އަންނަ އަހަރަގެ ބަޖެޓު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

މިދިޔަ މަހު ދައުލަތުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަނީ: އަންނަ އަހަރުގެ ބަޖެޓް މިހާރު ވަނީ މަޖިލީހަށް ފޮނުވާފަ --- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ މަޖިލީހުގެ ތަޅުމަށް ހުށެހެޅުމަށް ތާވަލްކޮށްފި އެވެ.

ހަފްތާއެއްގެ މެދުކެޑުމަކަށް ފަހު މާދަމާ މަޖިލީހުގެ ޖަލްސާއެއް ތާވަލްކޮށްފައިވާ އިރު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެކަންޏެވެ.

މާލިއްޔަތު ގާނޫނަށް 2012 ވަނަ އަހަރު މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުން ބުނަމުން ދިޔައީ ފިނޭންސް އިން މަޖިލީހަށް ފޮނުވާފައި ވަނީ ހަމައެކަނި ބަޖެޓްގެ ޖުމްލަ އަދަދު ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވަނީ ވެސް ފިނޭންސް އިން ބެޖެޓްގެ ތަފްސީލް ފޮނުވާފައިނުވާތީ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް އެ މެމްބަރުންގެ ވާހަކަތައް ދޮގު ކުރައްވައި ފިނޭންސް މިނިސްޓްރީން ބުނީ މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހަށް ބަޖެޓް ފޮނުވާފައިވާނީ ތަފްސީލާ އެކު ކަމަށެވެ.

އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ ކިހާ ވަރެއްގެ ބަޖެޓެއް ކަމެއް ފިނޭންސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ފާސްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެ ބަޖެޓަކީ މި އަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަދި މިދިޔަ މަހު މަޖިލީހުން ފާސްކުރި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު