ސަރުކާރުގެ ޕްރީ ސްކޫލްތަކަށް 600 އަށް ވުރެ ގިނަ ޓީޗަރުން ހޯދަނީ

"ކެންގަރޫ ކިޑްސް" ޕްރީ ސްކޫލު ދަރިވަރުންތަކަކާއެކު ފްރީ ސްކޫލު ޓީޗަރެއް-- ސަން ފޮޓޯ/ ހުސައިން ހަސަން

ސަރުކާރުން ހިންގާ ޕްރީ ސްކޫލްތަކަށް 600 އަށް ވުރެ ދާއިމީ ޓީޗަރުންގެ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ސަރުކާރުން ހިންގާ ޕްރީ ސްކޫލުތަކަށް ނަގާ ޓީޗަރުންގެ އަސާސީ މުސާރަ އުޅެނީ 7،000 ރުފިޔާ އާއި 9850 ރުފިޔާއާ ދެމެދުގަ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ލިބޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

ޕްރީ ސްކޫލު ޓީޗަރުން ނަގަނީ އަތޮޅު ތެރޭގެ ސްކޫލުތަކަށެވެ. ނަމަވެސް ހުޅުމާލެ އާއި ވިލިމާލޭގައި ސަރުކާރުން ހިންގާ ޕްރީ ސްކޫލުތަކަށް ޓީޗަރުން ނެގުނަށް ވަނީ އިއުލާންކޮށްފަ އެވެ.

މީގެ ކުރިން ސަރުކާރުގެ ޕްރީ ސްކޫލްތަކަށް ޓީޗަރުން ނަގަމުން ދިޔައީ ކޮންޓްރެކްޓް އުސޫލުން އަހަރު ދުވަހަށެވެ.

އެޑިއުކޭޝަންގެ އިއުލާނެއްގައި ބުނެފައި ވަނީ ވަޒީފާއަށް އެދޭ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އަށް ނުވަތަ ވަޒީފާ އިއުލާންކޮށްފައިވާ ސަރުކާރުގެ ސްކޫލަކަށް ހުށަހަޅަން ވާނެ ކަމަށެވެ.

ކުރިމަތިލާ ޓީޗަރުންގެ އިންޓަވިއު ކުރުން އޮންނާނީ މި މަހުގެ 22 އާއި 30 ވަނަ ދުވަހާ ދެމެދު ކަމަށް ވެސް އެޑިއުކޭޝަންގެ އިއުލާންގައިވެ އެވެ.

ޕްރީސްކޫލްތަކަށް ނަގާ ޓީޗަރުންގެ ޝަރުތަކީ އާލީ ޗައިލްޑްހުޑް ކެއާގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް ތިނެއް ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

ޕްރީ ސްކޫލް ހިންގުމުގެ ގާނޫނުގެ ދަށުން އެޑިއުކޭޝަނުން ހަދާފައިވާ ގަވާއިދުގަ ބުނާ ގޮތުން ފްރީ ސްކޫލް ކުދިންގެ ޖުމްލަ އާބާދީގެ ކޮންމެ 25 ކުއްޖަކަށް ޓީޗަރަކު ހުންނަން ޖެހެ އެވެ.

ޓީޗަރުންގެ އަދަދު 600 އަށްވުރެން މައްޗަށް އަރައެވެ. މާލެގައި ޕްރީ ސްކޫލްގެ ހިދުމަތް ދެމުން ދަނީ އަމިއްލަ ފަރާތްތަކުންނެވެ.

comment ކޮމެންޓް