ޖައްވު ހޫނު ކުރާ ގެހެއް މަދުކުރަން "ކިގާލީ" އިސްލާހު ރާއްޖެއިން ތަސްދީގުކޮށްފި

މަތިންދާ ބޯޓެއް އުނދުހިފައިދާ މަންޒަރު ބަލަން، މާލޭ އިރުދެކުނު ފަރާތުގައި ބަޔަކު މަޑުކޮށްލައިގެން--- ސަން ފައިލް ފޮޓޯ

ދުނިޔޭގެ ވައިގެ ފަށަލަ ހޫނުވުމަށް މެދުވެރިވާ ހައިޑްރޯފްލޮރޯކާބަންސް (އެޗްއެފްސީ) ގޭސް ބޭނުން ކުރުން މަދުކުރުމަށް ބާރުއަޅާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ"އަށް ގެނައި އިސްލާހު ދިވެހިރާއްޖެއިން ތަސްދީގު ކޮށްފިއެވެ.

ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލަކީ، "ވިއޭނާ ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯޒޯން
ލޭޔާ"ގެ ދަށުން އެކުލަވާލައްވާފައިވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔާ"އަށް އިތުރުކޮށްފައިވާ އިސްލާހެކެވެ. ރާއްޖެއަކީ އެ އިސްލާހު ތަސްދީގު ކުރި 12 ވަނަ ގައުމެވެ.

އެ އިސްލާހުގެ ދަށުން ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ ހައިޑް ފްލޮރޯ ކާބަންސް (އެޗްއެފްސީ) ބޭނުން ކުރާ މިންވަރު މަދުކުރުމަށް ގައުމުތަކުން މަސައްކަތް ކުރާނެއެވެ. އެޗްއެފްސީއަކީ ދުނިޔެ ހޫނުކުރުވާ މިންވަރު މަތިކުރުވާ ގޭހެކެވެ.

މި އިސްލާހުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން 2019 ވަނައަހަރުން ފެށިގެން އެޗްއެފްސީ ބޭނުންކުރާ މިންވަރު މަދުކުރަން ޖެހެއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުން އެޗްއެފްސީ ބޭނުން ކުރާ މިންވަރު މަދުކުރަން ފަށަނީ 2022 އަދި 2024 ގައެވެ. ރާއްޖެއިން އެޗްއެފްސީ ގޭސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2024 ގައެވެ.

އެ ގަރާރަކީ ދުނިޔެ ހޫނުވުން 1.2 ޑިގުރީ އަށް ވުރެ މަތިނުވާ ވަރަށް ހިފެހެއްޓުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ދިވެހިރާއްޖެއިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ސީއެފްސީ ގޭސް ބޭނުން ކުރުން ހުއްޓާލާފަ އެވެ.

އެއީ ރާއްޖެއިން އެ މާއްދާ ހުއްޓާލަންޖެހޭ މުއްދަތުގެ ދެ އަހަރު ކުރިން ހާސިލްކޮށްފައިވާ ކާމިޔާބީއެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ ރާއްޖެ ކަމަށާ އެ މައްސަލައާ މެދު ބައިނަލް އަގްވާމީ މައިދާނުގައ ިރާއްޖެއިން ނަމޫނާ ދައްކަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް