Sun Online
ނޭޕާލުގެ "ބުދީ ގަންޑަކީ" ކޯރު
ނޭޕާލުގެ "ބުދީ ގަންޑަކީ" ކޯރު

ޗައިނާ އަށް ދިން 2.5 ބިލިއަން ޑޮލަރުގެ މަޝްރޫއު ނޭޕާލުން އަތުލައިފި

ކަތަމަންޑޫ (ނޮވެމްބަރު 2017) -- ނޭޕާލުގައި ފެނުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރި 2.5 ބިލިއަން ޑޮލަރު (38.55 ބިލިއަން ރުފިޔާ)ގެ މަޝްރޫއު ނޭޕާލު ސަރުކާރުން އަތުލައިފި އެވެ.

ޗައިނާގެ ގެޒޫބާ ގްރޫޕް ކޯޕަރޭޝަނާ ހަވާލު ކުރި މަޝްރޫއު ވަކިކުރިކަން އިއުލާން ކުރެއްވީ ނޭޕާލުގެ އެނާޖީ މިނިސްޓަރު އަދި ޑެޕިއުޓީ ޕްރައި މިނިސްޓަރު ކަމަލް ތަޕާ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ކެންސަލް ކުރަން ނިންމުމަކީ ކެބިނެޓްގެ ނިންމުމެއް ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ހިމާލިޔާ ފަރުބަދައިގެ ޗޭނުން ގުޅިފައިވާ ކޯރުތަކެއް އޮންނަ ނޭޕާލުގައި ފެނުން ކަރަންޓް އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ހިމެނެ އެވެ. އެކަމަކު ފައިސާ އާއި ޓެކްނޮލޮޖީ ނެތުމުން އެ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނޭޕާލަށް ވަނީ ނުކުރެވި އެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް އަހަރަކު ބޭނުންވާ 1400 މެގަވޮޓްގެ ކަރަންޓް ހޯދުމަށް ބަރޯސާ ކުރަން ޖެހިފައި ވަނީ އަވަށްޓެރި އިންޑިއާ އިންނެވެ.

ނޭޕާލުގެ "ބުދީ ގަންޑަކީ" ކޯރުގައި 1200 މެގަވޯޓުގެ ހައިޑްރޯ ޕަވަޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ގެޒޫބާ ކުންފުންޏާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ.

އޭރު ނޭޕާލުގައި އޮތީ މާއޮއިސްޓުންގެ ނުފޫޒު އޮތް ސަރުކާރެކެވެ.

އެ މަޝްރޫއަށް ފާޑުކިޔާ ފަރާތްތަކުން އޭރު ވެސް ބުނަމުން ދިޔައީ ގެޒޫބާއާ މަޝްރޫއު ހަވާލުކުރީ ބީލަމުގެ އުސޫލުން ނޫން ކަމަށާއި އެ މަޝްރޫއު ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ނޭޕާލުގެ ގާނޫނު ބުނާ ގޮތުން އެފަދަ މަޝްރޫއުތައް ހަވާލުކުރަން ޖެހެނީ ބީލަމުގެ އުސޫލުން ކަމަށެވެ.

ޗައިނާގެ ކުންފުންޏަށް ކަރަންޓްގެ ނިޒާމެއް ގާއިމު ކުރުމަށް ދިން މަޝްރޫއު އަތުލި އިރު، ޗައިނާ އިންޑިއާ އިން ދަނީ ނޭޕާލުގެ މައްޗަށް ބާރު ހިންގުމަށް ވާދަވެރި ގޮތެއްގައި މަސައްކަތް ކުރަމުންނެވެ.

މައުލޫމާތު: ސްޓްރައިޓް ޓައިމްސް ސިންގަޕޫރު

infinity loading...
×
DB released 01.