ދާހިއްލަނީ އެވެ. ހާސްވަނީ އެވެ. މޭ ނުބައިކުރަނީ އެވެ. ހޮޑު ލަވަނީ އެވެ. ތެޅިއްޖެ އެވެ. ކިތަންމެ ވަރަކަށްވެސް ދޮރުފަތުގައި ތެޅިއްޖެއެވެ. އެކަމަކު އެކަކުވެސް ނައެވެ. އަޑު އިވޭކަމަކަށްވެސް ނުހެދި އެވެ. ފޯނު ކުރެވިއްޖެ އެވެ. ދަންނަ ހުރިހާ ނަންބަރަކަށްވެސް ގުޅިއްޖެ އެވެ. އެކަކުވެސް ފޯނެއް ނުނެގި އެވެ. މިއީ އަނެއްކާ ރޭވުމެއް ބާވައެވެ؟ އެކަމަކު މިފަދަ ރޭވުމެއް ރާވަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކުރީ ކޮން ކުށެއް ހެއްޔެވެ؟

މިހާ ޅަ އުމުރުގައި އަހަރެން އަމިއްލަ ގައުމު ދޫކޮށްފައި އައިސް ބޭރު ގައުމެއްގައި އުޅެން މި ޖެހުނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އަހަރެންގެ އުމުރުން އަދި އަށާރަ އަހަރު ނުފުރެއެވެ. މި އުމުރުގެ އެހެން ކުދިން އުޅޭހެން ސްކޫލަކަށް ގޮސް ކިޔަވަން އަހަރެންވެސް ބޭނުމެވެ. މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ނިދާލަން ބޭނުމެވެ. އެމީހުންގެ ލޯބިވެތި ފިރުމުން ތަކުގެ އުފާ ހާޞިލުކުރަން ބޭނުމެވެ. ދަރިފުޅާއޭ ކިޔާ އެއް ފަހަރު ނަމަވެސް ގޮވައިލާ އަޑު އަހާލަންވެސް ބޭނުމެވެ. އެކަމަކު ތަގުދީރު މިއަދު އަހަންނަށް ކުރިމަތި ކުރުވީ އެއަށްވުރެ މާ ނިކަމެތި ހާލަތެކެވެ. ބަދު ދުވަސްތަކެކެވެ.

އެއީ އެއްދުވަހެއްގެ މެންދުރުކުރީގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން އުޅުނީ ގޭތެރޭގައި މަންމައާއެކު ކޮންމެވެސް މަސައްކަތެއްގަ އެވެ. އިރުކޮޅަކުން ގެއަށް އައީ ބައްޕަ އެވެ. ބައްޕަގެ މޫނުމަތީގައި ހުރީ އުފާވެރިކަމެވެ. ބައްޕަ އައިސް އަހަރެންގެ ގައިގައި ބައްދާލި އެވެ. ދިނީ އުފަލުން ފުރިގެން ދިޔަ ޚަބަރެކެވެ. ވަރަށް ކުރިއްސުރެ އަހަރެން ދެކެމުން އައި ހުފެނެއް ހަގީގަތަކަށް ވާން އުޅޭ ކަމުގެ އުފާވެރި ޚަބަރެވެ. މަތީތަޢުލީމް ޙާޞިލު ކުރުމަށްޓަކައި އަންނަ އަހަރު މެލޭޝިޔާއަށް އަހަރެން ފޮނުވުމުގެ ހުރިހާކަމެއް ހަމަޖެނު ކަމުގެ އުފާވެރި ޚަބަރެވެ. އަހަންނަށް ރޮވުނެވެ. އުފަލުން ނެވެ. މަންމައާއި ބައްޕަގެ ލޮލުންވެސް ކަރުނަ ހިލުނުތަން އަހަރެން ދުށީމެވެ.

އެއީ ބައްޕައާއި މަންމަގެ ވެސް ހާދަ ފޮނި އުއްމީދެކެވެ. ޒަމާންވީ ހުވަފެނެކެވެ. އަހަރެން ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެން ބައްޕަ ބުރަކޮށް މަސައްކަތް ކުރީ އަހަރެންގެ މުސްތަގުބަލަށްޓަކަ އެވެ. ފައިސާ ޖަމާކުރި އެވެ. ގޮތްތަކެއް ހޯދި އެވެ. އެއީ އެ ހުރިހާ ކަމެއް މުޅިން ހަމަޖެހުނު ދުވަހެވެ. އަހަރެން އެރޭ ނިދީ އުފަލާއެކުގަ އެވެ. މާދަމާއަށް ކުރަމުން ދިޔަ ފޮނި އުންމީދުތަކަކާ އެކުގަ އެވެ.

