"ދޫކޮށްލި ގައިދީން ފުރަތަމަ މަހު ތިބޭނީ ގޭބަންދުގައި"

ޖަލުގެ ގައިދީންތަކެއް: ސަން ފައިލް ފޮޓޯ

ދޫކޮށްލި ގައިދީންނަކީ ފަސް އަހަރުވަންދެން މޮނީޓާ ކުރާނެ ގައިދީން ކަމަށާއި އެ ގައިދީންނަށް އަދަބު ލުއިކޮށް ފަސް އަހަރު ދުވަސް ވަންދެން ބެލުމަށް ފަހު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

އެކިއެކި ކުށްކުށުގައި ޖަލަށްލާފައި ތިބި 20 ކުށްވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މައާފުދެއްވައި އަނބުރައި މުޖްތަމައުއަށް ނެރުނު މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގްމާނު ވިދާޅުވީ ރައީސް އަދަބު ލުއިކޮށްދިން ނަމަވެސް އެ ގައިދީންނަށް މައާފުލިބޭނީ ފަސް އަހަރު ދުވަސް ވަންދެން މޮނީޓާ ކުރުމަށް ފަހުގައި ކަމަށެވެ.

"އަދަބު ލުއި ކޮށްދިން ކުށްވެރިން އެއްކޮށް ދޫކޮށްލާނީ ފަސް އަހަރު ފަހުން. ދޫކޮށްލެވުނީ ފަސް އަހަރު ދުވަހުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުން. އެންމެ ފުރަތަމަ އެމީހުން މިދޫކޮށްލީ ގޭ ބަންދަން އެއް މަސް ދުވަހަށް. އެއަށް ފަހު ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ދެން މި ބަދަލް ކުރަނީ ދެ މަސް ދުވަހަށް ރަށު ބަންދަން. އެއަށް ފަހު އެމީހާގެ އުޅަމަށް ބަލާފައި ފަސް އަހަރު ވަންދެން މުޖްތަމައުއަށް މި ދޫކޮށްލަނީ ކަރެކްޝަންސް އިން ބަލާ ގޮތަށް،" ލުގްމާނު ވިދާޅުވި އެވެ.

ލުގްމާން ވިދާޅުވީ އެ ފަސް އަހަރު ތެރޭގައި ކުށެއް ކޮށްފި ނަމަ އަނބުރާ އެމީހަކު ޖަލަށް ބަދަލުކުރާނެ ކަމަށާއި ނަމަވެސް ފަސް އަހަރު ވުމަށް ފަހު އެމީހަކު މުޅިން އެއްކޮށް މިނިވަން ވާނެ ކަމަށެވެ.

ލުގްމާނު ވިދާޅުވީ ދޫކޮށްލާފައިވާ ހުރިހާ ގައިދީންނަކީ ވެސް ކުދި ކުށްތަކަށް ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ކަމަށާއި އެ ހުރިހާ ގައިދީންނަކީ ވެސް ފަސް އަހަރާއި އެ އަށް ވުރެ ކުރު މުއްދަތެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުން ކަމަށެވެ.

comment ކޮމެންޓް