ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ދަރިވަރަށް އެންމެ ފަހި ގޮތަށް ތައުލީމް ދިނުން: މިނިސްޓަރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް -- ފޮޓޯ/ އެޑިޔުކޭޝަން

ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު ބިނާވެފައިވަނީ ދަރިވަރަށް އުގެނުމަށް ފަހި، ރައްކާތެރި މާހައުލެއް ބިނާކޮށްދިނުމާއެކު، ދަރިވަރު ޝައުގުވެރިވާ ދާއިރާއިން ކުރިއަށްދިއުމުގެ މަގު ފަހިކޮށްކޮށްދިނުމަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހެލްތް ސްކްރީނިންގް ރިޕޯޓް އާންމުކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. އައިޝަތު ޝިހާމު ވިދާޅުވީ ދަރިވަރެއްގެ ތަޢުލީމާ ގުޅިފައިވާ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށާއި އޭގެ ތެރޭގައި ދަރިވަރުގެ ސިއްޙަތާއި، އެ ދަރިވަރަކަށް ތަޢުލީމު އުނގެނުމުން މަހްރޫމްވެދާނެ ކަންތައްތައްވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެފަދަ ކަންތައްތައް ދެނެގަނެ އެކަމަށް ހައްލުގެނައުން ކަމަށެވެ.

" ފާއިތުވީ 4 އަހަރަކީ، ތަޢުލީމީ ދާއިރާއަށް ގިނަ ހެޔޮ ބަދަލުތަކެއް އަންނަމުންދާ ދުވަސްތަކެއް. ދަރިވަރުންގެ ހެވާ ލާބައަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްތަކެއް. ކޮންމެ ކުއްޖަކީ މުހިއްމު އަދި ހުނަރުވެރި ކުއްޖެއްކަމުގައި ގަބޫލުކޮށް، ކިޔަވައިދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވެމުންދާ ދުވަސްތަކެއް. ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ސްކޫލަކީ، ދަރިވަރަށް، ރައްކާތެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ،" މިނިސްޓަރ. ޑރ އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ސްކޫލްތައް ހިންގެވުމަށް ތިއްބެވި ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް 43 އިންސައްތައިން 83 އިން ސައްތައަށް މަތި ކުރެވިފައިވާ ކަމަށެވެ. އަދި ތައުލިމީ ދާއިރާ ހަރުދަނާ ކުރުމަށް ޑިޕްލޮމާ ފެންވަރަށް މަތިކޮށް، 1123 ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކުރެވިފައިވާކަމަށެވެ.

" މިއީ މިހާތަނަށް ތަޢުލީމީ ނިޒާމުގައި ކުރެވިފައިވާ ކަމެއްނޫން. މިއަދު އަޅުގަނޑުމެން އަމާޒު ހިފާފައިމިހުރީ، 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރުމުގެ އުއްމީދީ މަސައްކަތާ،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ދަރިވަރުން އުނގެނުމުން މަހްރޫމް ވެދާ ފަދަ ކަންތައްތައް ބަލައި، ދުރާލާ އެކަމަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ގްރޭޑް 1 ގެ ދަރިވަރުންނަށް ހިންގާ ރިސްކް އެސެސްމެންޓް ޕްރޮގްރާމްގެ ދަށުން ފާއިތުވީ 2 އަހަރުގެ ތެރޭގައި 13،415 ދަރިވަރުން ސްކްރީން ކުރެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މިއަދު ހޮޓެލްޖެންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ހެލްތް މިނިސްޓަރު ނާޒިމް އިބްރާހިމްގެ އިތުރުން ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑާއިގަނެފައެވެ.

comment ކޮމެންޓް