20 ކުށްވެރިއަކަށް ރައީސް މައާފު ދެއްވައިފި

ގާރީ ކޯހުގައި ކިޔަވަމުން އަންނަ ގައިދީންތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެކިއެކި ކުށްކުށުގައި ޖަލަށްލާފައި ތިބި 20 ކުށްވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މައާފުދެއްވައި އަނބުރައި މުޖްތަމައުއަށް ނެރެފި އެވެ.

މައާފު ދީފައި ވަނީ ރާއްޖޭގެ އެކިއެކި ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ 20 ގައިދީއަކަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގްމާން މިއަދު ސަން އަށް ވިދާޅުވީ ރައީސް ޔާމީން 20 ކުށްވެރިއަކަށް މާއާފުދެއްވަފައިވާ ކަމަށާއި އެހެން ކަމުން އޮންނަ އުސޫލުގެ ތެރެއިން އެ 20 މީހުން އަނބުރާ މުޖްތަމައު އަށް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެ 20 މީހުން ދޫކޮށްލި ދުވަހެއް ވިދާޅެއްނުވެ އެވެ.

"ވިހި ގައިދީއަކަށް އޮންނަ އުސޫލުގެ ތެރެއިން ރައީސް މައާފު ދެއްވުމުން ވަނީ ދޫކޮށްލާފައި،" ލުގުމާނު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ރައީސްގެ ތަރުޖަމާނު އަހްމަދު މުއާޒް އަލީ އަށް ގުޅާލުމުން ވިދާޅުވީ އެ މައުލޫމާތު ފޯރުކޮށްދޭނީ ހޯމް މިނިސްޓްރީން ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީ އިން އެކަމުގެ މައުލޫމާތު އަދި ފޯރުކޮށްދީފައެއް ނުވެ އެވެ. އަދި ކަރެކްޝަނަލް ސާވިސްއިން ވެސް ދޫކޮށްލި މީހުންގެ ތަފްޞިލް ހާމަކޮށްފައެއްނުވެ އެވެ. ލުގްމާން ވިދާޅުވީ ދޫކޮށްލާފައި ވަނީ ކުދި ކުށްތައް ކޮށްފައިތިބި ގައިދީން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދުގެ ނަމުގައި އާ ގަވައިދެއް މިދިޔަ އަހަރު ވަނީ އެކުލަވާލައިފަ އެވެ. އެ ގަވާއިދުގެ ދަށުން ވަކި ކަންތައްތަކެއް ފުރިހަމަ ކުރުމަށް ފަހު ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އަހުލާގަށް ބެލުމަށް ފަހު، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް އެ ކަން ފަހިކޮށްދިނުމުގެ ގޮތުން އެމީހުނަނަށް މައާފުދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދެކެވެ.

comment ކޮމެންޓް