ސިޔާމް-މައުރޫފް ސޮކާ ކަޕަށް މާޅެންދޫ "ފައްކާވެފައި"

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ދެ ބާނީން، 2016 ވަނަ އަހަރުގެ އެ މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވަނީ -- ސަން ފައިލް ފޮޓޯ: އަލީ އާތިފް

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ސޮކާ ކަޕް މާދަމާ ނ. މާޅެންދޫގައި ފަށާނެ އެވެ. އެ މުބާރާތަށް މާޅެންދޫ މިހާރު ވަނީ "ފައްކާ"ކޮށްފަ އެވެ. މިހާރު ވެސް ތައްޔާރީތައް ބާރަށް ކުރިއަށް އެބަދެއެވެ.

މިފަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރާނެއެވެ. މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަންވަރު އަބްދުލް ޣަނީ "ސަން ސްޕޯޓްސް" ވިދާޅުޅި މުބާރާތް ފެށުމަށް ނިންމަން ޖެހޭ ހުރިހާ ކަމެއް ގާތް ގަނޑަކަށް ނިމިފައިވާ ކަމަށެވެ.

"އެންމެ ފަހުގެ ތައްޔާރީތައް ވަމުން މި ދަނީ. ފައިނަލް ޓަޗު މިހާރު ކުރިއަށް މި ގެންދަނީ. ދަނޑުތަކާއި އެހެނިހެން އިންތިޒާމުތައް ވެސް ނިމިފައި މެޗަށް ރެޑީ ކުރެވިފައި އެވަނީ." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މުބާރާތް ބާއްވާ މާޅެންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި މުޅި ރަށް ވެސް އޮތީ މުބާރާތުގެ ޖޯޝާއި ފޯރީގައި ކަމަށެވެ.

"މާޅެންދޫ ހުރިހާ ރައްޔިތުން ވެސް އަންނަނީ އެކި ގޮތްގޮތުން މުބާރާތައް އެހީތެރިވަމުން، މުޅި މާޅެންދޫ އޮތީ މި ފުޓުބޯޅަ އީދަށް ތައްޔާރުވެ ފޯރު ނެގުމަށް ކެންމަދުވެފައި، އަދި މުބާރާތުގައި ބައިވެރިވާ ޓީމުތައް ވެސް ވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި،" އަންވަރު ވިދާޅުވިއެވެ.

މުބާރާތުގެ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހާވިރު 3:50 ގައެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ފެށިގެންދާނީ މުބާރާތުގެ ދެ ބާނީ ކަމަށްވާ އަހުމަދު ސިޔާމާއި އަލީ މައުރޫފް މާޅެންދޫ އަށް މެންދުރު ފަހު 2:30 ގައި ވަޑައިގަތުމާއެކުއެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓަރުންގެ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް