އިމިގްރޭޝަނަށް ލިބޭ އާމްދަނީގެ ރެކޯޑްތައް ބަލަހައްޓާފައި ވަނީ ގަވާއިދާ ޚިލާފަށް: އޮޑިޓް ރިޕޯޓް

އެއާޕޯޓް، އެރައިވަލް ކައުންޓަރުން ފަތުރުވެރިންގެ ޕާސްޕޯޓް ބަލަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

މޯލްޑިވްސް އިމިގްރޭޝަނަށް ލިބޭ އާމްދަނީގެ ރެކޯޑްތައް ބަލަހައްޓާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން މިއަދު ނެރުނު އިމިގްރޭޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ދައުލަތުގެ ތަންތަނަށް ލިބޭ ފައިސާގެ ރެކޯޑު ބަލަހައްޓަންވާނެ އުސޫލެއް ކަނޑައަޅާފައިވާ ނެކަމަށެވެ. ނަމަވެސް އިމިގްރޭޝަނުން އެ އުސޫލްތަކާ އެއްގޮތަށް ރެކޯޑު ބަލަހައްޓާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެގޮތުން ޖެނުއަރީ، 1، 2015 އިން އެ އަހަރުގެ ފެބުރުއަރީ، 7، 2015ގެ ނިޔަލަށް 3.8 މިލިއަން ރުފިޔާ ސާވިސް އިލެކްޓްރޯނިކް އެންކޯޑަޑް ސިސްޓަމުން ބަލައިގެންފައިވާ ކަމަށް އިމިގްރޭޝަން ރިޕޯޓްތަކުން ދައްކި ނަމަވެސް އެ ފައިސާގެ ތަފްސީލް އެ ސިސްޓަމްގެ ތެރެއިން ބެލޭނެ ނިޒާމެއް އިމިގްރޭޝަނުން ފަރުމާކޮށްފައި ނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަތުލިޔުމުން ލިޔެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިމިގްރޭޝަނަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާގެ ރަސީދުތައް ހުށައަޅާފައި ނެތް ކަމަށް އިމިގްރޭޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން 2015ގައި އިމިގްރޭޝަނަށް ލިބުނު ހަތަރު މިލިއަން ރުފިޔާގެ ސައްހަކަން ކަށަވަރުނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ސަބަބުތަކާ ހުރެ 2015 ވަނަ އަހުރ އިމިގްރޭޝަންގެ މާލީބަޔާނުގައިވާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ސައްހަކަން ކަށަވަރު ނުވާ ކަމަށް އޮޑިޓް ރިޯޓުގައި ބުނެފައިވެ އެވެ.

އާމްދަނީގެ ހިސާބުތަކުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ލޭބަ ރިލޭޝަން އޮތޯރިޓީގެ ހަރު މުދަލުގެ ތަފްސީލުތައް ވެސް ބަލަހައްޓާފައި ނުވާ ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން 2015 ވަނަ އަހަރު ނިމުނު އިރު ހަރު މުދަލުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ 36 މިލިއަން ރުފިޔާ އަކީ ވެސް ސައްހަ އަދަދެއްކަން ޔަގީން ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އެ މައްސަލަތައް ބަޔާން ކޮށްފައިވީ ނަމަވެސް، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ލޭބަ ރިލޭޝަން އޮތޯރިޓީގެ ހަރަދުތައްކޮށްފައި ވަނީ އެ އަހަރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިދިން ބަޖެޓްގެ މަގުސަދު ހާސިލްވާ ގޮތަށްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ބަޔާން ކޮށްފައިވާ މައްސަލަތަކުގެ އިތުރުން އެހެން ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުންކަމަށް ވެސް އޮޑިޓް އޮފީސް އިން ބުންޏެވެ.

comment ކޮމެންޓް