އިންސާނުން ކަންކަން ތަދުބީރު ކުރަމުން ދާއިރު، ތަޤުދީރުގައި ލިޔެވިފައިވަނީ ކިހިނެއްކަން އެނގޭނެ ހަމަ އެކަކުވެސް ނުހުންނާނެ އެވެ. އަހަރެންގެ ޙަޔާތް ވެގެންދިޔައީ އޭގެ މިސާލަކަށެވެ. ޖެހިގެން އައި ދުވަސް ވެގެން ދިޔައީ އަހަރެންގެ މުޅި ޙަޔާތް އެފުށް މިފުށަށް ޖަހައިލި ދުވަހަކަށެވެ. ދެކެމުން އައި ފޮނި ހުވަފެންތަކާއި ކުރި އުއްމީދުތައް، އޮޔަށް ވަޔަށް ބުރައިގެން ދިޔަ ދުވަހަކަށެވެ. އޭޝިޔާގެ ގައުމުތައް ތަޅާ ސުންނާފަތި ކުރި ބިރުވެރި ސުނާމީގެ ބިޔަ ރާޅުތަކުގެ ތެރޭގައި އަހަރެންގެ ލޯބިވާ މަންމައާއި ބައްޕަ ގެއްލި ދިޔައީ އެވެ. ބައްޕަގެ އަތް ފައި ކޮށައިގެން އުމުރު ދުވަހު ކުރި މަސައްކަތުން އެޅި ގެ ގަނޑު، ފުނޑު ފުނޑުވެ ދިޔައީއެވެ.

އެދުވަހަކީ އިންސާނުންގެ ލޮލުން ކަރުނަ ހުސްވާނޭ ނަމަ އަހަރެންގެ ދެ ލޮލުން ކަރުނަ ހުސްވާނޭ ދުވަހެކެވެ. އެހެނަސް ކުރާނޭ ކަމެއް ނެތެވެ. އިއްޔެ އަހަރެން ހެއްވީ އަހަންނަށް މި ހާތަނަށް ލިބުނު އެންމެ އުފާވެރި ޚަބަރާއެކުގަ އެވެ. މިއަދު އޭގެ އަނެއްކޮޅެވެ. އެންމެ ވޭންދެނިވި ޚަބަރެވެ.

އަހަރެން ބިކަވެއްޖެ އެވެ. ދުނިޔެއަށް ބާކީވެ ގިނަވެއްޖެ އެވެ. މުސްތަގުބަލަށް ކުރި ފޮނި، އުފާވެރި އުއްމީދުތައް ގެއްލި، ވަޔަށް އޮޔަށް ބެހިގެން ހިނގައްޖެއެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. މަންމައާއި ބައްޕަ ދިޔަމަގުން އަހަރެން ނުގެންދެވީ ކީއްވެގެން ބާވައެވެ؟ އެނިމާއެކަނި މި އޮތް ބޮޑު ދުނިޔޭގައި އަހަރެން މުޅި އުމުރު ވޭތި ކުރާނީ ކިހިނެއް ބާވައެވެ؟ އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. އަހަރެމެން މުސްލިމުންގެ މައްޗަށް ﷲ ވަނީ އެކަން ޙަރާން ކުރައްވާފަ އެވެ. އެހެންނޫންނަމަ މިހާރު އަހަރެން މި ދުނިޔެއަކު ނުހުރީސް ކަންނޭނގެ އެވެ.

ލޯ މަރައިލާއިރަށް ހީވަނީ މަންމަގެ ލޯބިވެތި މޫނު ފެންނަހެންނެވެ. ބައްޕަގެ އޯގާވެރި އަޑު އިވޭހެންނެވެ. ހީލައެވެ. ގޮވާލަ އެވެ. ލޯ ހުޅުވައިލުމާއެކު އެހުރިހާ ކަމެއް ގެއްލެއެވެ. އަވާމެންދުރަކަށް ވެދެއެވެ. މިއީ މިއަދު އަހަރެންގެ ހާލެވެ. މިފަދަ ހާލެއްގައި ރެފިއުޖީއެއްގެ ގޮތުގައި ވަގުތީ ހިޔަލުގެ ދުނިޔޭގައި އުޅެނިކޮށް، ކޮންމެވެސް ގޮތަކުން އަހަންނަށް ދިވެހި ރާއްޖެއަށް އައުމުގެ ފުރުޞަތު ލިބިއްޖެއެވެ. ހެޔޮ އެދޭ އަވަށްޓެރިއެއްގެ މަސައްކަތުންނެވެ. ދިރިއުޅުމުގެ އުއްމީދު ކޮންމެވެސް މިންވަރަކަށް އާވެ، ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ.
ދިވެހިރާއްޖެއަށް އަހަރެން އައީ ފޮނި އުއްމީދަކާއެކުގަ އެވެ. ގެއެއްގައި ގެންގުޅޭ މީހެއްގެ ގޮތުގައި ކަމަށްވިޔަސް، މުސާރައެއް ލިބޭނޭކަން އެނގޭތީ މުސްތަގުބަލަށް އުއްމީދު ކުރެވުނެވެ. އަނެއްކޮޅުން ދިވެހި ރާއްޖެއަކީ އަމާން ވެއްޓަކާއި، ހިތް ހެޔޮ ރައްޔިތަކާއި، ރީތި ސާފު މާޙައުލެއް ލިބިފައިވާ ފަޚުރުވެރި ގައުމެކޭ ބުނާއަޑު އިވިފައިވާތީ އެކަމާވެސް އުފާކުރީމެވެ.

އަހަންނަށް އުޅެން ޖެހުނީ، ކުޑަ ކުޑަ އާއިލާއެއް ދިރިއުޅޭ ފްލެޓެއްގަ އެވެ. ދެމަފިރިންނާއި އެ ދެމަފިރިންގެ ދެ ދަރިން ފިޔަވައި ދެން އުޅޭ ހަމައެކަނި މީހަކީ އަހަންނެވެ. އެ ދެމަފިރިން ރަނގަޅެވެ. ހިތްހެވެވެ. އެއީ ސަރުކާރު ވަޒީފާގައި އުޅޭ ދެމަފިރިން ކަމަށްވާތީ، އަހަރެންގެ މައިގަނޑު ކަމަކީ އެ ދެމަފިރިންގެ ކުޑަ ދެކުދިންގެ ކަންކަން ބެލެހެއްޓުމެވެ. އެއީ ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި ތިން އަހަރުގެ އަންހެން ކުއްޖެކެވެ. އެއީ ސިޔާސަ ދެކުދިންނެވެ. ފިރިހެން ކުއްޖާގެ ސިޔާސަކަން އަދި ވަކިން ބޮޑެވެ. ބައެއް ފަހަރު އެއްގޮތަކަށްވެސް ބުނާބަހެއް ނާހާނެއެވެ.

ކުއްލިއަކަށް މާބޮޑަށް ދާހިއްލަން ފަށައިފި އެވެ. ހާސްވާން ފަށައިފި އެވެ. ދޮރުފަތުގައި ތަޅައިގަނެވުނެވެ. ބޮކި ނިއްވާނުލިކަން ނަޞީބޭ ހިތަށް އެރިއެވެ. ގަޑިއަށް ބަލައިލިއިރު ހެނދުނު ހައެއް ޖަހަނީ އެވެ. މިއީ ރޭ އެގާރަ ނުޖަހަނީސް ފާޚާނާއަށް ވަން މީހާއެވެ. ދައްތައާއި ބޭބެ ވީ ޑިއުޓީގަ އެވެ. ދެކުދިން ޓީވީ ބަލަން ތިއްބާ ޓީވީ ނިއްވާލާފައި ނިދަން ހިނގާށޭ ބުނީމާ، އޭގެ އަދަބެއްގެ ގޮތުން ކުރި ކަމަކަށް ނޫނީ ނުވާނެ އެވެ. އަހަރެން ފާޚާނާއަށް ވަނީ ބޭރުން ތަންޑު އަޅުވަފާނޭ ކަމަކަށް ނޫނެވެ.

ހަގަޑި ބައިވިފަހުން ފޯނެއް އަތުވެއްޖެ އެވެ. އެއީ ތިރީ ބައިގައި އުޅޭ ކުއްޖެކެވެ. އަހަރެން ހާސްވެ ކަންބޮޑުވެގެން އެތައް ފަހަރަކު ގުޅާފައި އޮތުމުން ގުޅީއެވެ. އަހަންނަށް ރޮއިގަނެވުނެވެ. އޭނާ އައިސް ދޮރު ހުޅުވާލުމާއެކު އަހަންނަށް ވީގޮތްވެސް ނޭނގުނެވެ. އޭނާގެ ގައިގައި އޮޅުލައިގަނެވުނީއެވެ. އޭރު ކުޑަ ދެކުދިން ޓީވީ ބަލަން ތިބި ގޮތަށް، ސޯފާގައި ނިދިފައި ތިއްބެވެ. ޓީވީވެސް ހުރީ ހުޅުވި ގޮތަށެވެ. )ނިމުނީ(
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު