ހައްޖު ކޯޕަރޭޝަންގެ ޢުމްރާ ދަތުރުތަކުން 2000 ރުފިޔާގެ ޑިސްކައުންޓެއް

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދިޔަ ހައްޖުވެރިންތަކެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން، 1439 ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން އުމުރާ ދަތުރުތަކުގެ އަގުން -/2000ރ ހެޔޮކުރުމަށް ނިންމައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ރަމަޟާން މަހުގެ އުމުރާގެ އަގަކީ-/37,965ރ ކަމަށާއި އެއީ މިދިޔަ އަހަރުގެ ރަމަޟާން އުމްރާގެ އަގަށްވުރެ -/2000ރ ކުޑަ އަގެއް ކަމަށެވެ.

އަގުގެ އިތުރުން ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފައެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއްނަމަ ކޮންމެ މީހަކަށް -/1000ރ ގެ ޑިސްކައުންޓެއް އަދި 10 މީހުންގެ ގުރޫޕެއް ރަޖިސްޓްރީ ކޮށްދެއްވާ ފަރާތްތަކަށް ޢުމްރާ އަގުގެ %50 ޑިސްކައުންޓެއް ލިބޭނެއެވެ.

އަދި 12 އަހަރުން ދަށުގެ ކުދިންނަށް ވަރަށް ޙާއްސަ ޑިސްކައުންޓެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޢުމްރާ ކިޓެއް -/1000ރ ވަނީ އަގު ހެޔޮކޮށްފައެވެ.

އުމުރާ ދަތުރަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 15 އޭޕްރީލް 2018ގެ 14:30ގެ ކުރިންނެވެ. ޢުމްރާއަށް ރަޖިސްޓްރީ ކުރެއްވުމަށް އެދި ހުށަހަޅާ ފޯމް ހައްޖު ކޯޕަރޭޝަނުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗުތަކަށް ހުށަހެޅޭނެއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ "ފަހެލި" އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ރަޖިސްޓްރީކޮށް ފައިސާ ދެއްކެވޭނެއެވެ.

ފޯމާއި އެކު ރަޖިސްޓްރީ ކުރުމަށް މަދުވެގެން -/5000 ރ ދައްކަން ޖެހެއެވެ. އަދި ބާކީ ފައިސާ 15 އޭޕްރީލް 2018 ގެ 14:30 ކުރިން މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ދެއްކޭނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ޕެކޭޖްގައި ފޯރުކޮށްދެވޭނެ ޚިދްމަތްތައް:

  • ޢުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • ސައުދީ އަރަބިއްޔާގެ ދެކޮޅު ޓިކެޓް
  • ޢުމްރާ ވިސާ
  • ޢުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ޚިދްމަތް
  • ދެ ޢުމްރާ ކުރުމުގެ ފުރުސަތު
  • 15 ދުވަހުގެ ހުރުމާއި ކެއުން (ދިވެހި ކެއުން)
  • މައްކާ މަދީނާގެ ބަސްދަތުރުތައް
  • މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން
  • 05 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް

މި ޕެކޭޖްގެ އިތުރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހައިލައިގެން ތަފާތު ޢުމްރާ ދަތުރުތަކެއް ކުރިއަށް ގެންދަމުންކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް