އީ ލާނިން ޕްލެޓް ފޯމް ތައާރަފު ކުރާނީ ބުރާސްފަތި ދުވަހު: އެޑިއުކޭޝަން

ޓިޗާސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާހީދު މުހައްމަދު ރަޝާދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަފްރާހު

ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން، ކިޔަވައި ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށް ހާއްސަކޮށްގެން އީ ލާނިން ޕްލެޓްފޯމެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ޕްލެޓްފޯމް ބުރާސްފަތި ދުވަހު ތައާރަފް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާހީދު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ ހަތަރު ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާހިދު ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭ ރާއްޖޭގެ ކިޔަވައިދިނުމުގެ މަންހަޖަށް ބޮޑެތި ބަދަލުތަކެއް ގެނވިފައިވާ ކަމަށާ، އެ ބަދަލުތައް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

އެކާވީސް ވަނަ ގަރުނުގެ ތައުލީމު ފޯރުކޮށްދިނުމަށް ތާއްޖޭގެ ތައުލީމީ ދާއިރާ އިން ބުރަ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭ ތައުލީމީ ދާއިރާ އިން ކޮށްފައިވާ މަސައްކަތްތަކުން އެކަން ސާބިތުވާނެ ކަމަށް ވެސް ނާހީދު ވިދާޅުވި އެވެ.

4 ވަނަ ޓީޗާސް ކޮންފަރެންސްގެ ޗެއާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަފްރާހު

އެ ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓި އަދި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ނިމިގެން ދިޔައީ ކާމިޔާބު ކޮންފަރެންސެއް ކަމަށާއި ކޮންފަރެންސްގައި ހުށަހެޅި ކަރުދާސްތަކުގެ ތެރޭ ދިވެހި ރާއްޖޭގައި ދިވެހި މުދައްރިސުން ހައްދަވާފައިވާ ރިސާޗުތައް ވެސް ހިމެނޭ ކަމަށެވެ.

"ކޮންފަރެންސްގެ ޗެއާގެ ހައިސިއްޔަތުން ދަންނަވާނީ މި ނިމުނު ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެކޭ. މިއީ ގިނަ މައުލޫމާތު ތަކެއް ހިއްސާކުރެވުނު، ވަރަށް ޕްރޮޑަކްޓިވް ކޮންފަރެންސެކޭ،" ޝަފީއު ވިދާޅުވި އެވެ.

ދެން ޓީޗަރުންގެ ކޮންފަރެންސެއް އޮންނާނީ 2019 ވަނަ އަހަރު ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ހަތަރު ވަނަ ޓީޗާސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު-- ސަން ފޮޓޯ/ އަފްރާހު

ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ކިޔަވައިދިނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބޭއްވި ކޮންފަރެންސްގައި 220 ބައިވެރިން ބައިވެރިވި އެވެ. މިއީ ކޭމްބްރިޖް ޔުނިވާސިޓީ ޕްރެސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

comment ކޮމެންޓް