ފަލަސްތީނުން ރާއްޖެ ކޮޅަށް އަށް ލަނޑު ޖަހައިފި

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ފަލަސްތީނާ ދެކޮޅަށް ނިކުތް ރާއްޖޭގެ ފުރަތަމަ އެގާރަ-- ފޮޓޯ/ އެފްއޭއެމް

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ފަލަސްތީން އަތުން 8-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.

ފަލަސްތީނުގެ ޖެނިންގައި ހުންނަ އަރަބް އެމެރިކަން ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު މެޗުގެ ހަ ވަނަ މިނިޓުގައި ފަލަސްތީނަށް ލީޑުނަގައި ދިނީ ޖޮނަތަން ޒޮރީލާ އަރިމަތިން ނަގައިދިން ހުރަހަކުން އެ ޓީމު ކުރިއަށް ކުޅޭ މަހުމޫދު ޔޫސުފް ބޮލުންނެވެ. އޭނާ އެ ލަނޑު ޖެހީ ހުސްކޮށް ކަހަލަ ގޮތަކަށް ހުރެއެވެ.

މެޗުގެ 15 ވަނަ މިނިޓްގައި ފަލަސްތީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. ޒޮރީލާ ނަގައިދިން ކޯނަރަކުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ބޯޅަ ހިފަން އުޅެނިކޮށް އަތުން ދޫވެގެން ފަލަސްތީންގެ ހައިތަމް ތީބަށް ލިބުމުން އޭނާ ވަނީ ގޯލަށް ވަައްދާލާފައެވެ.

މެޗުގެ 30 ވަނަ މިނިޓުގައި ފަލަސްތީންގެ ތިން ވަނަ ގޯލު ޖެހީ ސަމީހު މަރާބިއާ އެވެ. އޭގެ ދެ މިނިޓް ފަހުން ލިބުނު ކޯނަރަކުން ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ބޭރުކޮށްލުނެވިގެން އުޅެނިކޮށް ފަލަސްތީންގެ ހަތަރު ވަނަ ގޯލު ޖެހީ މަހުމޫދެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފެށިގެން ފަލަސްތީނު ވަނީ އަށް މިނިޓް ތެރޭ އިތުރު ހަތަރު ގޯލު ޖަހައިފަ އެވެ. މި ހަތަރު ގޯލުގެ ތެރެއިން ތިން ލަނޑު ޖެހީ ސަމީހު އެވެ. އަނެއް ގޯލު ޖެހީ ޒޮރީލާ އެވެ. ފަލަސްތީނުގެ އަށް ވަނަ ގޯލަކީ ކީޕަރު ފައިސަލް އަތުން ހެދުނު ގޯހަކުން ފަލަސްތީނުން ޖެހި ގޯލެކެވެ.

އެ މެޗަށް ގެ ފުރަތަމަ އެގާރައިން ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފެނިގެން ދިޔައިރު ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ރިޒުވާން (ރިޒޭ) އާއި ނާއިޒު ހަސަން (ދާދު) ވަނީ ފުރަތަމަ އެގާރައިގައި ޖާގަ ދަަމަހައްޓައިފަ އެވެ. ނަމަވެސް އެ ކުޅުންތެރިންނަށް ވެސް ވަރުގަދަ ފަލަސްތީނު ކޮޅަށް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

އެ މެޗަށް ނުކުތްއިރު ވެސް ފަލަސްތީނަށް ވަނީ އޭޝިއަން ކަޕުގެ ޖާގައެއް ޔަގީންވެފަ އެވެ. އަދި މިއަދު އެ ގްރޫޕުގެ އަނެއް މެޗުގައި ބޫޓާންގެ މައްޗަށް 4-2 އިން ކުރި ހޯދައި އޮމާން ވެސް ވަނީ އޭޝިއަން ކަޕުން ފުރުސަތު ހޯދައިފަ އެވެ.

އެގޮތުން ކޮންމެ ޓީމެއް ފަސް މެޗު ކުޅުނުއިރު ޕަލަސްތީނު ވަނީ 100 ޕަސެންޓް ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ހޯދާފައެވެ. ދެ ވަނާގައި އޮތް އޮމާނަށް ލިބިފައި 12 ޕޮއިންޓެވެ. ތިން ވަނާގައި އޮތް ރާއްޖެ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

comment ކޮމެންޓް