދެނީ

11 ނޮވެމްބަރ 2017: ނޭޝަނަލް އާޓްގެލެރީގައި ކުރިއަށްދާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ހޯދައިދޭން 2018 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުން މަޖިލިހަށް ހުށައަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ދަރިވަރުން ގެންދަން ޖެހޭ ބަރު ފޮތް ދަބަސް ލުއި ޓެބްލެޓަކަށް ބަދަލު ކުރެވި ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް އޭގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

"ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއާ އެކު ކުދިންނަށް ކިޔަވައިދިނުމަށް ޓަކައި ޓެކްނޮލޮޖީގެ ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކުރެވޭނެ. މިއާ އެކު، ދަރިވަރުން ގެންދަން ޖެހޭ ބަރު ފޮތް ދަބަސް ލުއި ޓެބްލެޓަކަށް ބަދަލު ކުރެވި ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް އޭގެ ފަސޭހަކަން ލިބިގެންދާނެ. ކިޔަވައިދިނުމާއި، ހޯމްވޯކް ދިނުމާއި ކިލާހުގައި ކުދިންގެ ފެންވަރު ބެލުމުގެ ވައްޓަފާޅި ޒަމާނާ އެއް ހަމައަށް ގެނެސްދެވޭނެ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓެބްލެޓް ތައާރަފްކޮށް ސްކޫލް ޑިޖިޓަލައިޒް ކުރެވުމުން ކިޔަވައިދިނުމާއި ހޯމްވޯކް ދިނުމާއި ކިލާހުގައި ކުދިންގެ ފެންވަރު ބެލުމުގެ ވައްޓަފާޅި ޒަމާނާ އެއްހަމައަށް ގެނެސްދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ޓެކްސްޓް ފޮތްތައް ޗާޕުކުރުމަށް ދައުލަތުން ކުރާ ހޭދަ މެދުރާސްތާގައި ކުޑަކުރެވި، މުސްތަގްބަލުގައި ދައުލަތުން މިހާރު މިކަމަށް ކުރާ ޚަރަދަށް ލުއިކަމެއް ގެނެސްދޭނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާއި އާ މުގައްރަރު ތަންފީޒުކުރުމުގެ މަސައްކަތްކޮށް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ވަނީ 154 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް