ޑޯޓްމަންޑްގެ ބަސް ކައިރީ އެއްޗެއް ގޮެއްވާލި މީހާގެ ޝަރީއަތް އަންނަ މަހު

ބޮރޫޝިއާ ޑޯޓްމަންޑްގެ ޓީމު ބަސް: އެ ޓީމުގެ ބަސް ކައިރީ އެއްޗެއް ގޮވައި، ދެ މީހަކަށް އަނިޔާވެފައިވޭ ---

މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާއި ފްރާންސްގެ މޮނާކޯ ކުޅުމަށް ހަމަ ޖެހިފައި އޮތް މެޗުގެ ކުރިން ޑޯޓްމަންޑްގެ ބަސް ކައިރީ އެއްޗެއް ގޮވާލީ ކަމަށް ދައުވާ ކުރާ މީހާގެ ޝަރީއަތް އަންނަ މަހުގެ 21 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފި އެވެ.

ޑޯޓްމަންޑް ބަސް ކައިރީ އެއްޗެއް ގޮވާލި އެ ހާދިސާއާ ގުޅިގެން ބަހުގެ ބިއްލޫރި ގަނޑުތަކުގައި ރެނދުލައި، ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ޖަރުމަން އަދި ރަޝިއާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ސާގެޖް ނަކަމަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް 28 މީހުން ގަސްތުގައި މަރާލުމަށް މަސައްކަތް ކުރި ކަމުގެ ދައުވާ އާއި ދެ މީހަކަށް ސީރިއަސް އަނިޔާ ދިނުމަށް މަސައްކަތް ކުރި ކަމުގެ ދައުވާ ވަނީ އުފުލާފައެވެ.

ސާގެޖްގެ މައްޗަށް އުފުލަފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ޖަރުމަނުގެ ގާނޫނުގައިވާ ގޮތުން ޕެރޯލްގެ ދަށުން އޭނާ 15 ނުވަތަ 17 އަހަރަށް ފަހު މިނިވަން ކުރެވޭނެއެވެ.

ކޯޓުން ބުނި ގޮތުގައި އެ މައްސަލައިގެ ޝަރީއަތް 18 ދުވަހަށް ބަހާލައިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

މި އަހަރުގެ އެޕްރީލް 11 ވަނަ ދުވަހު ހިނގި މި ހާދިސާގައި ޑޯޓްމަންޑް ކުޅުންތެރިން ދަތުރު ކުރި ބަސް ކައިރީ ތިން ގޮވުމެއް ވަނީ ގޮވާފައެވެ. މި ހަމަލާގެ ސަބަބުން އެ ޓީމުގެ ޑިފެންޑަރު މާކް ބާޓްރާ އަށް ވަނީ އަނިޔާވެ އަތުގެ ކުޑަ ހުޅުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ބަހާއެކު ދަތުރު ކުރި ފުލުހެއްގެ ކަންފަތައް މި ގޮވުންތަކުގެ ސަބަބުން ވަނީ އަނިޔާވެފައެވެ.

comment ކޮމެންޓް