ޒުވާނުންނަށް ހާއްސަކޮށްގެން ޒުވާނުންގެ ސަހަރުގައި ބާއްވާ އެންމެ ބޮޑު ފެސްޓިވަލް ހުކުރު ދުވަހު

ހުޅުމާލެ ސެންޓްރަލް ޕާކް -- ސަން ފޮޓޯ: މުހަންމަދު އަފްރާހް

ޒުވާނުންގެ ދުވަހާ ދިމާކޮށް ހުޅުމާލޭގައި ޒުވާނުންގެ ފެސްޓިވަލެއް ބޭއްވުމަށް ހަައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެއެވެ. މި ފެސްޓިވަލް އޮންނާނީ ހުކުރު ދުވަހުގެ ފަތިހުު 5:30 އިން އެރޭގެ މެންދަމު ބާރައަށެވެ.

އެޗްޑީސީއާ ބްލެކް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ބާއްވާ މި ހަރަކާތް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެއެވެ. ހުރިހާ ޒުވާނުންނަށްވެސް މި ފެސްޓިވަލަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެޗްޑީސީ އިން ބުނީ މިއީ ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށެވެ.

ގިނަ ހަރަކާތްތަކެއް އޮންނާނެ:

ހުކުރު ދުވަހުގެ ފެސްޓިވަލްގައި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ "ތީމްޕާކް" އެއްގެ އިހްސާސް ކުރެވޭނެ ގޮތަކަށް ކަމަށާ ޒުވާނުން ޝައުގުވެރިވާފަދަ ގިނަ ހަރަކާތްތަކާ ގޭމްތައްވެސް ޔޫތްފެސްޓްގައި ހިމެނޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އޭގެ ތެރޭ ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކާ، ބާބަކިއު، ކުޑަކުދިންގެ ހަވީރު، ޑީޖޭ ސެޝަން، މިއުޒިކް ޝޯ، ބައިކް ރައިޑް، ޔޯގާ ސެޝަން އަދި ކުޑަކުދިންގެ ފެންކުޅި ހަރަކާތެއްވެސް ހިމެނެއެވެ. ކުޅިވަރުތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ދާނެއެވެ. ކުޅިވަރުތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުން އެ ނިމުނީއެވެ.

މި ހަރަކާތް ކުރިއަށްދާ ވަގުތު އެކި ވައްތަރުގެ ކާބޯތަކެތި ލިބޭނެ ފުޑް ކޯޓުތައްވެސް ހުންނާނެއެވެ. ލައިވް މިއުޒިކް ކުރިއަށްދާއިރު ރާއްޖޭގެ އާޓިސްޓުންނާ ބޭރުގެ އާޓިސްޓުންގެ ހުށަހެޅުންތައްވެސް ފެންނާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ

އާއިލާ ތަކަށްވެސް ދެވޭނެ

އެޗްޑީސީ އިން ބުނީ މިއީ ހަމައެކަނި ޒުވާނުންނަށް ހާޢްސަ ފެސްޓެއް ނޫން ކަމަށާ، އާއިލާތަކަށްވެސް މި ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރި ވެވޭނެ ކަމަށެވެ. ޒުވާނުންގެދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރު ފުރާއަކަށް ވަނީ ހުޅުވާލާފައެވެ. ހުކުރު ދުވަހުގެ މި ބޮޑު އިވެންޓަށް އެންމެންވެސް ހުޅުމާލެ ދާންވާނެއެވެ.

comment ކޮމެންޓް