މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ގެއްލުންތަކެއް ވެއްޖެ

ފަރަށް އެރި މުތީ ނަމަކަށް ކިޔާ ސަޕްލައި ދޯނި -- ފޮޓޯ: އެމްއެންޑީއެފް

މާލެއިން މުދާ ހިފައިގެން މިރޭ މާލެ އަތޮޅު ކޮއްދިއްޕަރު ރިޒޯޓަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އެރި "މުތީ" ނަމަކަށް ކިޔާ ދޯންޏަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ދޯނި ކޮއްދިއްޕަރު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިރޭ 19:30 ހާއިރު ކަމަށާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބާ ކުރާފްޓްޑައިވަރުންގެ ޓީމަކާއެކު އެ ސަރަހަދަށް ގޮސް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ތިބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ފަރަށް އެރި ދޯނީގެ ބޮޑުބައެއް ވަނީ އަޑިއަށް ގޮސްފައިކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ. ދޯނީގައި ހުރި މުދާތައް ކޮއްދިއްޕަރު ރިސޯޓުގެ އެހެން ދޯންޏެއްގައި ރިސޯޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

comment ކޮމެންޓް