އަނަސްގެ މަރުގެ ދައުވާ ލިބޭ މީހުން ފޯނުން ކުރި މުއާމަލާތްތަކެއް ކޯޓަށް

އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް --- ފޮޓޯ: ޕޮލިސް

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، މަރާލި މައްސަލައިގެ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކީގެ ގޮތުގައި ފޯނުން ކުރި މުއާމަލާތްތަކުގެ ތަފްސީލު އެބަ ހުރި ކަމަށް ޕްރޮސެކިއިއުޓާ ޖެނަރލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ދައުލަތް ތަމްސީލު ކުރައްވާ ޕީޖީ އޮފީހުގެ ވަކީލު އެހެން ވިދާޅުވީ ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

އިއްޔެެ ކުރިއަށްދިޔައީ ދައުވާ ލިބޭ މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު އާއި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ އަޑުއެހުމެވެ.

އެ ދެ މީހުންގެ ތެރެއިން އަފްރާހު ވަކީލަކު ހަމަޖައްސާފައި ނުވާތީ އިއްޔެ އޭނާގެ މައްސަލަ ކުރިއަށް ނުގެންދެއެވެ.

އަނަސް މަރާލި މައްސަލާގައި ހޯދަން އިއުލާން ކުރި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު ވަނީ ސިފަ ބަދަލުކުރަން މަސައްކަތްކޮށްފައި -- ސަން ފޮޓޯ

ގާޒީގެ އެންގުމަށް ދައުލަތުން މިއަދު ވަނީ ޝާޒްގެ މައްޗަށް ދައުވާ އިއްވައި އޭނާއާ ދެކޮޅަށް ހުރި ހެކިތައް ކިޔައިދީފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ޝާޒާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހަޅާ ސިއްރު ތިން ލިޔުމުގެ ތެރޭގައި ދައުވާ ލިބޭ އެހެން މީހުންނާ އޭނާ ފޯނުން ވާހަކަ ދެއްކި ގޮތުގެ ތަފްސީލު ޗާޓެއް ހިމެނޭ ކަމަށެވެ.

ސިއްރު ލިޔުމުގެ ގޮތުގައި ދެން ހިމެނެނީ އިންޓެލިޖެންސް ރިޕޯޓަކާއި ތަހުގީގު ރިޕޯޓެވެ.

ސިއްރު ހެކީގެ ގޮތުގައި ފަސް މީހަކު ހުށަހަޅާނެ ކަމަށް ވެސް ދައުލަތުން މިއަދު ވަނީ ބުނެފަ އެވެ. އެ ފަސް މީހުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު ސައިކަލްތަކެއްގައި މޫނުނިވާކޮށްގެން ތިބި ބަޔަކު ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށްވަދެ އަނަސް އަށް ވަޅިން ހަމަލާދިން ކަމާއި ހަމަލާދިނުމަށް ފަހު އެނބުރި ސައިކަލްތަކުގައި ދިޔަކަން ސާބިތުކުރުމަށް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަނަސް މަރާލުމުގައި ޝާޒް ބައިވެރިވިކަން ސާބިތުކުރަން ސީސީޓީވީ ފުޓޭޖަކާއި އެ ފްޓޭޖްގެ ވީޑިއޯ އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރު ހެއްކެއްގެ ގޮތުގައި ހުށަހަޅާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ސީސީޓީވީ ފުޓޭޖް ހުށަހަޅަނީ ސައިކަލް ދުއްވަން ޝާޒް އިންކަން ސާބިތުކުރަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުވާގައިވާ ގޮތުން ޝާޒް ދުއްވި ސައިކަލްގެ ފަހަތުގައި އިނީ އަނަސް މަރާލި ކަމުގެ ދައުވާ ލިބޭ ޅ. ކުރެންދޫ އަސްރުމާގެ އަހުމަދު ޒަޔާނެވެ.

މަރު ސާބިތުކުރި ރިޕޯޓާއި މެޑިކޯ ލީގޯ ރިޕޯޓާއި އެ ރިޕޯޓު ތައްޔަރު ކުރި އޭޑީކޭ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރު ހެއްކެއްގެ ގޮތުގައި ހުށަހަޅާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ސީން އޮފް ކްރައިމް ރިޕޯޓު ވެސް ހެކީގެ ގޮތުގައި ހުށަހަޅާނެ ކަމަށާއި އެ ރިޕޯޓު ހުށަހަޅަނީ ހާދިސާ ހިނގުމުން ލިޓަސް ސާވިސް ސެންޓަރުގެ އެތެރެ އޮތް ގޮތް ސާބިތުކުރަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ޝާޒްގެ ވަކީލު ވިދާޅުވީ އޭނައާ ބައްދަލުކުރެވޭނެ ފުރުސަތު ނެތުމުން ޖަވާބުދާރީ ވެވެން ނެތް ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ދައުވާ ސާބިތުވެއްޖެ ނަމަ ޝާޒަށް އަންނާނީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށެވެ.

ޝާޒްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ)އާ ހަވާލާދީ އެ މާއްދާގެ (ޅ)ގެ ދަށުންނެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އަޑުއެހުމެއް އޮންނާނީ ދައުވާ ލިބޭ އަފްރާހު ވަކީލަކު ހަމަޖެއްސުމުން ކަމަށެވެ. ވަކީލަކު ހަމަޖައްސަން އޭނަ އަށް ދިނީ 10 ދުވަހެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ގަސްތުގައި މަރާލި ކަމުގެ ދައުވާ ލިބޭ މީހުން

  • އުސްމާން ޝަރީފް، މ. ދިމިޝްގް
  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ

މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހުން

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިލާ
  • ސިމާހު މޫސާ، ދަފްތަރު 1746
comment ކޮމެންޓް